އެއާ ވިސްޓާރާ އިން ރާއްޖެއަށް ޝެޑިއުލް ދަތުރު ފަށަނީ

އެއާ ވިސްޓާރާގެ ފްލައިޓެއް ވީއައިއޭ އަސް ޖައްސަނީ --- ފޮޓޯ: ވީއައިއޭ

އިންޑިއާގެ އެއާ ވިސްޓާރާ އިން ރާއްޖެ އާއިއިންޑިއާގެ މުމްބާއީ އާއި ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުން މާޗު މަހުގެ ތިންވަނަ ދުވަހުން ފެށިގެން އެއާ ވިސްޓާރާ އިން މާލެ-މުމްބާއީ ދަތުރުތައް ފަށާނެއެވެ.

މި ދަތުރުތައް ހަފްތާ އަކު ތިންދުވަހު ބާއްވަން ނިންމާފައިވާއިރު މިއީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ގާއިމްކޮށްފައިވާ އެއާ ބަބުލް އެގްރިމެންތުގެ ދަށުން ފަށާ ދަތުރު ތަކެކެވެ.

ދަތުރުތައް އޮންނާނީ އާދިއްތަ، ބުދަ އަދި ހޮނިހިރު ދުވަހުއެވެ. ޓިކެޓުގެ އަގު އުޅެނީ ދެކޮޅަށް 244 ޑޮލަރާއި 648 ޑޮލަރާ ދެމެދުއެވެ.

އެއާ ވިސްޓާރާ އަކީ އިންޑިއާގެ ޓާޓާ ގްރޫޕާއި، ސިންގަޕޯ އެއާލައިންސް ހިއްސާވެގެން އުފައްދާފައިވާ އެއާލައިނެކެވެ.

ރާއްޖެ-މުމްބާއީ ދަތުރުތަކުގައި އެއާ ވިސްޓާރާ އިން ބޭނުންކުރާނީ އޭ320 ނިއޯ އެއާކްރާފްޓެވެ.

އެއާ ވިސްޓަރާ އިން ބުނީ މާލެ-މުމްބާއީ ރޫޓުގެ ދަތުރުތަކަށް މިހާރު ޓިކެޓު ބުކް ކުރެވޭނެ ކަމަށެވެ. ރާއްޖެ އަށް އެތެރެވުމަށް ބޭނުންވާ ހުއްދަ އޮތް ކޮންމެ ފަރާތަކަށްވެސް އަދި ރާއްޖެ އިން އިންޑިއާ އަދާސް ދާން ބޭނުން ހުއްދަ އޮތް ކޮންމެ ފަރާތަކަށްވެސް އެއާ ވިސްޓާރާގެ ޓިކެޓު ބުކް ކުރެވޭނެކަމަށް ބުނެފައިވެއެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ގާއިމްކޮށްފައިވާ އެއާ ބަބުލް އެގްރިމެންޓުގެ ދަށުން އެއާ ވިސްޓަރާ އިން ރާއްޖެއަށް ޗާޓާޑް ދަތުރުތައް މިހާރުވެސް ބާއްވައެވެެ.

އިންޑިއާގެ ހަތަަރު އެއާލައިނަކުން މިވަގުތު ރާއްޖެއަށް ދަތުރު ކުރެއެވެ. އެއާ އިންޑިއާ، ގޯ އެއާ އަދިި އިންޑިގޯ އާއި ސްޕައިސް ޖެޓުން ރާއްޖެ އަށް ދަތުރު ކުރާއިރު ގޯ އެއާ އާއި އިންޑިގޯ އިން ރާއްޖެ-މުމްބާއީ ރޫޓުން ދަތުރު ކުރެއެވެ.

މި ދެ އެއާލައިނަކީވެސް ބަޖެޓު އެއާލައިނަށް ވާއިރު އެއާ ވިސްޓާރާއިން ދަތުރު ކުރާ ފަސިންޖަރުންނަށް ތިން ކްލާހަކުން ޓިކެޓު ގަނެވޭނެއެވެ.

އިންޑިއާ އަކީ ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. މިދިޔަ ހުކުރު ދުވަހާއި ހަމައަށް 26،292 ޓޫރިސްޓުން އިންޑިއާ އިން އައިސްފައިވާއިރު މިދިޔަ އަހަރު އިންޑިއާ އިން 62،960 ޓޫރިސްޓުން އައިސްފައިވެއެވެ.

comment ކޮމެންޓް