އެޕަލްގެ ކުއާޓަރެއްގެ އާމްދަނީ ފުރަތަމަ ފަހަރަށް 100 ބިލިއަނުން މަތީގައި

އެޕަލްގެ އާމްދަނީއަށް ބޮޑު ފައިދާއެއް ކޮށްފައިވަނީ އައިފޯން 12 ސީރީޒް ފޯނުތަކުގެ ސަބަބުން --- ފޮޓޯ : ދަ ވާޖް

އެމެރިކާގެ ބޮޑު ޓެކް ކުންފުންޏެއް ކަމަށްވާ އެޕަލްއަށް އެއް ކުއާޓަރެއްގައި ލިބުނު އާމްދަނީ ފުރަތަމަ ފަހަރަށް 100 ބިލިއަން ޑޮލަރުން މައްޗަށް އަރައިފި އެވެ.

އެޕަލް އިން ދާދި ފަހުން ވަނީ އެކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބިފައިވާ އާމްދަނީގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެޕަލް އަށް ތާރީހީ ބޮޑު ކާމިޔާބީއެއް ލިބުނުއިރު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކަނިވެސް އެކުންފުންޏަށް ވަނީ 111.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.

އެ އާމްދަނީއިން އެނގިގެން ދަނީ މިދިޔަ އަހަރު އެޕަލް އިން ނެރުނު އައިފޯން 12 ސީރީޒްގެ ފޯނުތަކުން ކުންފުންޏަށް ފައިދާ ކުރަމުންދާ މިންވަރެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެންވެސް އެޕަލްގެ އާ ފެލްގްޝިޕް ފޯނުތަކަށް އޮތް ޑިމާންޑު ވަނީ ކުޑަ ވުމުގެ ބަދަލުގައި ބޮޑުވެފައެވެ. އެގޮތުން އައިފޯނުން އެކަނިވެސް ރެވެނިއުގެ ގޮތުގައި އެކުންފުންޏަށް ފަހު ކުއާޓަރުގައި ވަނީ 65 ބިލިއަން ޑޮލަރު ލިބިފައެވެ. އެއީ އެޕަލް އަށް ރެކޯޑު އަދަދެކެވެ.

މީގެކުރީން އެޕަލް އަށް އައިފޯނު މެދުވެރިކޮށް އެންމެ ބޮޑު ރެވެނިއުއެއް ކުއާޓަރެއްގެ ތެރޭގައި ލިބިފައިވަނީ 2018 ވަނަ އަހަރުގައެވެ. އެ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އައިފޯނު ވަނީ 61.58 ބިލިއަން ޑޮލަރު ރެވެނިއުގެ ގޮތުގައި ހޯދާފައެވެ.

އެކުންފުނިން އެންމެ ފަހުން އާންމުކޮށްފައިވާ އައިފޯނު މާކެޓަށް ނެރުމުގައި ވަނީ ތަފާތު ސްޓްރެޓެޖީއެއް ބޭނުންކޮށްފައެވެ. އެއީ ފޯނާއެކު މީގެކުރީން ވިއްކާ ޗާޖިން ބްރިކް ފޯނާއެކު ނުވިއްކުމަށެވެ. އަދި ޗާޖަރު ބޭނުންވާ ފަރާތްތަކަށް އެ ޖެހޭނީ ވަކީން ގަންނާށެވެ. އެއީވެސް އާމްދަނީއަށް އިތުރުވެގެންދާނެ ގޮތެއް ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

comment ކޮމެންޓް