މަސްވެރިކަމާ ގުޅޭ ހަރަކާތްތައް ހިންގާއިރު ހުއްދަ ނަގަން އިލްތިމާސްކޮށްފި

ކޮށިތަކުގައި ބޮޑުކުރާ ފާނަތައް ބާލިދީއަކަށް ނަގާފައި -- ސަން ފޮޓޯ

މަސްވެރިކަމާ ގުޅުން ހުރި ބައެއް ހަރަކާތްތައް ހިންގުމަށް ހުއްދަ ނަގަން ޖެހޭކަން ހަނދާންކޮށްދީ، ގަވާއިދާ އެއްގޮތަށް އެކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މަސްވެރިކަމުގެ މަޝްރޫއުތައް ގާއިމްކުރުމަށް ހުއްދަދިނުމުގެ ގަވާއިދުގައި ހުއްދަ ހޯދަންޖެހޭ މަސްވެރިކަމުގެ ހަރަކާތްތައް ވަނީ ބަޔާންކޮށްފަ އެވެ.

އެއީ:

  • މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫއުތައް
  • ގޭދޮށު މަސްފެކްޓަރީ ގާއިމުކުރުމުގެ މަޝްރޫއުތައް
  • މަސްވެރިންގެ އަތުން މަސްގަނެ މަސްފިނިކޮށް، ގަނޑުކޮށް، ރައްކާކުރުމަށް ހިންގާ މަޝްރޫއުތައް
  • މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް އައިސް ޕްލާންޓް ގާއިމުކުރުން.
  • ފާނަކޮށި އެޅުން ނުވަތަ ކޮށިއަޅައިގެން މަސްގެންގުޅުމަށް ހިންގާ މަޝްރޫއުތައް
  • އެކުއަކަލްޗާ ކުރުމާއި އެކުއަކަލްޗާއާ ގުޅުންހުރި މަޝްރޫއުތައް
  • ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްގެން މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫއުތައް
  • އެކްސްޕޯޓްކުރުމަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް މޫދުގައި އުޅޭ އެކުއޭރިއަމް ފިޝް ނުވަތަ ދިރޭ ކުދިމަސް ބަންދުކުރުމަށް ފެސިލިޓީ ގާއިމުކުރުމަށް ހިންގާ މަޝްރޫއުތައް
  • ކަނޑުގެ ދިރުންތައް ނުވަތަ މަސްވެރިކަމާ ގުޅޭ ދިރުންތައް އާލާކުރުމަށް ހިންގޭ މަޝްރޫއުތައް

އެ ގަވާއިދުގެ ދަށުން މަސްވެރިކަމުގެ މަޝްރޫއުތައް ފެށުމުގެ ކުރިން އެކަމަށް ހުއްދައެއް ހޯދުމާއި، މަޝްރޫއެއްގެ މަސައްކަތް ފެށޭ ހިސާބުން މަޝްރޫއުތަކާ ބެހޭ މައުލޫމާތު މިނިސްޓްރީން އެއްކޮށް ބަލަހައްޓަމުން ދިއުމަށް ވަނީ ކަނޑައަޅައިފަ އެވެ.

މިނިސްޓްރީން ބުނީ އެގޮތަށް ކަނޑައެޅުމުގެ އެންމެ މުހިންމު އެއް މަގްސަދަކީ، އަމިއްލަ ފަރާތްތަކުން މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުމަށް ރާވާ މަޝްރޫއުތަކަކީ، މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ މަޝްރޫއެއް ކަމުގެ ޔަގީންކަން އެމަޝްރޫއު ރާވައި ކުރިއަށް ގެންދާ ފަރާތަށް ދިނުން ކަމަށެވެ.

އަދި މަސްވެރިކަމުގެ އުމުރާނީ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުގެ ފަރާތުންނާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން އެއްބާވަތެއްގެ މަޝްރޫއުތައް އެއް ސަރަޙައްދަކަށް އަމާޒުވެ އެމަޝްރޫއުތަކަށް އިންވެސްޓްކުރާ ފަރާތްތަކުން ކުރިން އަންދާޒާ ކުރިގޮތާ ހިލާފަށް ނަފާ ނުލިބި މަޝްރޫއު ހުއްޓާލަން ޖެހުން ފަދަ ހާލަތްތައް މެދުވެރިވުން ހުއްޓުވުން ކަމަށެވެ.

އެހެންކަމުން، މަސްވެރިކަމާއި ގުޅުންހުރި ހަރަކާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ ގިންތިތަކަށް ފެތޭ މަސްވެރިކަމުގެ މަޝްރޫއުއެއް ފެށުމަށް ގަސްދުކުރާ ފަރާތްތަކުން އެމަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެ ގަވާއިދުގެ ދަށުން ހުއްދަ ނަގައިގެން އަމަލީ މަސައްކަތް ފެށުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މަސްވެރިކަމުގެ މަޝްރޫއު ގާއިމުކުރުމުގެ ހުއްދައަށް އެދޭ ފޯމާ ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށަހަޅަންޖެހޭ މަޝްރޫއުތަކަށް އެ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައުލޫމާތު ބަޔާންކުރާ ގައިޑްލައިން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.

comment ކޮމެންޓް