މާލެ ސަރަހައްދުން ދަތުރު ދާން ކަނޑައެޅި ރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ދަތުރު ދާނެ ރަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަކީ މިއަހަރަށް ނިންނަް އޮތް ޕްރޮޖެކްޓެއް ކަމަށެވެ. ނަމަވެސް ކޮވިޑް19 އާއެކު އެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
"ޕްލޭނިން މިނިސްޓްރީ އިން މި އަހަރަށް އަސްލު ހަމަ ނިންމަން އޮތް ޕްރޮޖެކްޓެއް، އެ ޕްރޮޖެކްޓަކީ. ދެ އެކަން ދިގު ދެމިގެން އެ ދިޔައިރުގައި، މިދިޔަ ޕީރިއަޑުގެ ތެރެއަށް ވަތް . އަދި ޕްރޮޖެކްޓު އިތުރަށް ކުރިއަށް ގެންދަން ނިންމާފައިވޭ، އެހެން ނަމަވެސް މިހާރު ނިންމަން ކަނޑައެޅިފައި އޮތް ޑޭޓޭއް އަޅުގަނނު އިތުރަށް ސާފު ކޮށްފައި ގެނެސްދޭނަން،" މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އެ ރަށުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި ނަމަވެސް ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުން ކުރަން ފެށޭނީ ކޮވިޑުގެ މި ހާލަތުން އަރައިގަނެވިގެން ކަމަށެވެ.
މާލެ ސަރަހައްދުން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވަނީ އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ރަށްތަކުގެ ތެރެއިން ރަށެކެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްވެސް މެއެވެ.
މި ރަށް ތަރައްގީކުރާނެ ޕްލޭން ދައްކާލާފައިވަނީ 2019 އޭޕްރީލް ދެވަނަ ދުވަހުއެވެ.
ސަރުކާރަށް އެއް އަހަރު ވާއިރު، މާލޭގެ ރައްޔިތުންނަށް މި ރަށް ޕިކްނިކް އައިލެންޑުގެ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އޭރު ވިދާޅުވެފައެވެ.