ކާށިދޫ ޗަސްބިމާއި "ވިކްޓްރީ ޝިޕްރެކް" ހިމާޔަތްކުރަން ނިންމައިފި

ހިމާޔަތް ކުރަން ނިންމި ވިކްޓްރީ ޝިޕްރެކް --

މާލެ އަތޮޅު ކާށިދޫ ޗަސްބިމާއި މޯލްޑިވްސް ވިކްޓްރީ ޝިޕްރެކް ހިމާޔަތްކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

އެ ދެ ސަރަހައްދު ހިމާޔަތްކުރުމަށް އެ މަނިކުފާނު ނިންމަވާފައި ވަނީ، އެންވަޔަރަމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުން ދެއްވި ލަފަޔާއެކު އެވެ.

ދިރޭ ތަކެތީގެ މުއްސަނދިކަން ލިބިފައިވާ ކާށިދޫ ޗަސްބިން ސަރަހައްދަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން 2003 މެއި 22 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަންޒުކަހަބު ދިރިއުޅޭ ސަރަހައްދެކެވެ. ކަންޒުކަހަބު ދިރިއުޅޭ ތިން ރަށެއް ރާއްޖޭގައި އޮންނައިރު، އޭގެ ތެރެއިން ކާށިދުއަކީ އެ ބާވަތުގެ ދިރުން އެންމެ ގިނަ ރަށެވެ. އޭގެ އިތުރުން އެ ސަރަހައްދަކީ ކަނޑޫފާ، ކުއްޅަވައްފާ ހިމެނޭ ގުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަހައްދެކެވެ.

ރައީސް އޮފީހުން ބުނީ، ކާށިދޫ ޗަސްބިން ހިމާޔަތްކުރުމުގެ ބޭނުމަކީ އެ ސަރަހައްދު ރައްކާތެރިކޮށް ދެމެހެއްޓުމާއި، ހާއްސަކޮށް ކަންޒުކަހަބު ހިމާޔަތްކުރުމުގެ މަގްސަދު ހާސިލުވާނީ އެ ތަކެތި ދިރިއުޅޭ މާހައުލު ހިމާޔަތްކޮށްގެންކަމުގައި ވާތީ ކަމަށެވެ.

އޭގެ އިތުރުން އެ ސަރަހައްދަކީ ރާއްޖޭގައި ވަރަށް މަދު ރަށެއްގައި ނޫނީ ނުހެދޭ ކުއްޅަވައް ގަސް ގިނަ އަދަދަކަށް ހެދިފައިވާ ސަރަޙައްދެއްކަމުގައިވާތީ އެ ބާވަތުގެ ގަސްތަކާ ވެސް އެކު ގުދުރަތީ އެ މާހައުލު ހިމާޔަތްކޮށް ދިރުންތައް ދިރުވާ އާލާކުރުމަށް ކަމަށެވެ.

ދެން ހިމާޔަތްކުރަން ނިންމި ސަރަހައްދަކީ 1981 ވަނަ އަހަރު ހުޅުލޭ ހުޅަނގު ދެކުނު ފަރާތަށް "މޯލްޑިވްސް ވިކްޓަރީ" އަޑިއަށް ދިޔަ ސަރަހައްދެވެ. އެ ބޯޓު އަޑިއަށްގޮސްފައިވާ ސަރަހައްދަކީ މިހާރު "އާޓިފިޝަލް" ފަރެއް ހެދިފައިވާ، މުރަކައާއި މަސްމަހާމެހިން މުއްސަނދިވެފައިވާ ސަރަހައްދެކެވެ. އަދި އެއީ ރާއްޖޭގައި ޑައިވްކުރާ އެންމެ މަޝްހޫރު އެއް ޝިޕްރެކް ކަމަށްވުމުގެ އިތުރުން ދިރޭ ތަކެތިން މުއްސަނދިވެފައިވާ ވަރަށް ހާއްސަ މާހައުލެއް ލިބިފައިވާ ސަރަހައްދެކެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިހާތަނަށް މާލެ އަތޮޅުގެ 13 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ޑައިވް ސައިޓަކާއި، ރަސްފަރި އަދި ކ. ހުރާގެ ކަނޑޫފާ ސަރަހައްދެވެ.

އޭގެ އިތުރުން ވެސް، ބޮޑު ތިލަދުންމަތީގެ 14 ސަރަހައްދަކާއި، އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި، ފުވައްމުލަކު ސިޓީގެ އެއް ސަރަޙައްދު އަދި ފާދިއްޕޮޅުގެ ފަސް ސަރަހައްދެއް މި ސަރުކާރުން ވަނީ ހިމާޔަތްކޮށްފަ އެވެ. ކުރިން ހިމާޔަތްކޮށްފައިވާ 47 ސަރަހައްދަކާއި، މި ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއެކު ޖުމްލަ 71 ސަރަހައްދެއް ރާއްޖެގައި ވަނީ ހިމާޔަތްކޮށްފަ އެވެ.

comment ކޮމެންޓް