ނިއުޒީލަންޑުން ސްރީލަންކާ ބަލިކޮށް، ސެމީ ފައިނަލާ ގާތަށް

ނިއުޒީލަންޑުން މި މެޗު ކާމިޔާބު ކުރީ ފަސް ވިކެޓުން --- ފޮޓޯ/ ޓީއެންޓީ ސްޕޯޓްސް

އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި ނިއުޒީލަންޑާއި ސްރީލަންކާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގައާ ކައިރިއަށް ނިއުޒީލަންޑު ޖެހިލައިފިއެވެ.

ބެންގަލޯގައި ކުޅުނު މި މެޗު ނިއުޒީލަންޑް ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާ އެކު ފަސް ވިކެޓުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ޓޮސް ދިމާވުމުން ނިއުޒީލަންޑްއިން ބޭނުންވީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ.

ސްރީލަންކާއިން ފުރަތަމަ ކުޅެން އަރައި 46 އޯވަރު ހަތަރު ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 171 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 51 ލަނޑު ހަދައިދިން ކުސަލް ޕެރޭރާއެވެ. އަދި، މަހީޝް ތީކްޝާނާ ވަނީ 38 ލަނޑު ހަދައިދީފައެވެ. މި އީނިންގްސްގައި ނިއުޒީލަންޑް ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 37 ލަނޑަށް ތިން ވިކެޓު ނަގައިދިން ޓްރެންޓް ބޯލްޓެވެ. އަދި، ރަޗިން ރަވިންދްރަ އާއި މިޗޭލް ސަންޓްނާ އަދި ލޮކީ ފާގަސަންއިން ކުރެ ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ވިކެޓު ނަގައިދީފައެވެ.

ޖަވާބުގައި ނިއުޒީލަންޑުން ކުޅެން އަރައި 23 އޯވަރު ދެ ބޯޅައަށް ފަސް ކުޅުންތެރިން ނުބައިވެގެން 172 ލަނޑު ހަދައި، މެޗު ކާމިޔާބު ކުރިއެވެ.

މެޗުގައި ނިއުޒީލަންޑަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 45 ލަނޑު ހަދައިދިން ޑެވޮން ކޯންވޭއެވެ. އަދި، ޑެރީލް މިޝޭލް 43 ލަނޑު ހަދައިދިން އިރު ރަވިންދްރަ ވަނީ 42 ލަނޑު ހަދައިދީފައެވެ. ސްރީލަންކާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 29 ލަނޑަށް ދެ ވިކެޓު ނަގައިދިން އެންޖެލޯ މެތިއުސްއެވެ.

މި މޮޅާ އެކު ނިއުޒީލަންޑު މިހާރު އޮތީ 10 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގައެވެ. އަދި، ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދުމުގެ ފުރުސަތު މި ވަގުތު އެންމެ ބޮޑީ ވެސް ނިއުޒީލަންޑަށެވެ. އެއީ، ސެމީ ފައިނަލުގެ ޖާގައަށް ދެން ވާދަކުރާ ދެ ޓީމު ކަމަށްވާ ޕާކިސްތާނާއި އަފްޣާނިސްތާނަށް ވުރެ ނިއުޒީލަންޑްގެ ރަން ރޭޓް ރަނގަޅު ވުމުންނެވެ.

comment ކޮމެންޓް