ނިއު ޒިލެންޑުގެ ބޯޑަރުތައް މިއަހަރުވެސް ދިގު މުއްދަތަކަށް ބަންދު ވާނެ: އާޑާން

ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން -- ފޮޓޯ: ގެޓީ

ވެލިންޓަން (ޖެނުއަރީ 26): ނިއު ޒިލެންޑުގެ ބޯޑަރުތައް މިއަހަރުވެސް ދިގު މުއްދަތަކަށް ބަންދުކޮށްފައި އޮތުން އެކަށީގެންވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން ވިދާޅުވެއްޖެ އެވެ.

އާޑާން ވިދާޅުވި ގޮތުގައި ނިއު ޒިލެންޑުގެ ބޯޑަރުތައް ހުޅުވާލަނީ ކޮވިޑް ވެކްސިން ޖެހުމުން އެމީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ނުޖެހޭކަން ޔަގީންވުމުން ނުވަތަ އެގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީ ނިމުމުންނެވެ.

"ދަތުރުފަތުރު ފެށުމަށް މި ދެ ހާލަތުން ކޮންމެވެސް އެއް ހާލަތެއް އެބަ ބޭނުންވޭ: ވެކްސިން ޖެހުމުން އެމީހެއްގެ ފަރާތުން އެހެން މީހުންނަށް ކޮވިޑް-19 ނުޖެހޭނެކަމުގެ ޔަގީންކަން ލިބުން ނުވަތަ އަޅުގަނޑުމެންގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހާ ރައްކާތެރިވެފައި ވުން. ދެ ހާލަތަށްވެސް ވަގުތު ނަގާނެ... އަޅުގަނޑުމެން ލަފާ ކުރަނީ އޭގެ އަސަރު މިއަހަރު ދިގު މުއްދަތަކަށް ބޯޑަރަށް ކުރާނެ ކަމަށް،" އާޑާން ވިދާޅުވި އެވެ.

ނިއު ޒިލެންޑުން ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމުގެ ބޯޑަރުތައް ބަންދު ކުރީ މިދިޔަ މާޗް މަހު އެވެ. އޭގެ ފަހުން އެގައުމަށް އެނބުރިދާ ރައްޔިތުން ދަތުރު ކުރުމުގެ ކުރިންނާއި އެގައުމަށް ދާ ފަހުން ކޮވިޑަށް ޓެސްޓު ކުރަން ޖެހެ އެވެ. އަދި ސަރުކާރުން ކަނޑައަޅާ ތަނެއްގައި ދެ ހަފްތާއަށް ކަރަންޓީނުވާން ޖެހެ އެވެ.

ނިއު ޒިލެންޑުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު އެގައުމުން މިދިޔަ އަހަރު ކޮމިއުނިޓީ ކޭސްތައް ފެތުރުން ހުއްޓުވި އެވެ. އަދި އެގައުމުން މިދިޔަ ހޮނިހިރު ދުވަހު އެއް ކޮމިއުނިޓީ ކޭސް ފެނުނު އިރު އެއީ ނޮވެމްބަރު 18އިގެ ފަހުން އެފަދަ ކޭސްއެއް ފެނުނު ފުރަތަމަ ފަހަރެވެ.

ނިއު ޒިލެންޑުގެ ސަރުކާރުން ވަނީ އެގައުމުގެ ސިއްހީ އިދާރާއިން ފައިޒާ އާއި ބަޔޯއެންޓެކްގެ ކޮވިޑް ވެކްސިންއަށް އަންނަ ހަފްތާގައި ހުއްދަ ދޭނެ ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ. ނަމަވެސް އާޑާން ވިދާޅުވި ގޮތުގައި އެގައުމުން ފުޅާ ދާއިރާއެއްގައި ވެކްސިން ދޭން ފަށާނީ މި އަހަރުގެ މެދު ތެރޭގަ އެވެ.

comment ކޮމެންޓް