ސައީދު ވިދާޅުވަނީ ޖަލުތައް ފުރެންދެން ޖަލަށްދާން އިދިކޮޅު ތައްޔާރު ކަމަށް

ނޮވެމްބަރ 22، 2019: ހައްޔަރުކޮށްފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ސައީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ކޯލިޝަނުގެ މުޒާހަރާތަކަށް ނުކުންނަ މީހުން ދާނީ ގިނަވަމުން ކަމަށާއި، ޖަލުތައް ފުރެދެންދެންވެސް ޖަލަށްދާން އިިދިކޮޅު އޮތީ ތައްޔާރަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މިއަދު މުޒާހަރާ ކުރީ، ކޮވިޑް-19އިން ރައްކާތެރިވުމަށް އިންޑިއާއިން ހަދިޔާ ކުރި ވެކްސިންއާ ގުޅޭ މައުލޫމާތުތައް ހާމަކުރުމަށް ގޮވާލަ އެވެ.

އެ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. މިދިޔަ ހޯމަ ދުވަހު އިދިކޮޅުން ހުރި މުޒާހަރާއެއްގެ ތެރެއިންވެސް އެދެބޭފުޅުން ހައްޔަރުކުރި އެވެ. ނަމަވެސް ފަހުން ދޫކޮށްލީ އެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުހައްމަދު ސައީދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިދިކޮޅުގެ މުޒާހަރާތަކަށް ދާ މީހުން އިތުރުވަމުންދާނެ ކަމަށެވެ. އަދި ޖަލުގައި ގޮޅި ހުރި ވަރަކަށް ޖަލަށް ދާން އިދިކޮޅު ތައްޔާރު ކަމަށް އެނާ ވިދާޅުވި އެވެ.

"މިރޭ ނުކުންނަ މީހުން ގިނަވާނެ އިރާދަކުރެއްވިއްޔާ، މާދަމާ އަދި މާ ގިނަވާނެ. ހުކުރު ދުވަހު މުޅި ރާއްޖެ ތެދުވާނެ. އަޅުގަނޑުމެންގެ ރައްޔިތުން ހައްޔަރު ކުރައްވާ. އަޅުގަނޑުމެން ޖަލުގައި ގޮޅި ހުރިވަރަކަށް ދާން ތައްޔާރަށް މި ތިބީ،" ސައީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، ޑިމޮކްރެސީގެ ވާހަކަ ދައްކަމުން، ސަރުކާރު ހިންގާ ކޯލިޝަނުން އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުރައްހީމްއާއި ޝުޖާއުގެ އިތުރުން ރައީސް ޔާމީންވެސް ޖަލަށްލާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު އަޖައިބުވެ އަންތަރީސް ވަނީ ޑިމޮކްރެސީގެ ތާޖާއި، ޓައިއާއި، ފަޓުލޫނާއި ގަމީސް ލައިގެން ތިއްބެވި މި ކޯލިޝަނުގެ ހުރިހާ ބޭފުޅުން މިއަދު ކީއްތޯ މި ކުރައްވަނީ ޑިމޮކްރެސީއޭ ކިޔައިގެން،" ސައީދު ވިދާޅުވި އެވެ.

އިދިކޮޅުން މިހާރު ވަނީ ސަރުކާރާ ދެކޮޅަށް ސީދާ ހަރަކާތައް ނުކުންނަން ގަރާރެއް ފާސްކޮށްފަ އެވެ. ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައިވެސް އިދިކޮޅުން މާލޭގައި މުޒާހަރާކޮށްފައިވެ އެވެ.

އަންނަ ހުކުރު ދުވަހު "އިންސާފު ކޮބާ"ގެ ނަމުގައި މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށްވެސް އިދިކޮޅުން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް