އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ޗެލްސީގެ މަގާމާއި ހަވާލުވިތާ ދެ އަހަރު ނުވަނީސް އެ ޓީމުގެ ކޯޗަކަށް ހުރި ފްރޭންކް ލަމްޕާޑުއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައި، އޭނާ މަގާމުން ދުރުކޮށްފި އެވެ.
ޗެލްސީއަށް ކުރިން ގިނަ އަހަރުތަކެއް ކުޅެ، އެކުލަބުގެ ލެޖެންޑެއްގެ ގޮތުގައި ކުޅުމުން ރިޓަޔާ ކުރުމަށްފަހު ލަމްޕާޑް ޗެލްސީގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ. އެއަށްފަހު ވޭތުވެ ދިޔަ 18 މަސްދުވަހުގެ ތެރޭގައި ލަމްޕާޑުގެ މަގާމާއި މެދު ގިނަ ސުވާލުތަކެއް އުފެދި، ސަޕޯޓަރުންގެ އިތުބާރު އޭނާއާ ދޭތެރޭ ވަނީ ކުޑަވެފަ އެވެ. އަދި ގިނަ ފާޑުކިޔުންތަކެއް މިފަހުން ކުރިމަތިވެފައި ވަނިކޮށް ހެޑްކޯޗުގެ މަގާމުން މިއަދު ލަމްޕާޑް ވަނީ ވަކިކޮށްފަ އެވެ.
ލަމްޕާޑްގެ ފުރަތަމަ ސީޒަންގައި، އޭނާ ވަނީ އާ ޓްރާންސްފާއެއް ނެތި ލީގްގެ ތިން ވަނަ ހޯދައި ޗެމްޕިއަންސް ލީގަށް ޗެލްސީ ކޮލިފައި ކޮށްދީފަ އެވެ. އަދި އޮކްޓޯބަރުން ފެށިގެން ދެމަސް ވަންދެން މެޗަކުން ބަލި ނުވެ 14 މެޗު ފުރިހަމަ ކުރި އެވެ.
އެހެން ނަމަވެސް މި ސީޒަން ފަށައިގެން އައިސް ލީގުގެ ފޯރި ހިއްޕާލި ހިސާބުން ޗެލްސީގެ ކުޅުން ވަނީ ކުއްލިއަކަށް ދަށްވެފަ އެވެ. އަދި ބޮޑު ހަރަދުކޮށް މިވަގުތު ލީގްގެ ނުވަ ވަނަ މަގާމުގައި އޮތުމަކީ ޗެލްސީގެ ވެރިޔާ ރަޝިއާގެ ރޯމަން އަބްރޮމޮވިޗަށް ޕްރެޝަރެއް އިތުރަށް ނެގޭނެ ކަމެއް ނޫންކަމަށް އޭނާ ބުނެފައިވާ އިރު، ލަމްޕާޑް ޗެލްސީ އަށް ކޯޗުކޮށްދިން ފަހު މެޗަކީ އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި އިއްޔެ ލޫޓަން ޓައުން އަތުން 3-1 އިން މޮޅުވި މެޗެވެ.
މިއީ އުނދަގޫ ނިންމުމެއް. އޯނަރާއި، ކުލަބުގެ ބޯޑަށް މި ނިންމުން ނިންމަން ޖެހުނީ ވަރަށް އުނދަގުލާ އެކު. އެހެން ނަމަވެސް ފަހަކަށް އައިސް ޓީމުން ނެރެމުން އައި ނަތީޖާތަކަކީ ކުލަބުން ބަލައިގަނެވޭނެ ނަތީޖާތަކެއް ނޫން. އެކަން އެހެން އޮތުމާ އެކު ލަމްޕާޑް ވަކިކުރުން ނޫން ގޮތެއް ކުލަބަށް މި ދަނޑިވަޅުގައި ނެތް." ޗެލްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީގެ ކޯޗުކަމާ ދެން ހަވާލުވާނީ މިދިޔަ މަހު ޕީއެސްޖީން ވަކިކުރި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް އެވެ. ޗެލްސީން ޓުޗެލްއާ އެކު އެއްބަސްވެފައިވާ ކަމަށް މީޑިއާގައި އަޑުފެތުރުނު ނަމަވެސް އެ ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.