އޮންލައިން ކަލާސްތަކަށް ބަދަލުކުުރުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ނިންމި ނިންމުން، އަނބުރާ ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލަށް އަންގައިފި އެވެ.
މާލޭގައި ކޮވިޑް ކޭސްތައް އިތުރުވެ، ދަރިވަރުންގެ ރައްކާތެރިކަމަށް ޓަކައި އޮންލައިން ކްލާސްތަކަށް ބަދަލުކުރުމަށް ގިޔާސުއްދީން ސްކޫލުން ނިންމީ މިދިޔަ ބުދަ ދުވަހު އެވެ.
އެ ސްކޫލުން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނީ، އޮންލައިން ކްލާސްތަކަށް ބަދަލުކުރުމަށް ވަގުތީ ގޮތުން ނިންމީ، ސްކޫލުގެ އިސް މެނޭޖްމަންޓާއި އެގްޒެކިއުޓިވް މެނޭޖްމަންޓް އަދި ބެލެނިވެރިންގެ ބަންދޫބުން ހިމެނޭ ސްކޫލުގެ ރީއޯޕެނިން ކޮމިޓީގެ އިއްތިފާގުން ކަމަށެވެ.
ބަޔާނުގައި ބުނީ، އޮންލައިން ކްލާސްތަކަށް ބަދަލުކުރުމަށް ސްކޫލުން ނިންމި ނަމަވެސް އެ ނިންމުން ބަދަލު ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލަށް އެންގި ކަމަށެވެ. އަދި އާދިއްތަ ދުވަހު ސްކޫލު ހުޅުވާ އިރު، މިހާރު ވެސް ކުރިއަށްދާ ގޮތަށް ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައި ދިނުމަށް މިނިސްޓްރީން އަންގާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނީ، އޮންލައިންކޮށް ކްލާސްތައް ބޭއްވުމަށް ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން ލަފާދީފައިވާ ކަމަށެވެ. އަދި އެގޮތަށް ރަޖިސްޓްރީވުމަށް ޓަކައި ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށް ގިޔާސުއްދީން ސްކޫލުން ބުންޏެވެ.
މިނިސްޓްރީގެ އެ އެންގުމާ އެކު ކުރިން ވެސް ގްރޭޑް1-9 އަށް ކްލާސްތައް އޮންނާނީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކަމަށް ގިޔާސުއްދީން ސްކޫލުން ބުންޏެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ސްކޫލުންގެ ފަރާތުން އެންމެ މަތީ ލެވެލްގައި މަސައްކަތް ކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ކޮވިޑް ކޭސްތަކުގެ ކޮންޓެކްޓުގެ ގޮތުގައި އެ ސްކޫލުގެ 13 މުވައްޒަފަކާއި 17 ދަރިވަރަކު ކަރަންޓީންކޮށްފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ އިތުރުން މިހާތަނަށް ދެ މުވައްޒަފަކާއި ދަރިވަރަކު ވެސް ކޮވިޑަށް ޕޮޒިޓިވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެ އެންގުމާ ގުޅޭ ގޮތުުން އެ މިނިސްޓްރީގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، އަދި އެ މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.