ހުޅުމާލެ ފޭސް ދޭއްގެ ބީޗް ހަޓް ސަރަހައްދު "ގޮނޑަކަށް"

ފޭސް ދޭއްގެ ހަޓް ސަރަހައްދު ގޮނޑުވެފައި --

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދޫކޮށްފައިވާ ހަޓް ސަރަހައްދު ގޮނޑުވުން އާންމުވެ ގިނަ ބަޔަކު އެ ކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ފޭސް ދޭއްގެ ބީޗު ސަރަހައްދުގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ކުދި ވިޔަފާރިވެރިންނަށް ޚާއްސަކޮށް ކުދި ހަޓްތަކެއް ހުންނަނީ ވިޔަފާރިކުރަން ކުއްޔަށް ދޫކޮށްފައެވެ.

ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު އެ ހަޓްތަކުން ވިޔަފާރިކުރެއެވެ. ލުއިކާނާގެ އެކި ބާވަތްތައް އެ ތަންތަނުން ވިއްކާއިރު، ކޮންމެ ރެއަކު ހަޓްތައް ބަންދުކުރާއިރު މުޅި ސަރަހައްދުގައި ޕްލާސްޓިކް ކޮތަޅާއި، ކަރުދާސް ތަށި އުކައި ގޮނޑުކޮށްފައި ހުރުމުގެ ކަންބޮޑުވުން އާންމުން ފާޅުކުރެއެވެ.

އެގޮތުން މިހާރު ވެސް ސޯޝަލް މީޑިއާގައި މި ކަންބޮޑުވުންތައް ފާޅުކުރަމުން އަންނައިރު، ވަރަށް ފަހުން އެ ސަރަހައްދުގައި ނައިޓްމާކެޓެއް ވެސް ވަނީ ބާއްވައިފައެވެ. އެ ނައިޓްމާކެޓު ނިންމައި ސްޓޯލްތައް ނެގިއިރު އެ ތަނުގައި ހުރި ކުނިތަކާއެކު މުޅި ތަން "ގޮނޑު"ވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ކަންބޮޑުވުންތަކާއެކު، އެ ސަރަހައްދުގައި ޑަސްބިން މަދުވުމުގެ ޝަކުވާއާއި، ޑަސްބިންތައް ފުރުމުން ވެސް ހުސްނުކޮށް ހުންނަ ކަމުގެ ޝަކުވާ ވެސް ބައެއް އާންމުން ވަނީ ސޯޝަލް މީޑިއާގައި ފާޅުކޮށްފައެވެ.

އެއާއެކު އެއް ބަޔަކު ވަނީ، އެ ހަޓްތައް އެ ތަނުން ނެގުމާމެދު އެޗްޑީސީން ވިސްނަންވެއްޖެ ކަމަށް ވެސް ބުނެފައެވެ.

އާންމު ސަރަހައްދުތަކަށް ކުނި އެޅުމުގެ އާދަ އަދިވެސް ދިވެހި މުޖުތަމައުގެ ތެރޭގައި އާންމެވެ. އެގޮތުން ބޭނުން ނުކޮށް އުކައިލާ ފަރުނީޗަރު މަގުމަތީ ނެރެ ބެހެއްޓުމާއި، ކުނިވާ ޒާތުގެ ކުނި ކޮތަޅުތައް ވެސް މަގުތައް މަތީ ބެެހެއްޓުން އާންމެވެ. މާލެއާއި ހުޅުމާލޭގެ އެކި ސަރަަހައްދުތަކުގައި އަދިވެސް މިއީ އާންމު މަންޒަރެކެވެ.

comment ކޮމެންޓް