އަލީ ވަހީދު ފުރަން ފުރުސަތު ދިނުން ހަތަރު ޖަމިއްޔާއަކުން ކުށްވެރިކޮށްފި

ޖެނުއަރީ 30، 2020: ޖިންސީ ގޯނާގެ އެތައް ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު - ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ނިންމި ނިންމުމަކީ، ޖިންސީ އަނިޔާ ލިބޭ ފަރާތްތަކަށް އެފަދަ މައްސަލަތައް ހުށަހެޅުމަށް އެޅުނު ހުރަހެއް ކަމަށް ބުނެ ހަތަރު މަދަނީ ޖަމިއްޔާއަކުން އެކަން ކުށްވެރިކޮށްފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ މިދިޔަ ޖުލައި މަހު އެވެ. އެ އަމުރު މުރާޖައާކުރަން މިދިޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި، އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ނިންމެވީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދެވެ. ގާޒީ ހަސަން ސައީދުގެ އެ ނިންމުން ނިންމެވިތާ މާކަ ގިނައިރުތަކެއް ނުވެ އަލީ ވަހީދު ވަނީ ފުރައިގެން އިނގިރޭސިވިލާތަށް ގޮސްފަ އެވެ.

އެކަމާ ގުޅިގެން، ޓްރާންސްޕޭރެންސީ މޯލްޑިވްސް، ފެމިލީ ލީގަލް ކްލިނިކް، ހޯޕް ފޯ ވިމެން، އަދި އުތެމަ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އެންމެ ޑޮކްޓަރެއްގެ ބަހުގެ މައްޗަށް، އެއްވެސް ޓްރެވެލް ރެސްޓްރިކްޝަން ފިޔަވަޅެއް އެޅުމެއް ނެތި، މުތުލަގު ގޮތެއްގައި އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޖަމިއްޔާތަކުން ބުނެފައިވެ އެވެ.

އަލީ ވަހީދަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ރޭޕް ކުރަން އުޅުމުގެ ދައުވާ ހިމެނޭ ކަމާއި ރޭޕް ކުރުމަކީ ޖިނާއީ ބޮޑު ކުށެއްކަން އެ ޖަމިއްޔާތަކުން ފާހަގަ ކުރި އެވެ.

އެފަދަ ބޮޑު ޖިނާއީ މައްސަލަތަކެއް ހުށަހެޅިފައިވަނިކޮށް އޭނާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ފުރުސަތު ދީފިނަމަ، މިފަހަރުވެސް އޭނާ އެނބުރި ރާއްޖެއަށް ނުގެނެވުމުގެ ފުރުސަތު އޮތްކަން ކްރިމިނަލް ކޯޓަށް ގަބޫލުކުރެވެން ވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ. އެއީ އޭނާއަކީ ކުރިންވެސް ރާއްޖޭގެ އިހްތިސާސް ނުހިނގާ ގޮތެއްގެ މަތިން އިނގިރޭސިވިލާތުން ހިމާޔަތް ހޯދައިގެން އެ ގައުމުގައި އުޅެފައިވާ ފަރާތެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، އެފަދަ ބޮޑު ޖިނާއީ މައްސަލައެއްގައި ތުހުމަތުވާ ފަރާތަކުން އޭނާއާ މެދު ޖާމިނުވާ ފަރާތެއް ބެހެއްޓުމުން ޕާސްޕޯޓް ދޫކޮށްލުމަކީ މީގެ ކުރިން ކޯޓުން އަމަލުކޮށްފައިވާ އުސޫލެއް ނޫން ކަމަށް ވެސް ބަޔާނުގައި އެވެ. ބަޔާނުގައި ބުނި ގޮތުގައި އެ ގޮތަށް އަމަލުކޮށްފައިވުމަކީ، އަންހެނުންނަށް ކުރާ ޖިންސީ އަނިޔާ އަދި ރޭޕްގެ ކުށްތަކުގެ މައްސަލަތަކަށް އިންސާފު ނުލިބިދާ މިންވަރަށް ބަލައި، އެފަދަ މައްސަލަތަކުގައި އިންސާފު ގާއިމްކުރުމަށް އެޅިގެންދިޔަ ބޮޑު ހުރަހެކެވެ. އަދި އެ ނިންމުމަކީ ޖިންސީ އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރުމަށް އެޅިގެން ދިޔަ ހުރަހެއް ކަމަށްވެސް ބުނެފައިވެ އެވެ.

