މިއަހަރު އިތުރު 18 ރިސޯޓު ހުޅުވާނެ، 9،000 އާ ވަޒީފާ އުފެދޭނެ: ރައީސް

2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ --

މިއަހަރު ހުޅުވާ ރިސޯޓުތަކުން 9000 އައު ވަޒީފާ އުފެއްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރުމަށް ގާނޫނަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

ހަމައެއާއެކު މިއަހަރުވެސް އިތުރު ރިސޯޓުތަކެއް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށާއި އެ ރިސޯޓުތަކާއެކު އިތުރު ވަޒީފާގެ ފުރުސަތުތަކެއް އުފެދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިހާރު ތަރައްގީކުރަމުން އަންނަ ރިސޯޓުތަކާއެކު މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާކެޓަށް ނެރެވޭނެ ކަމަށް އަންދާޒާކުރެވޭ. އެހެންކަމުން ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް އިތުރު 9000 ވަޒީފާ މިއަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭ." ރައީސް ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ވަޒީފާތައް މިއަހަރު ހުޅުވޭނެ ކަމަށް ރައީސް ވިދާޅުވިއިރު، ސިނާއަތްތައް ފުޅާކުރުމަށްޓަކައި އެ ސިނާއަތަކަށް ބޭނުންވާ މީހުން ބިނާކުރަން ކޮންމެ އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ޕްރޮގްރާމްގެ ދަށުން މިވަގުތުވެސް ފަތުރުވެރިކަމުގެ ދާއިރާއާއި އެ ދާއިރާއާ ގުޅުން ހުރި ކޮންސްޓްރަކްޝަން ދާއިރާއާއި އައިސީޓީ ދާއިރާއިން ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ." ރައީސް ވިދާޅުވި އެވެ.

އައު ރިސޯޓުތަކުގެ އިތުރުން ފަތުރުވެރިކަމުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށް ލިބޭނެކަން ކަށަވަރު ކުރުމަށްޓަކައި ރަށު ފަތުރުވެރިކަން ފުޅާކުރަން ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް ރާއްޖޭގެ އެކި ރަށްރަށުން މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއް ބީލަމަށް ހުޅުވާލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް