ހަވީރު ހަޔަކުން ފެށިގެން އުޅަނދު ދުއްވުން މަނާކޮށްފި

މާލޭ މަގުމަތި -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދުން ފެށިގެން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އާންމު ކުރި އެންގުމުގައި ވަނީ ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލުކޮށް ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނު ކޮށްފައިވާއިރު، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުން، މި ހިނދުން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރާ ކަމަށެވެ.

މި ހާލަތުގައި މި ކަމުން އިސްތިސްނާވާނީ، ސިފައިންނާއި ފުލުުހުންގެ އިތުރުން ސިއހީ ހިދުމަތްދޭ ތަންތަނުގެ އުޅަނދުތަކާއި އެތަންތަނުގެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި އެމްބިޔުލަންސްގެ އިތުރުން އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތަކާއި އިމަޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތަކެވެ.

ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފައިވަނީ، މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް ބަލި ފެތުރޭ މިންވަރު ކޮންޓްރޯލު ވެފައި ނުވާތީ އެވެ.

މީގެ ކުރިން މިމަހުގެ ދެވަނަ ދުވަހު އެޗްޕީއޭ އިން ނިންމާފައިވަނީ ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ދެ ހަފްތާ އަށް މަނާކުރުމަށެވެ.

އަދި ރޭގަނޑު 11 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.

އިއްޔެވެސް 186 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މިއާއެކު ޖުމްލަ 17،387 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް 56 މީހަކު ވަނީ ރާއްޖެއިން ކޮވިޑު ޖެހިގެން މަރުވެފައެވެ.

މިވަގުތު 2،243 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 211 މީހަކު ތިބީ ހޮސްޕިޓަލުގައެވެ.

comment ކޮމެންޓް