އެޗްޑީއެފްސީ އަށް 47.5 މިލިއަނުގެ އާމްދަނީއެއް

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް އާމްދަނީގެ ގޮތުގައި 47.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެޗްޑީއެފްސީ އިން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ މުއްދަތުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 21.7 މިލިއަން ރުފިޔާ އެވެ.

އެ މުއްދަތުގައި އެކުންފުންޏަށް އިންޓްރެސްޓުގެ ގޮތުގައި 25.6 މިލިއަން ރުފިޔާ ލިބުނުއިރު، ޝަރީއާ ހުއްދަކުރާ ޕްރޮޑަކްޓުތަކުން އާމްދަނީގެ ގޮތުގައި 8.4 މިލިއަން ރުފިޔާ ފީގެ ގޮތުގައި އާމްދަނީގެ ގޮތުގައި 327,291 ރުފިޔާ އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 829,847 ރުފިޔާ ލިބިފައި ވެއެވެ.

އެޗްޑީއެފްސީގެ ހިސާބުތައް ދައްކަގޮތުން 2020 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 194 މިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައިވެއެވެ. އަދި މިދިޔަ އަހަރު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ ޖުމްލަ 91 މިލިއަން ރުފިޔާ އެވެ.

އެޗްޑީއެފްސީއަކީ ހައުސިން ސްކީމުތަކަށް ލޯނު ނުވަތަ ފެސިލިޓީ ޕްރޮޑަކްޓްތަކެއް ދޫކުރާ ކުންފުންޏެކެވެ. އެކުންފުނީގެ ޕްރޮޑަކްޓްތައް ދޫކުރަނީ ދެ އުސޫލަކުންނެވެ. އެއީ ކޮންވެންޝަނަލް އުސޫލުގެ އިތުރުން އެޗްޑީއެފްސީ އަމްނާގެ ދަށުން އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުންނެވެ.

އެޗްޑީއެފްސީއަކީ، 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 ޕަސަންޓު ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރު އެވެ.

comment ކޮމެންޓް