ރައީސްގެ އާދޭސް: ރާއްޖޭގެ އެންމެން އަވަހަށް ވެކްސިން ޖައްސަވާ

2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި އުޅޭ އެންމެން ވެސް ކޮވިޑް19 ވެކްސިން ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް19 ފެތުރެން ފެށުމާއެކު، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެދީ، އެންމެހާ ދިވެހިންނާއި ރާއްޖޭގައި އުޅޭ އެންމެން ބަލިން ރައްކާތެރިކުރުން ކަމަށެވެ.

އެގޮތުން ކުރިއަރާފައިވާ ގައުމުތަކުން، ކޮވިޑް19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފެށުމާއެކު، ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށި ކަމަށެވެ.

އެ މަސައްކަތުން މިހާރު ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި، ހުރިހާ ދިވެހިންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް މުޅިން ހިލޭ ކޮވިޑް ވެކްސިން ޖަހައިދެއްވާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވި އެވެ.

ރައީށް ވިދާޅުވީ ކޮވިޑްގެ ދަތިތަކަށް ފަހު، ވިޔަފާރިތައް އަލުން ހިނގައިގަނެ، ސްކޫލް މަދަރުސާތަކުގެ ކިޔެވުން ދާއިމީ ގޮތެއްގައި ފެށޭނީ، އަދި އާންމު އުސޫލުން ދަތުރުފަތުރުތައް ފެށޭނީވެސް، ރާއްޖޭގެ ވީހާ ގިނަ ބަޔަކު، ވެކްސިން ޖަހައި، ބައްޔާ ދެކޮޅަށް ރައްކާތެރިކަން ހޯދައިގެން ކަމަށެވެ.

"އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިއްޕަވައި، ހުރިހާ ބޭފުޅުންވެސް ވެކްސިން ޖެއްސެވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭންފެށީ ފެބްރުއަރީ ފުރަތަމަ ދުވަހު އެވެ. އިއްޔެއާ ހަމައަށް ޖުމްލަ 1،578 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މިހާރު ވެކްސިން ދެނީ ސިއްހީ ޕްރަންޓްލައިން ވޯކަރުންނަށް އަދި ސޯޝަލް ކެއާ ވޯކަރުންނަށާއި 70 އަހަރުން މަތީގެ މީހުންނަށެވެ. އަދި މިއަދު ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ފްރަންޓު ލައިނާސް އާއި 65 އހަަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދު ދޭން ފަށާ ވެކްސިންގެ ބެޗުގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ 10،000 މުވައްޒަފުން ހިމެނޭނެ ކަމަށެވެ.

ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ފަތުރުވެރިންނާ ބައްދަލުވާ، ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ޖަހަން ރަޖިސްޓްރީވުމަށް މިހާރު ވަނީ ޕޯޓަލްއެއް ގާއިމްކޮށް ރެޖިސްޓާ ވާން ހުޅުވާލައިފަ އެވެ.

ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. އަދި ޑަބްލިއުއެޗްއޯގެ ކޮވެކް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބޭ ވެކްސިން މި މަސްތެރޭ ލިބޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް