ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ގާނޫނު ނިއު ޒީލޭންޑުން އުވާލައިފި

ޓެކްސް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން އަންނަ އޮތް ޖީލުތަކަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ގާނޫނު ނިއު ޒީލޭންޑުގެ އާ ސަރުކާރުން އުވާލައިފިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ ކުދިންގެ އުމުރު ދުވަހެއް ދުވަހަކަށް ހަގުވަމުން ދިއުމުގެ ސަބަބުން އެކަން ހައްލުކުރުމުގެ ގޮތުން 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން އުފަންވެފައިވާ އެއްވެސް ކުއްޖަކަށް ސިނގިރޭޓު ގަތުން މަނާކުރާ ގާނޫނެއް ނިއުޒީލޭންޑުން ފާސްކުރީ 2022 ވަނަ އަހަރުއެވެ.

އެ ގާނޫނުގެ ދަށުން މިހާރު ނިއު ޒީލެންޑްގައި ސިގިރެޓް ވިއްކާ 90 އިންސައްތަ ރީޓެއިލް ވިޔަފާރިވެރިންގެ އަތުން ދުންފަތުގެ ބާވަތްތައް ނަގައި ސިނގިރޭޓްގައި ހުއްދަކުރާ ނިކޮޓީންގެ މިންވަރު ވެސް މަދުވާނެއެވެ.

ޖުލައި 2024 އިން ފެށިގެން ތަންފީޒު ކުރަން ނިންމާފައިވާ މި ގާނޫނުގެ ސަބަބުން ކޮންމެ އަހަރަކު 5000 މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ނަމަވެސް ނިއު ޒީލޭންޑުގެ އާ މާލީ ވަޒީރު ނިކޮލާ ވިލިސް ވަނީ ޓެކްސް ކުޑަކުރުމަށް ފައިސާ ހޯދުމަށް އެ ގާނޫނު އުވާލުމަށް ނިންމާނެކަން ހޮނިހިރު ދުވަހު އިއުލާނުކުރައްވައިފައެވެ.

ވިލިސްއާ ހަވާލާދީ ދަ ގާޑިއަންއިން ބުނެފައިވާ ގޮތުގައި އެ ގާނޫނު އުވާލައި، ދުންފަތުގެ ވިޔަފާރިކުރާ ފިހާރަތަކުގެ އަދަދާއި ދުންފަތް ގަންނަ މީހުންގެ އަދަދު މަދުކުރުމުގެ ޕްލޭން ހެދުމުން ސަރުކާރަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ވަރަށް ބޮޑަށް ކުޑަވެގެން ދާނެއެވެ.

އެ ގާނޫނު އުވާލުމުން ކަޅު ބާޒާރުގައި ދުންފަތުގެ ބާޒާރެއް އުފެދިގެން ނުދާނެ ކަމަށް ނިއުޒީލޭންޑުގެ ބޮޑު ވަޒީރު ކްރިސްޓޮފާ ލަކްސޯން ވިދާޅުވިއެވެ.

ނިއު ޒީލޭންޑުގެ އާބާދީގެ ގާތްގަޑަކަށް 13 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލުކުރެއެވެ. އެ ގައުމުގައި މީހުން އެންމެ ގިނައިން މަރުވަނީ ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުގެ ސަބަބުން ކަމަށް މީގެ ކުރިން ސީއެންއެންއިން ވަނީ ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް