ހޯމަ ދުވަހުގެ ވަގުތެއްގައި މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ސަރުކާރު ވެރިކަމުން ވައްޓާލައި ގައުމަށް ވެރިވެގަތުމާ އެކު އަނެއްކާވެސް ރާއްޖޭގެ ކުރީގެ ދެ ރައީސުންކަމުގައިވާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި މުހައްމަދު ނަޝީދުގެ ކޯޅުމެއް މިވަނީ ފެށިފަ އެވެ.
ފެބްރުއަރީ 7، 2012 ވަނަ ދުވަހު ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ އޮއިވަރެއްގައި ޖެހި ރައީސް ނަޝީދުގެ ވެރިކަން އެމަނިކުފާނުގެ ނައިބު ވަހީދުގެ މައްޗަށް ފޮރުޅުމާ އެކު ރައީސް ނަޝީދު ތުހުމަތު ކުރެއްވީ އެއީ އެމަނިކުފާނުގެ ނައިބު ރައީސް އަޑީގައި ހުރެ ގެނައި "ބަޣާވާތެއް" ކަމަށެވެ.
އެއަށް ފަހު ނުވަ އަހަރު ފުރުމާއި ގާތަށް ދާއިރު ވެސް އެ ދެ ރައީސުންގެ މެދުގައި އޮތް ކޯޅުމާއި އިނގިލި ދިއްކުރުމަށް ނިމުމެއް ނާދެ އެވެ.
ހޯމަ ދުވަހު މިޔަންމާގައި ހިނގައިދިޔަ ބަޢާވާތާއިއެކު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ މިޔަންމާގެ ކަންތައްތަކާއި 2012 ވަނަ އަހަރު ރާއްޖޭގައި ހިނގައިދިޔަ ކަންތައްތަކާ އެއްގޮތްކަމެއް ހުރިކަމަށް ވިދާޅުވެ އެ ހަނދާންތައް އާ ކުރައްވައިފަ އެވެ.
ރައީސް ނަޝީދު އިނގިރޭސި ބަހުން ކުރެއްވި ޓްވީޓުގައި ވަނީ ބަޢާވާތް ރާވާ މީހުންނާއި "ބާގީންނާއި" ދެކޮޅަށް ދައުލަތުގެ މުއައްސަސާތައް ހަރުދަނާކޮށް އިސްލާހުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އޭގެ އިތުރުންވެސް ރައީސް ނަޝީދު ވަނީ މިފަދަ މީހުންނަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އުޅޭނޭ ބައެއްކަމަށް ދޭހަވާ ޒާތަކަށް ޓްވީޓުކުރައްވާފަ އެވެ.
ރައީސް ނަޝީދާއި އެމަނިކުފާނުގެ ޕާޓީ އެމްޑީޕީގެ އިތުރު ވިސްނުމެއް ހިޔާލެއް ފެބްރުއަރީ 7 ގެ ހަމަނުޖެހުންތަކަށް ނެތެވެ. އެބޭފުޅުންގެ ނަޒަރުގައި އެދުވަހު ރާއްޖޭގައި ހިނގައިދިޔައީ ޑރ. ވަހީދު އިސްވެ ހުރެ ވެރިކަމަށް ވަޑައިގަތުމަށް ހިންގި ބަޢާވާތެކެވެ. އެކަންކަން އަލުން ތަހުގީގުކޮށް އެހަމަނުޖެހުންތަކަށް ޒިންމާވާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް އަދިވެސް އެ ފަރާތްތަކުން ތިބީ އެދި އެދި އެވެ.
ނަމަވެސް ރައީސް ނަޝީދުގެ ފަހަތުން ވެރިކަމަށް ވަޑައިގަތް ރައީސް ޑރ. ވަހީދުގެ ސަރުކާރުގައި އެހަމަނުޖެހުންތައް ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން އެއީ ބަޣާވާތެއް ނޫންކަމަށް ނިންމާފައިވެ އެވެ.