"ޖިންސީ އަނިޔާ ރާއްޖޭގައި އާންމުވެފައިވާ ނިސްބަތަށް ބަލާއިރު ރިޕޯޓުކުރެވެނީ ވަރަށް މަދުން ކަން ފާހަގަވާއިރު، ކްރިމިނަލް ކޯޓުގެ ނިންމުމަކީ، ޖިންސީ އަނިޔާގެ އަމަލުތައް ރިޕޯޓުކުރުމަށްވެސް އެޅިގެންދިޔަ ހުރަހެއްކަން މި ޖަމިއްޔާތަކުން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ޖަމިއްޔާތަކުން އިތުރަށް ބުނެފައި ވަނީ، ޖިންސީ އަނިޔާގެ އަމަލުތައް ހުއްޓުވުމަށްޓަކައި، އަނިޔާގެ އަމަލުތައް ރައްދުވާ ފަރާތްތަކަށް އިންސާފު ގާއިމްކޮށްދިނުމާއި، އިންސާފް ގާއިމްކޮށްދެވޭ ތަން ފެންނަންޖެހޭނެ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ނިންމާފައިވަނީ، އެ ގާޒީއެއްގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލައެއް މަދަނީ މިންގަނޑުން ސާބިތުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ގާޒީއެއް ކަމަށްވެސް އެ ޖަމިއްޔާތަކުން ބުނެފައިވެ އެވެ. އަދި ޖިންސީ އަނިޔާގެ މައްސަލަތަކަށް އެކަށީގެންވާ މިންވަރަކަށް ހޭލުންތެރިވެފައިނުވާ ފަނޑިޔާރުން އެފަދަ މައްސަލަތައް ބަލަމުންގެންދާތީ، ޖިންސީ އަނިޔާގެ އަމަލުތައް ރައްދުވާ ފަރާތްތަކަށް އިންސާފު ލިބުމުގެ ފުރުސަތު ވަރަށް ކުޑަކަމަށްވެސް ބުނެފައިވެ އެވެ.

"ކްރިމިނަލް ކޯޓުން މި މައްސަލައިގައި ކަންކޮށްފައިވާ ގޮތަކީ، އަލީ ވަހީދުގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ 13 އަންހެނުންނަށާއި ރާއްޖޭގައި ޖިންސީ އަނިޔާގެ ޝިކާރައަކަށް ކޮންމެ ދުވަހަކު ވަމުންދާ އަންހެނުންނާ ކުޑަކުދިންނަށްވެސް، ކޯޓާ ދޭތެރޭ އިތުބާރު ނެތިގެންދާނޭ ފަދަ ގޮތަކަށް ކަމީ މި ޖަމިއްޔާތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ،"

އޭގެ އިތުރުން، އެފަދަ ނިންމުމެއްގެ ސަބަބުން ޖިންސީ އަނިޔާކުރާ މީހުންނަށާއި، ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ބާރުގަދަ ފަރާތްތަކަށް ގާނޫނުގެ ބާރު ނުފޯރާނެ ކަމަށް ދުށުމުގެ ފުރުސަ ބޮޑުވެ، ޖިނާއީ ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބިގެންދިއުމަށް ފަހިވާނެ ކަމަށް ދެކޭ ކަމަށްވެސް ބުނެފައިވެ އެވެ.

އެ ޖަމިއްޔާތަކުން އަދި ބުނީ، އެހެންކަމުން އެގޮތަށް ކޯޓަށް ކަންކުރަން ޖާގަލިބިދޭ "އިދާރީ އަދި އިޖުރާއީ ބަލިކަށިކަން" ފިލުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެ ހަތަރު ޖަމިއްޔާއިން ވަނީ ރާއްޖޭގެ ކޯޓުތަކާއި މުޅި ޝަރުއީ ނިޒާމަކީ ހުރިހާ އެންމެންނަށްވެސް އިތުބާރުކުރެވޭ، ގަދަރު ލިބިގެންވާ ހަރުދަނާ ހިދުމަތަކަށް ހެދުމަށް ޓަކައި އަލީ ވަހީދުގެ މައްސަލަ ހިނގާފައިވާގޮތް ފުރިހަމައަށް ބެލުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ގޮވާލަފަ އެވެ. އަދި އިހުމާލުވާ ފަރާތްތައް ޒިންމާދާރު މަގާމުތަކުގައި ތިބުމަކީ ރާއްޖޭގެ އަންހެނުންނަށް އިންސާފު ލިބުމަށް އޮތް ހުރަހެއް ކަމަށް ބުނެ، އެކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށްވެސް ގޮވާލި އެވެ.

ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި އަލީ ވަހީދަށް ރާއްޖެއެއިން ބޭރުން ބޭސްފަރުވާ ކުރަން ޖެހޭ ކަމަށް ޑޮކްޓަރަކު ވިދާޅުވެފައިވެ އެވެ. އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ އަލީ ވަހީދަށް ޖާމިނުވެފަ އެވެ. ހަތަރު މަސް ތެރޭ އަލީ ވަހީދު ގެންނާނެކަމުގެ ޔަގީންކަން އޭނާ ދީފައިވެ އެވެ. އެ މުއްދަތުގައި އޭނާ ނައިސްފި ނަމަ އަޑުބަރޭއަށް އަދަބު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އުފުލާފައިވެ އެވެ. އަލީ ވަހީދު ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

comment ކޮމެންޓް