"ސަލާހުއްދީން ސްކޫލް"ގެ ނަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ އާ ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު މުހައްމަދު އިރްފާނެވެ.
އަމީން ކޮންސްޓްރަކްޝަނާ މަޝްރޫއު ހަވާލުކޮށްފައި ވަނީ 118،336،879 ރުފިޔާގެ އަގަކަށް، 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އުންމީދަކީ 2022 ވަނަ އަހަރު މާރިޗް މަހުގެ ފަހުކޮޅުގައި މަސައްކަތް މުޅިން ނިންމާލެމުން ކަމަށެވެ.
މިއީ 2019 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މީގެކުރިން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އާ ސްކޫލު ޑިޒައިންކުރަނީ ވަށާޖެހޭ ތައުލީމީ ސިޔާސަތާ އެއްގޮތަށް ދަރިވަރުންނަށް އެފަދަ ތައުލީމެއް ދެވޭފަދަ ގޮތަކަށް ކަމަށެވެ. އަދި އެއީ 1000 ދަރިވަރުންގެ ޖާގައިގެ ސްކޫލަކަށް ވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހުޅުމާލޭގައި މިހާރު ތިން ސްކޫލު ހުރެއެވެ. އެެއީ ޣާޒީ ސްކޫލް ރެހެންދި ސްކޫލް އަދި ހުރަވީ ސްކޫލް އެވެ. އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ މާލޭ ސަރަހައްދުތަކުގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް އާ 10 ސްކޫލު ބޭނުންވާ ކަމަށެވެ.
އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަދުވެގެން ތިން ސްކޫލު އަޅާނެކަމަށް މީގެކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފަ އެވެ.