ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގެ ކަންތައްތަކަށް އީސީން ގޮތް ނުކިޔާނަން: ޝަރީފް

ޑިސެމްބަރ 10، 2020: އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސަންއަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުގެ ކަންތައްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮތް ނުކިޔާނެ ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިރޭ "ސަން" އަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކާއި އަސާސީ ގަވާއިދު އިސްލާހުކުރުން ފަދަ ކަންތައްތަކަށް ގޮތް ނުކިޔާނެ ކަމަށެވެ.

"ކޮމިޝަނުން ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކާއި އަސާސީ ގަވާއިދު އިސްލާހުކުރުން ފަދަ ކަންތައްތަކަށް ގޮތް ނުކިޔާނެ ކަނޑައެޅިގެން އަސާސީ ގަވާއިދުގައި ގާނޫނު އަސާސީއާ ރާއްޖޭގެ ގާނޫނަކާ ޚިލާފު ނުވާނަމަ،" ޝަރީފް ވިދާޅުވެއެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ހަފްތާ ބަންދުގައި ބޭއްވި އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅިގެން އެ ޕާޓީގެ އާންމު ދެ މެންބަރުން އީސީ އަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

އެ މައްސަލަތަކާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ އެންމެ ބޮޑު މައްސަލައަކަށް ހުށަހަޅާފައިވަނީ ޕާޓީގެ ދުސްތޫރަށް ގެންނަ ބަދަލުތަކާ ގުޅޭ ޝަކުވާ ކަމަށާއި އެ ބަދަލުތަކަކީ ދުސްތޫރާ ހިލާފު ބަދަލުތަކެއް ކަމަށް ބުނެ ހުށަހެޅި ޝަކުވާއެއް ކަމަށެވެ.

ނަމަވެސް އެއްވެސް ޕާޓީއެއްގެ ދުސްތޫރު އޮންނަންވީގޮތް އީސީ އިން ކަނޑަނާޅާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޖުމްލަ ގޮތެއްގައި އޮންނަނާނީ ދެ ގޮތެއް ބުނެފައި. ދުސްތޫރު އޮންނަންވާނީ ގާނޫނު އަސާސީ އާއި ގާނޫނަކާ ފުށު ނާރާގޮތަކަށް. ޔުނިވާސަލީ ދުނިޔޭގެެ ލެވެލްގައި ބަލައިގެންފައިވާ ކޮންވެންޝަނަކާވެސް ހިލާފުވެގެން ނުވާނެ،"

ޝަރީފް އިތުރަށް ވިދާޅުވީ އަދާލަތުގެ އެތެރޭގެ ކޮމިޓީތަކެއް ސައްހަ ނޫންކަމަށް ބުނެ ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށެވެ.

ނަމަވެސް ބެލިބެލުމުން އެއީ ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހުށަހެޅު ޝަކުވާއެއް ނޫންކަން އެނގިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދާލަތު ޕާޓީގައި 6،600 އެއްހައި މެންބަރުން ތިބެއެވެ.

comment ކޮމެންޓް