ވެކްސިން ޖަހާ މީހުން ވަކިވަކިން މޮނިޓާ ކުރާނެ

ފެބްރުއަރީ 24، 2020: ހިމަބިހި އަދި ރުބެއްލާއަށް ޑޯޒް ހަމަނުކުރާ ހުރިހާ ފަރާތްތަކަށް އަމާޒުކޮށްގެން "މަވެސް ޖަހައިފިން" ނަމުގައި ގައުމީ ފެންވަރުގެ ވެކްސިން ޖެހުމުގެ ކެމްޕެއިން ފެށުމަށުގެ ގޮތުން އަމީނިއްޔާ ސުކޫލް ހޯލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ވެކްސިން ޖަހާ މީހުން ވަކިވަކިން މޮނީޓާކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ވެކްސިނަށް މީހުން ހޭލުންތެރިކުރުމަށް އެޗްޕީއޭ އިން އާންމުކުރާ ސުވާލާއި ޖަވާބުގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން އަޅާ ފިޔަވަޅުތައް ވަނީ އާންމުކޮށްފަ އެވެ.

އެ ކަރުދާހުގައި ބުނެފައި ވަނީ ރާއްޖޭގައި ބޭނުންކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލައި އޭގެ ރައްކާތެރިކަން ކަށަވަރުކޮށް ހުއްދަ ދީފައިވާ ވެކްސިންތައް ކަމަށެވެ.

އަދި ކޮންމެ ވެކްސިނެއްވެސް ރައްކާކޮށް ފޯރުކޮށްދިނުމުގައި އެ ވެކްސިނެއް ބަހައްޓަންޖެހޭ ފިނިހޫނުމިން ބެލެހެއްޓޭނެ ކަމަށާއި ވެކްސިން ރައްކާކޮށް ބެލެހެއްޓުމުގެ ނިޒާމު ފުޅާކުރުމުގެ މަސައްކަތް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ޔުނިސެފްގެ އެހީގައި ކުރަމުން ައަންނަ ކަމަށެވެ.

ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށާއި އެހެން ނަމަވެސް ވެކްސިން ޖެހުން މަޖުބޫރު ނޫން ކަމުގައި އެ ކަރުދާހުގައި ބުނެފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ ގިނަ ބަޔަކު ވެކްސިން ޖަހައިފިނަމަ، އާންމު ހާލަތަށް ރުޖޫއަވުން އަވަސްވާނެ ކަމަށާއި ވަކި ފަރުދަކަށް ބަލައިފި ކަމުގައިވާ ނަމަވެސް، މި ވެކްސިން ޖެހުމުން އޭނާ ބަލިން ރައްކާތެރިވުމުގެ އިތުރުން ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަމަށެވެ.

އަދި ވެކްސިންޖެހުމުގެ ސަބަބުން ނޭދެވޭ އަސަރެއް ހަށިގަނޑަށް ކުރިތޯ ބެލުމަށް ވެކްސިން ޖަހާފައިވާ ފަރާތްތައް ވަކިވަކިން މޮނިޓާ ކުރަމުންގެންދާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. އަދި މިގޮތުން ކުރިއަށް ގެންދާ މޮނިޓަރިންގ ކުރިއަށް ގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ހަށިގަނޑަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި އެގޮތުން ހަށިގަނޑަށް ކުރާ އަސަރުތަކަކީ ގިނަ ފަހަރަށް ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާއީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމާތްތައް ކަމަށެވެ.

އެ ވެކްސިންގެ ސަބަބުން ކޮށްފާނެ އަސަރުތަކުގެ ތެރޭގައި:
• އިންޖެކްޝަން ޖެހި ތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ ނޫފައިގަތުން ފަދަ ކަންތައް
• ހުންއައުން
• ވަރުބަލިވުން
• ބޮލުގައި ރިއްސުން
• މޭނުބައިކުރުން
• ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން

މިފަދަ އަލާމާތްތަކާއި މެދު ކަންބޮޑުވާނަމަ ނުވަތަ ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ، ސިއްހީ އެހީތެރިއެއްގެ އެހީ ހޯދިމަށާއި 1676 އަށް ގުޅާ ރިޕޯޓްކުރަން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

"ވެކްސިންޖެހުމުގެ ސަބަބުން ނޭދެވޭ އަސަރެއް ހަށިގަނޑަށް ކުރިތޯ ބެލުމަށް ވެކްސިން ޖަހާފައިވާ ފަރާތްތައް ވަކިވަކިން މޮނިޓާ ކުރަމުންގެންދާނެއެވެ." އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭގެ ކަރުދާހުގައި ބުނެފައި ވަނީ ވެކްސިން ދިނުމަށް ނިންމާފައިވާ ހާއްސަ ގުރޫޕްތަކަށް ވެކްސިން ދޭނެ ތަރުތީބު، އެކަމަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ އޮނިގަނޑުތަކާ އެއްގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ވެކްސިން ރައްކާކުރުމުގައި އަމަލުކުރަންވީ މިންގަނޑުތަކަށް ބަލައި، ކޯލްޑްޗެއިން ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން، ވެކްސިން ފޯރުކޮށްދިނުމުގެ ޕްލޭނެއް އެކުލަވާލައި ވެކްސިން ދޭނެ ގޮތާއި ވެކްސިންގެ ސަބަބުން ހަށިގަނޑަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ސިއްހީ ހިދުމަތްތެރިންނަށް އުނގަންނައިދީ ތަމްރީނުކުރާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ވެކްސިންގެ މުހިންމުކަން އާންމުންނަށް އަންގައިދީ ވެކްސިނާ ބެހޭ ރަގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް އެޗްޕީއޭ އިން ވަނީ ޕްލޭންތަކެއް ހަދައިފަ އެވެ.

އެގޮތުން ވެކްސިން ޖެހުމަށް ދެކޮޅުހަދާ މީހުންނާ މުއާމަލާތްކުރުމަށް ބައިނަލްއަގުވާމީގޮތުން ބަލައިގަނެފައިވާ އެކި ގޮތްތައް މައުލޫމާތުގެ އެހީގައި ވެކްސިން އަދި ކޮވިޑް19 އާއި ބެހޭ ތެދު މައުލޫމާތު ގިނަގިނައިން އާންމުންނަށް ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދި އެޗްޕީއޭ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ޔުނިސެފް ފަދަ
އިތުރުބާރު ހުރި ފަރާތްތަކުން ތެދު މައުލޫމާތު ހޯދުމަށް ބާރު އެޅުމާއި އެ މައުލޫމާތު ހޯދާނެގޮތް އާންމުންނާއި ކަމާބެހޭ މީހުންނަށް އުގަންނައިދޭނެ ކަމަށް ބުނެފައިވެ އެވެ.

comment ކޮމެންޓް