ދިވެހި ރައްޔިތުން ރައީސް ޔާމީން މިނިވަން ކުރާނެ: ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގްގެ ދައުވާ ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރާނީ ދިވެހި ރައްޔިތުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑަރިންގްގެ ދައުވާ ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ ދަމަހައްޓާފަ އެވެ.

ހަތަރު މަސް ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން ދެމެހެއްޓީ މައްސަލަ ބެލި ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ ތާއީދާއެކުއެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު "ސަން" އަށް ވިދާޅުވީ، ހައިކޯޓުގެ ފަނޑިޔާރުން ފާހަގަކުރެއްވި ނުކުތާތަކުން ކޯޓުތަކަށާއި ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުގެ ނުފޫޒު ވަދެފައިވާ މިންވަރު ހާމަވާ ކަމަށެވެ.

"މީގެއިން ހާމަވެގެންދަނީ ސަރުކާރުގެ ނުފޫޒު ކޯޓުތަކަށް އޮތް މިންވަރު. އެއީ ސަރުކާރު ކޯލިޝަންގައި ތިއްބެވި ބައެއް ފަރާތްތަކުގެ ނުފޫޒު އޮތްކަން. އަދި ޖޭއެސްސީގެ ފުލް ކޮންޓްރޯލް އެމްޑީޕީ އަތުގައި އެ އޮތީ. ޖޭއެސްސީގައި ރައީސް ނަޝީދު އެބައިންނަވާ،" އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކައް ބެލުމުގެ ބާރު ލިބިފައިވާ ޖޭއެސްސީ އަކީ ސަރުކާރުގެ ގޮތްޕެއް ކަމަށް ސައީދު ވިދާޅުވި އެވެ.

"ސަރުކާރުގެ ނުފޫޒު ކޯޓުތަކުގެ ތެރެއަށް އަތް ބޭނުން އަދި ސަރުކާރާއި ސަރުކާރުގެ ގޮތްޕެއްގެ ގޮތުން ޖޭއެސްސީ ހަރަކާތްތެރިވެ، ކޯޓުތަކުގެ ނިޒާމު، އަދުލުއިންސާފުގެ ނިޒާމު އެފުށް މިފުށަށް ޖަހައި، މިއިން ޒަމާނަކު އަދުލު އިންސާފުގެ ނިޒާމު ހަރާބު ނުކުރާ ވަރަށް މިވަނީ މުޅި ސިސްޓަމް ކޮރަޕްޓްކޮށްފައި." ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީއިން އަދިވެސް ގަބޫލުކުރާ ގޮތުގައި ޕީޕީއެމްގެ ލީޑަރަކީ ރައީސް ޔާމީން އެވެ. އަދި އެމަނިކުފާނުގެ ނަން އެ ޕާޓީންނާއި ގައުމުންވެސް ފޮހެވިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ ޕީޕީއެމްގެ ލީޑަރު. ޕީޕީއެމް ޕީއެންސީގެ ކައުންސިލުން ވަނީ ނިންމާފައި ރައީސް ޔާމީނަކީ 2023ގެ ރިޔާސީ ކެންޑިޑޭޓް ކަމަށް. ރައީސް ޔާމީންގެ ނަން ޕީޕީއެމްއިން ކީއްކުރަންތޯ. ދިވެހި ގައުމުންވެސް ފޮހެވިގެން ނުދާނެ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ވިޔަސް ސަރުކާރުން ރައީސް ޔާމީން ޖަލުގައި ބޭއްވުމަށް މަސައްކަތް ކުރިޔަސް ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުން މާޔޫސް ނުވާނެ ކަމަށާއި އެމަނިކުފާނު މިނިވަން ކުރަން ޕާޓިން ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ.

"އެ މަސައްކަތް ނުހުއްޓާނެ. ރައްޔިތުން ރައީސް ޔާމީން މިނިވަންކުރާނެ." ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް