މާލެ ސަރަހައްދުން ދަތުރު ދާނެ ރަށެއް ކަނޑައަޅައި، ދައްކާލައިފިއެވެ.
މިއަދު އާޓްގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ރަށް ދައްކާލާފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސިންހަ އެސްޓޭޓުން އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ރަށްތަކުގެ ތެރެއިން ރަށެއް މާލެ ސަރަހައްދުން ދަތުރުދާން ކަނޑައަޅައި، އިއުލާނު ކުރިއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މި ރަށަށް މާލެއިން ފުރައިގެން 15 މިނެޓުން ފެރީގައި ދެވޭނެއެވެ. ގާތްގަނޑަކަށް 3.3 ހެކްޓަރުގެ މި ރަށުގައި ބީޗް އެކްޓިވިޓީސްތަކާއި ބާބަކިޔު، ބީޗް ސްޕޯޓްސް،ވޯޓާ ސްޕޯޓްސް ފެސިލިޓީ ވެސް ހުންނާނެއެވެ. ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބް އާއި ފެމެލީ ރޫމްސް، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޗޭންޖިން ރޫމް ގެ އިތުރުން ލައިފްގާޑުން ވެސް މި ރަށުގައި ތިބޭނެ ކަމަށް ސަރުކާރުން ބުންޏެވެ.
މީގެ ކުރިން މާލެ ސަރަހައްދުން ދަތުރުދާން ބޭނުންކުރީ ކުޑަ ބަނޑޮހެވެ. ނަމަވެސް އެރަށް ޓޫރިސްޓް ރިސޯޓެއްގައި ތަރައްގީ ކުރުމުން މާލެ ސަރަހައްދުގައި ދަތުރުދާނެ ރަށެއް މިހާތަނަށް އައިއިރު ނެތެވެ.
މި ރަށް ތަރައްގީކުރާނެ ޕްލޭން މިއަދު ދައްކާލިއިރު ސަރުކާރަށް އެއް އަހަރު ވާއިރު، މާލޭގެ ރައްޔިތުންނަށް މި ރަށް ޕިކްނިކް އައިލެންޑުގެ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.