ތޯމަސް ކުކް އިންޑިއާޔާ އެކު ރާއްޖެ އިޝްތިހާރު ކުރަން ކެމްޕެއިނެއް

ވީއައިއޭ ގައި ފަތުރުވެރިންނަށް ހިދުމަތްދޭ ކައުންޓަރުތައް --- ސަން ފޮޓޯ: އިބްރާހިމް އިފާޒް

އިންޑިއާގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ތޯމަސް ކުކް އާ ގުޅިގެން އެ ގައުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކެމްޕެއިނެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މި ކެމްޕެއިނުގެ ދަށުން ތޯމަސް ކުކް އިންޑިއާ އާއެކު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ތިން މަހަށް ކުރިއަށް ގެންދާ މި ކެމްޕެއިނާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖެ އަކީ ހަމައެކަނި ހަނީމޫން ޑެސްޓިނޭޝަނެއް ނޫން ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިންނަށް ގިނަ ކަންތަކެއް ތަޖުރިބާ ކުރެވޭނެ ކަމަށެވެ.

ތޯމަސް ކުކް އިންޑިއާގެ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް އިންޑިއާ ގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ކަންތައް ކުރިއަށް ގެންދާނެއެވެ.

ތޯމަސް ކުކް އިން ބުނީ އިންޑިއާގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެ އަކީ މިހާރުވެސް މަގުބޫލު މަންޒިލެއް ކަމަށެވެ. ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމެވެ. މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާ އިންނެވެ. މިއަހަރުގެ މިހާތަނަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ވެސް އިންޑިއާ އިންނެވެ.

comment ކޮމެންޓް