ރާއްޖެއަށް ހެރޮއިން ޓްރެފިކްކުރާ ނެޓްވޯކެއްގެ ލަންކާ ދެ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި

އިންޑިއާގެ ކޯސްޓު ގާޑުން ޓުޓިކޮރިން ބަނދަރު ކައިރިން ހިފެހެއްޓި ލަންކާގެ ބޯޓުން ހޯދި މަސްތުވާތަކެތި -- ފޮޓޯ: ނިއުސްވަޔާ

ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއްގައި އިސް ދައުރެއް އަދާ ކުރާ ސްރީލަންކާގެ ދެ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ޑެޕިއުޓީ ޑިރެކްޓަރު ކޭޕީއެސް މަލޯތުރާ އިއްޔެ ވިދާޅުވި ގޮތުގައި އެގައުމުން ހައްޔަރު ކުރީ އެމްއެމްއެމް ނަވާސް އާއި މުހައްމަދު އަފްނާސް ކިޔާ ދެ މީހެކެވެ. އަދި އެއީ ވަނަވަރު އޮޅުވާލައިގެން ޓަމިލް ނާޑޫގެ ޗެންނާއީގައި ދިރިއުޅެމުން ދިޔަ ދެ މީހުންނެވެ.

މަލޯތުރާ ވިދާޅުވި ގޮތުގައި ނަވާސް އާއި އަފްނާސް އިންޑިއާއަށް ދިޔައީ ލަންކާއިން އެމީހުން ހޯދަމުން ދަނިކޮށް ފިލައިގެންނެވެ. އަދި ނަވާސް ހައްޔަރު ކުރަން ލަންކާއިން އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެފައިވެ އެވެ.

މަލޯތުރާ ވިދާޅުވި ގޮތުގައި ނަވާސް އާއި އަފްނާސް ހައްޔަރު ކުރުމަށް ބޭނުންވާ މައުލޫމާތު އިންޑިއާއަށް ލިބުނީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކޮށްގެން ދަތުރު ކުރި ލަންކާގެ މަސްބޯޓެއް ހިފެހެއްޓި ފަހުންނެވެ. އެއީ ޓުޓިކޮރިން ބަނދަރު ކައިރިން، 95.87 ކިލޯގެ ހެރޮއިން އާއި 18.32 ކިލޯގެ މެތެމްފެޓަމިން އާއި ފިސްތޯލަ އާއި ވަޒަނާ އެކު ދަތުރު ކުރި ބޯޓެކެވެ.

މަލޯތުރާ ވިދާޅުވި ގޮތުގައި އެ މައްސަލައާ ގުޅިގެން އިންޑިއާއިން ވަނީ ބޯޓުގައި ތިބި ލަންކާގެ ހަ މީހުން ހައްޔަރުކޮށްފަ އެވެ. އަދި އެއީ އަފްގާނިސްތާނާއި އީރާނާއި ޕާކިސްތާނާ ގުޅުން ހުރި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭ މީހުން ކަމުގެ މައުލޫމާތު ލިބި، ނަވާސް އާއި އަފްނާސް އަކީ އެ ނެޓްވޯކުގައި މުހިއްމު ދައުރެއް އަދާ ކުރާ ބަޔެއްކަން އެނގުނެވެ.

މަލޯތުރާ ވިދާޅުވި ގޮތުގައި އެ ނެޓްވޯކްގެ މަސްތުވާތަކެތި ޕްރޮސެސްކޮށް އެހެން ގައުމުތަކަށް ފޮނުވަނީ ދުނިޔެއިން އެންމެ ގިނަ އަދަދަކަށް އޮޕިއަމް އުފައްދާ 'ގޯލްޑެން ކްރެސެންޓު' ސަރަހައްދުގައި ހިމެނޭ އަފްޣާނިސްތާން، ޕާކިސްތާން އަދި އީރާނުގެ ބަޔެކެވެ. އަދި އެ ސަރަހައްދުގެ މަސްތުވާތަކެތި އާއްމު ގޮތެއްގައި އަރުވަނީ އީރާނާއި ޕާކިސްތާނުން ފުރާ މަސްބޯޓުތަކަށެވެ. އެއަށް ފަހު ކަނޑުމަތީގައި ރާއްޖެ އާއި ލަންކާގެ ބޯޓުތަކަށް އެ މަސްތުވަތާކެތި އަރުވަ އެވެ.

"އެ ސަރަހައްދުގެ ހެރޮއިން ލަންކާ އާއި ރާއްޖޭގެ ބޯޓުތަކަށް ފޯރުކޮށްދިނުމަށް އާއްމު ގޮތެއްގައި އަރުވަނީ އީރާނާއި ޕާކިސްތާނުގެ ބަނދަރުތަކުން ފުރާ މަސްބޯޓުތަކަށް،" މަލޯތުރާ ވިދާޅުވި އެވެ.

މަލޯތުރާ އިތުރަށް ވިދާޅުވި ގޮތުގައި އެ ނެޓްވޯކުގެ ބައިވެރިން އެއް ބޯޓުން އަނެއް ބޯޓަށް މަސްތުވާތަކެތި އަރުވަނީ އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ އެ ސަރަހައްދާ ވަރަށް ކައިރީގަ އެވެ. އަދި އެ ނެޓްވޯކުގައި ބޭރުގެ ގިނަ ބަޔަކު ބައިވެރިވާ ކަމަށާއި އެންސީބީ އާއި އިންޑިއާގެ އެހެން އިދާރާތަކަށް ލިބިފައިވާ މައުލޫމާތުން ދޭހަވާ ގޮތުގައި އެ ވިޔަފާރި ކޮންޓްރޯލް ކުރަނީ ލަންކާގެ ޖަލުތަކުގައި ތިބި ޕާކިސްތާނުގެ ޑްރެގް ޓްރެފިކް ކުރާ ބަޔެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން އިންޑިއާއިން އަފްގާނިސްތާނާއި ޕާކިސްތާނާ ހިއްސާ ކުރާ އެއްގަމު ބޯޑަރުގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރި ފަހުން ކަނޑުމަގުން އިންޑިއާއަށް ހެރޮއިން އެތެރެ ކުރާ މިންވަރު އިތުރުވެފައިވާ ކަމަށްވެސް މަލޯތުރާ ވިދާޅުވި އެވެ.

comment ކޮމެންޓް