އިދިކޮޅުން ރިޔާސީ ބަޔާން ބޮއިކޮޓްކޮށްފި

އިދިކޮޅުން މަޖިލީހުގައި އިހްތިޖާޖް ކުރަމުން ދިޔަ އިރު ދެ ރައީސުން އެ މަންޒަރު ބައްލަވަނީ ---

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް މެމްބަރުން، ރައީސުލްޖުމްހޫރިއްޔާ މިއަދު ރިޔާސީ ބަޔާން އިއްވެވި ޖަލްސާ ބޮއިކޮޓްކޮށްފި އެވެ.

މިއަހަރަށް މަޖިލިސް ހުޅުވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަމުން ދިޔައިރު، އިދިކޮޅު މެމްބަރުން ދިޔައީ މަޖިލިސް ތަޅުމުގެ ބޭރުގައި އިހްތިޖާޖް ކުރަމުންނެވެ.

އިދިކޮޅަށް ނިސްބަތްވާ މާވަށު ދާއިރާގެ މެމްބަރު އަދި ޕިއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މިއަދު "ސަން"އަށް ވިދާޅުވީ، އެ ޖަލްސާ ބޮއިކޮޓް ކުރީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބާއްވައިގެން "ނުހައްގުން އަނިޔާތައް" ދެމުންދާތީ ކަމަށެވެ.

"ބޮއިކޮޓް ކުރީ އަޅުގަނޑުމެން ގަބޫލެއް ނުކުރަން އިދިކޮޅު ލީޑަރަށް [ރައީސް ޔާމީނަށް] ނުހައްގުން އަނިޔާ ދެމުންދާއިރު، ޑިމޮކްރަސީގެ އެންމެހާ އަސާސްތައް ހިމާޔަތް ކުރެވިފައިވާކަން،" ސައީދު ވިދާޅުވި އެވެ.

އިދިކޮޅު ބައެއް މެމްބަރުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޯވާލައި ލިޔެފައިވާ ބެނާއެއް ހިފައިގެން މަޖިލިސް ތަޅުމަށް ވަންނަން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް މަޖިލިހުގެ ސެކިއުރިޓީން ބެނާ ހިފައިން އިދިކޮޅު މެމްބަރުން ތަޅުމަށް ވަނުމަށް ފުރުސަތެެއް ނުދިނެވެ.

"ބެނާތައް ހިފައިގެން ނުވަދެވޭނެ ކަމަށް ސިފައިން އެންގި. އެހެންވެ ބެނާ ހިފައިގެން ތިބީ [ތަޅުމުގެ ބޭރުގައި]. އެއީ އަޅުގަނޑުމެން ދޭން ބޭނުންވި މެސެޖަކީ،" ސައީދު ވިދާޅުވި އެވެ.

އެ ބެނާ ހިފައިގެން ތަޅުމުގެ ބޭރުގައި އިދިކޮޅު މެމްބަރުން ތިއްބާ އެތަން ހުރަސްކޮށް ރައީސް ސޯލިހުވެސް ވަޑައިގެންނެވި އެވެ. އަދި އިދިކޮޅު މެމްބަރުންނާ ވާހަކަ ދެއްކެވި މަންޒަރުވެސް ފެނުނެވެ.

ސައީދު ވިދާޅުވީ އިދިކޮޅު ލީޑަރަށް އިންސާފު ނުލިބި، ޖަލުގައި ބަހައްޓާފައިވާ ހުރުމަކީ އެމަނިކުފާނަށް ދެމުން ދެމުން ގެންދާ އަނިޔާއެއް ކަމަށް ރައީސް ސޯލިހުގެ އަރިހުގައި ދެންނެވި ކަމަށެވެ. އަދި އެ އަނިޔާ ދިނުން ހުއްޓާލައި، މިހާރަށް މިހާރަށް ރައީސް ޔާމީން މިނިވަން ކުރުމަށް އެދިވަޑައިގެންނެވި ކަމަށް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން އެންމެ ކުޑަމިނިން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް. އަދި ރައީސް ޔާމީނަށް އިންސާފު ލިބޭނެ ގޮތް ހަދައިދީ، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ނުފޯރުވުމަށް ރައީސަށް ދެންނެވިން. [ޖަވާބުގައި] ރައީސް ވިދާޅުވީ އެކަންކަން ބަލައި ދޭނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބު އޮތް އިރު، ސަރުކާރުން ބޭނުންވަނީ މަޖިލިސް އިންތިހާބުގައިވެސް ރައީސް ޔާމީން ޖަލުގައި ބައްވައިގެން އިންތިހާބު ކާމިޔާބު ކުރި ގޮތަށް، މި އިންތިހާބުވެސް ކާމިޔާބު ކުރުމަށްކަމަށް ސައީދު ވިދާޅުވިއެވެ.

އިދިކޮޅު މަޖިލިސް މެމްބަރުން މަޖިލީހުގައި އިހްތިޖާޖް ކުރި އިރު، ރިޔާސީ ބަޔާން އިއްވަމުން ދިޔަ ވަގުތު އިދިކޮޅު ސަޕޯޓަރުން ވަނީ މަޖިލިސް ކައިރީގައިވެސް މުޒާހަރާކޮށްފައެވެ.

comment ކޮމެންޓް