މިޔަންމާގެ ކަންތައްގަނޑަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓަށް ނުސީދާ ގޮތުން ރައްދެއް ދެއްވަމުން ޑރ. ވަހީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި މިޔަންމާގެ އަސްކަރީ އިންގިލާބާ ފެބްރުއަރީ 7 ގެ "ރިޔާސީ އިސްތިއުފާ" އާއި އެއްވަރުކުރުމަކީ ދިވެހި އަސްކަރިއްޔާއަށް ގޯނާ ކުރުންކަމަށް ވިދާޅުވެފަ އެވެ.
މިހާރު އޮތް އެމްޑީޕީ ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑރ. ވަހީދު ވަނީ މީގެ ކުރިންވެސް އެ މައްސަލަ އަލުން ތަހުގީގުކުރަން ފަށައިފިއްޔާ އެކަމަށް ތާއީދުކޮށް އެއްބާރުލުން ދޭނެކަމަށް ވިދާޅުވެފަ އެވެ.
"އާދެ، އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބި ވަޑައގަންނަވާނެ އެ މައްސަލަ ބައްލަވާކަމަށްވާނަމަ. އެއީ އެކަމުގައި ނެތް އެއްވެސް މައްސަލައެއް،" ޑރ. ވަހީދު ވިދާޅުވި އެވެ.
ޑރ. ވަހީދު އަދި އެމްޑީޕީއަށް ނިސްބަތް ނުވާ ސިޔާސީ ބޭފުޅުންވެސް ގަބޫލުކުރާ ގޮތުގައި 2012 ވަނަ އަހަރުގެ ހަމަނުޖެހުންތަކާއިއެކު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އެވެ. ހަމަނުޖެހުންތަކަކީ އޭގެ ކުރިން ރައީސް ނަޝީދުގެ ކިބައިން ކުރި ޢައިރު ގާނޫނީ އަމުރުތަކަކަށް ކިޔަމަންވާން ނުޖެހޭތީވެ ކުރިމަތިިވި ހާދިސާތަކެކެވެ.
އެހެންނަމަވެސް ރައީސް ނަޝީދާއި އެމްޑީޕީއިން ބުނަނީ މިހެންނެއް ނޫނެވެ. އިސްތިއުފާ ދެއްވީ "ބޮލަށް ބަޑިޖައްސާ" މަޖުބޫރު ކުރުވައިގެންނެވެ. އޭގެ ފަހުން އައި ވެރިކަމަކީ ގާނޫނީ ވެރިކަމެއް ނޫންކަމަށް އެމްޑީޕީއިން ތުހުމަތުކުރެ އެވެ.
މިޔަންމާގެ ކަންތައްގަނޑަކީ ރައީސް ވަހީދާއި ރައީސް ނަޝީދު މި ފާއިތުވި ނުވަ އަހަރު ތެރޭ މި މައްސަލައިގައި އަރައިރުންވި ފުރަތަމަ ފަހަރެއް ނޫނެވެ. މައްސަލަ ބެލިޔަސް ނުބެލިޔަސް އެމްޑިޕީ އަކީ ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސި ޕާޓީއަށް ވާއިރު އަދިވެސް އެ ޕާޓީގެ ގިނަ މެންބަރުންގެ ނަޒަރުގައި ޑރ. ވަހީދަކީ "ބާޣީ" އެކެވެ. އެމްޑީޕީއިން އެބޭފުޅާއަށް މައާފެއް ނެތެވެ.
ހަމަނުޖެހުމަށް ނުވަ އަހަރު ވާން ފަސް ދުވަހަށް ވެފައިވާއިރު އަދިވެސް އެ ހަމަނުޖެހުންތަކުގެ ނުތަނަވަސްކަމާއި ކޯޅުން އެބަ އޮތެވެ. ކަފުން ނުކުރެވުނު އެ މައްސަލަ ހަނދާނެއް ނައްތައެއް ނުލަ އެވެ. ދުނިޔޭގެ ކަނަކުން ބަޣާވާތެއްގެ އަޑު އިވޭއިރަށް ރާއްޖޭގައިވެސް އެ ތުހުމަތުތަކުގެ ރަނގަބީލުގެ އަޑުތައް ގަދަވެ އެވެ. އެ ހުރިހާ ތުހުމަތެއް ގޮސް އެޅެނީ ޑރ. ވަހީދުގެ ބޮލަށެވެ.