އަދާލަތު ޕާޓީ ބަލިކޮށް ނިކަމެތި ކުރަން ބަޔަކު ދަނީ މަސައްކަތް ކުރަމުން: އިމްރާން

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ —

އަދާލަތު ޕާޓީ ބަލިކޮށް ނިކަމެތި ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން ދާ ކަމަށާއި ޕާޓީގެ ރައީސް ކަމަށް ވާދަކުރަނީ އެކަމުން ޕާޓީ ސަލާމަތް ކުރުމަށް ކަމަށް ހޯމް މިނިސްޓަރު އަދި މިހާރު ވެސް އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ އިސް މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ. އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލައްވާފައި ވަނީ އިމްރާނުގެ އިތުރުން އިސްލާމިކް މިނިސްޓަރު ޝައިހު އަހުމަދު ޒާހިރު އެވެ.

އިމްރާން ވަނީ ރޭ އޭނާގެ ކެމްޕެއިން ލޯންޗް ކުރުމަށް ހަފްލާއެއް ބާއްވާފަ އެވެ. އެ ހަފްލާފައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޕާޓީ ހަލާކު ކުރުމަށް ބަޔަކު މަސައްކަތް ނުކުރާ ނަމަ އަދާލަތު ޕާޓީގެ ރައީސް ކަމަށް ވާދަ ނުކުރާނެ ކަމަށެވެ.

"އެންމެ ފުރަތަމަ ޕާޓީ އުފެދިގެން އައި ދުވަސްވަރު ވެސް މި ޕާޓީ އޮތުމުން ބައެއް ފަރާތްތަކުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ހުރަސްއެޅޭ ކަމަށް ގަބޫލުކުރާ ފަރާތްތަކުން މި ޕާޓީ އުފެދުނަ ނުދިނުމަށް ޓަކައި މަސައްކަތް ކުރި ފަދައިން އަނެއްކާ ވެސް މި ދަނޑިވަޅުގައި މި ޕާޓީ ކުޑަކޮށް ބަލިކަށިކޮށް ނިކަމެތި ކުރުމަށް މަސައްކަތްތަކެއް ކުރާ ވަގުތެއް. ހަގީގަތުގައި ވެސް މި މަންޒަރު ވަރަށް ސާފުކޮށް ފެންނަން ނެތް ނަމަ ކޮންމެހެން މިވަގުތަކު އަޅުގަނޑު މި ޕާޓީގެ ރައީސްކަން ކުރާކަށް ނުނިކުތީސް." އިމްރާން ވިދާޅުވި އެވެ.

އެހެން ބަޔަކު "ފޫގަޅައިގެން" އަދާލަތު ޕާޓީ ނައްތާންލަން ބާރަށް ނުކުންނާތީ އޭގެ ކުރިމަތީގައި ސާބިތުކަމާ އެކު ހުރުމަށް ނިޔަތް ގަނެގެން ނުކުމެ ހުރި ކަމަށް އިމްރާން ވިދާޅުވި އެވެ.

ނަމަވެސް އަދާލަތު ޕާޓީ ނެތިކޮށްލުމަށް ކުރަނީ ކޮން ކަމެއް ކަން އަދި އެއީ ކޮން ބައެއްކަމެއް އިމްރާން ވިދާޅެއް ނުވެ އެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމަށް ހޯމް މިނިސްޓަރު އިމްރާންގެ އިތުރަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވާދަކުރައްވަ އެވެ.

ރޭ އެ ހަފްލާގައި އިމްރާން ވަނީ އަދާލަތު ޕާޓީ އުފެދިގެން އައި ގޮތާއި މަގްސަދުތައް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އަދާލަތު ޕާޓީއަކީ ދީނީ އުސޫލުތަކަށް ބޯލަނބާ ސިޔާސީ މަސައްކަތް ކުރާ ސިޔާސީ ޕާޓީއެއް ކަމަށެވެ.

ރޭ އެ ހަފްލާގައި އިމްރާނަށް ތާއީދުކޮށް ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި އަދާލަތު ޕާޓީގެ މިހާރުގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އާއި ދީނީ އިލްމުވެރިޔާ ޝެއިހު އަލީ ޒައިދު ހިމެނެ އެވެ.

comment ކޮމެންޓް