މަނަދޫގައި ޓޫރިސްޓު ހޮޓަލެއް އަޅައި ހިންގަން ބީލަމަށް

މަނަދޫ---

ނ. މަނަދޫ ގައި ޓޫރިސްޓު ހޮޓަލެއް އަޅައި ހިންގާނެ ފަރާތެއް ހޯދަން ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މަނަދޫ ގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ 132،000އަކަފޫޓުގެ ބިމުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، މާޗު 14 ވަނަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އިއުލާނުގައި ވެއެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް މިމަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރެއް މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވުމަށްވެސް އިއުލާނުގައި ވެއެވެ.

މަނަދޫގައި ޓޫރިސްޓު ހޮޓަލެއް އަޅާނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލި އިރު، ހއ. ކެލާގައި ޓޫރިސްތު ހޮޓަލެއް އަޅައި ހިންގާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައެވެ. މީގެ އިތުރުން އެ އަތޮޅު ހޯރަފށީ ކައުންސިލުން ވެސް ވަނީ އެ ރަށުގައި ޓޫރިޒަމް ތަރައްގީކުރަން ކަނޑައަޅާފައިވާ ބިންތަކުގައި ޓޫރިސްތު ހޮޓާ / ގެސްޓްހައުސް އަޅައި ހިންގާނެ ފަރާތްތައއް ހޯދަން އިއުލާނު ކޮށްފައެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި އަހަރު ވެގެންދާނީ ޓޫރިޒަމް ސިނާއަތުގައި އިންވެސްޓުމެންޓުގެ އަހަރަކަށް ކަމަށެވެ.

comment ކޮމެންޓް