ގާނޫނުން ދިން ބާރާއެކު، ރާއްޖޭގައި އޮޓޮޕްސީ ހަދަން ފުލުހުން ތައްޔާރުވަނީ

މީގެ 12 އަހަރު ކުރިން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ޕެތޮލޮޖިސްޓު އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. ހަސަން އުމަރު -- ފޮޓޯ/ ފުލުހުން

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުން ފުލުހުންނަށް އޮޓޮޕްސީ ހަދަން ދިން ބާރާއެކު މިހާރު އޮޓޮޕްސީ ހަދަން ތައްޔާރުވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުގެ ދަށުން، ފުލުހުންނަށް މިހާރު ވަނީ އާއިލާގެ ރުހުމާ ނުލައިވެސް ޕޯސްޓް މޯޓަމް ހެދުމުގެ ބާރު ދީފަ އެވެ.

އޮޓޮޕްސީއަކީ މީހަކު މަރުވި ސަބަބު ދެނެގަތުމަށް މީހާގެ ހަށިގަނޑުގެ ގުނަވަންތައް ވަކި ވަކިން ނަގައިގެން ހަދާ ޓެސްޓެތަކަށް ކިޔާ ނަމެކެވެ.

ފުލުހުންގެ ވެބްސައިޓުގައި އިއްޔެ ބުނެފައި ވަނީ ފާއިތުވެދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި އޮޓޮޕްސީ ހަދަން ފަށަން ފުލުހުން މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. މިދިޔަ އަހަރު ގާނޫނަށް ގެނައި އިސްލާހާއެކު ފުލުހުންނަށް އޮޓޮޕްސީ ހެދުމުގެ އިހުތިޔާރު ލިބިގެން ދިއުމުން އަނެއްކާވެސް އެ މަސައްކަތް ފެށިފައިވާ ކަމަށް އެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމަށް މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ފުލުހުންގެ ފޮރެންސިކްސްއިން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުންގެ ވެބްސައިޓުގައިވެ އެވެ.

އޮޓޮޕްސީ ފެށުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އެކަކީ މީގެ 12 އަހަރު ކުރިން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ޕެތޮލޮޖިސްޓު އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. ހަސަން އުމަރެވެ. ޑރ. އުމަރަކީ ޕެތޮލޮޖިސްޓެއްގެ ހައިސިއްޔަތުން މަރުގެ މައްސަލަތަކުގައި އުޅޭ ޑޮކްޓަރެކެވެ. އޮޓޮޕްސީ ހަދަން ފެށުމުގެ މަސައްކަތުގައި އޭނާގެ މަޝްވަރާ އާއި ހިޔާލު ހޯދާ ކަމަށް ފުލުހުންގެ ވެބްސައިޓުގައިވެ އެވެ.

ޑރ. އުމަރު ވިދާޅުވެފައި ވަނީ، އޮޓޮޕްސީ ނެހެދޭތީ ގިނަ މަރުގެ މައްސަލަތަކުގައި އަސްލު ސަބަބު ނޭނގޭ ކަމަށެވެ. މަރުވާ ސީދާ ސަބަބުތައް ދެނެގަތުމަކީ މަރުގެ މައްސަލަތައް ކޯޓުގައި ސާބިތު ކުރަން މުހިންމު އެއްކަން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އޮޓޮޕްސީ ނެހެދޭތީ ގިނަ މަރުތަކުގައި މަރުވާ އަސްލު ސަބަބު ބުނެނުދެވޭ. މަރުވިކަން އެބަ ބުނެދެވޭ. އަދި ޖެނެރެލީ މަރުވާންދިމާވީ މިހެންވެގެންނޭ އެބަ ބުނެދެވޭ. އޮޓޮޕްސީއެއް ހެދުމުން މި ބަލާ އެއްކަމަކީ މީހަކު މަރުވުމަށް އިނިޝިއަލީ ދިމާވި ސަބަބަކީ ކޮބައިކަން. އެންމެ ފުރަތަމަ ދިމާވީ ކޮން ސަބަބެއްތޯ. އޭގެ ސަބަބުން ދެން އަންނަ ޗެއިން އޮފް ރިއެކްޝަންތަކަކުން މީހަކު މަރުވެގެން މިދަނީ. ހާއްސަކޮށް ޖިނާއީ މައްސަލަތަކުގައި ކޯޓުގައި ސާބިތުކޮށްދޭންޖެހޭ އެއްކަމަކީ އެއީ،" ޑރ. އުމަރު ވިދާޅުވި އެވެ.

ޒަމާނީ ކުރިއެރުންތަކާއެކު އޮޓޮޕްސީ ހެދުމުގެ ވައްޓަފާޅިއަށްވެސް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި އެކަން ކުރަނީ ވާޗުއަލްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހި ފުލުހުން ތަސައްވުރަކީވެސް އެގޮތަށް އޮޓޮޕްސީ ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިހިރަ ޓެކްނޮލޮޖީ، ސީޓީ ސްކޭން ފަދަ އެއްޗެހި ބޭނުންކޮށްގެން ވާޗުއަލް އޮޓޮޕްސީއެއް ހަދައިގެން އެއިން ރިޒަލްޓް ދެނެގަނެވޭތޯ ބަލާނެ. އެހެންވީމަ އަސްލުގަ މިހާރު މީހަކު ފަޅާނީ އެނޫން ގޮތަކަށް އެކަން ދެނެގަނެވެން ނެތް ހާލަތުގައި އެކަނި. އެއީ އަޅުގަނޑުމެންގެވެސް ތަސައްވުރަކީ. އެގޮތަކަށް މަސައްކަތް ބައްޓަންކުރެވޭތޯ މަސައްކަތްކުރަމުން މިދަނީ،" ޑރ. އުމަރު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުގައިވާ ގޮތުން އޮޓޮޕްސީ ހަދަންވާނީ، މެޑިކަލް ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ އެހީތެރިކަމާ އެކުގަ އެވެ.

comment ކޮމެންޓް