ދިގު އިންތިޒާރެއްގެ ނިމުން، ވަރުން ދަވަން އާ ނަތާޝާ ކައިވެނިކޮށްފި

ވަރުން އާ ނަތާޝާ---

ޅައުމުރުން ފެށިގެންވެސް ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކްޓަރު ވަރުން ދަވަން 33، އާ ފެޝަން ޑިޒައިނަރު ނަތާޝާ ދަލާލް 28، ކައިވެނިކޮށްފި އެވެ.

މީގެ ދެ އަހަރު ދުވަސް ކުރިން ފެށިގެން ވެސް މިދެމީހުން ކައިވެނީގެ ވާހަކަތައް ދެކެވެން ފެށުނުއިރު މި ކައިވެންޏަކީ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި އެއް ކައިވެންޏެވެ. އެއާއެކު މި ކައިވެނި ވެގެން މިދިޔައީ މިއަހަރު ބޮލީވުޑުގެ އެންމެ ފުރަތަމަ ބޮޑު ކައިވެންޏަށެވެ.

ހިންދޫ ސަގާފަތާ އެއްގޮތަށް އެކައިވެނި ކޮށްފައިވާއިރު ދެމީހުން ކައިވެނިކުރީ އަލީބައުގް އަވަށުގެ "ދަ މެންޝަން ހޮޓެލް"ގަ އެވެ. ކައިވެނީގެ ރަސްމިއްޔާތުތައް ނިންމާލުމަށްފަހު އިންސްޓަގްރާމްގައި އޭނާގެ އަނބިމީހާ ނަތާޝާ އާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ވަރުން ބުނީ ޒަމާންވީ ލޯބި ރަސްމީވެގެންދިޔައީ ކަމަށެވެ.

އެ ކައިވެނި ހަފްލާގައި މަދު ބަޔަކު ބައިވެރިވިއިރު ހަފްލާގައި ބައިވެރިވީ އާއިލާ އާ ގާތް ރަހުމަތްތެރިން އެކަންޏެވެ. ބޮލީވުޑުން ފާހަގަ ކޮށްލެވޭ ކަރަން ޖޯހަރު، އާލިއާ ބަޓް، އަރުޖުން ކަޕޫރު އަދި މަނީޝް މަލްހަތްރާ ފަދަ ތަރިން މި ހަފްލާގައި ބައިވެރިވި އެވެ.

މީގެ ކުރިން ވަރުން ދިން އިންޓަވިއުއެއްގައި ބުނީ ނަތާޝާ އޭނައަށް އެންމެ ފުރަތަމަ ފެނުނީ ހަ ވަނަ ގުރޭޑުން ކަމަށާއި 12 ވަނަ ގުރޭޑު ނިމެންދެން ދެ މީހުން ތިބީ އެކުވެރި ދެ ރަހުމަތްތެރިންގެ ގޮތުގައި ކަމަށެވެ.

"އަހަރެން ލޯބި ހުށައެޅުމުން ނަތާޝާ އަހަރެން ތިން ހަތަރު ފަހަރަކު ރިޖެކްޓްކުރި. އެކަމަކު އަހަރެން އުންމީދު ކަނޑައެއް ނުލަން،" ވަރުން ބުންޏެވެ.

ވަރުން ކައިވެނިކުރި އިރު ގިނަ ބަޔަކު ދެން އިންތިޒާރުކުރާނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ހަފްލާއަށެވެ.

comment ކޮމެންޓް