ދަ ހޭގް (10 ސެޕްޓެމްބަރު 2026): ބައިނަލްއަގްވާމީ އިންސާފު މުގުރާލައި ފުނޑުފުނޑު ކޮށްލުމަށް އެމެރިކާ ހިންގާ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ދަށުދަރަޖައިގެ އަމަލުތަކެއް ކަމަށާ އެކަން ބަލައި ނުގަނެވޭނެ ކަމަށް ބުނެ އދ. އިން އެމެރިކާ އަށް ފާޑުކިޔައިފިއެވެ.
ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) އަށާއި އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޝް ނެރުއްވި ބަޔާނެއްގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ދެކޮޅަށް އެމެރިކާ އެޅި ފިޔަވަޅުތައް ސިފަކުރައްވާފައި ވަނީ ބައިނަލްއަގްވާމީ އިންސާފު ފުނޑާލައި ބައިނަލްއަގްވާމީ ގާނޫނަށް ހުރަސްއަޅައި މުޖުރިމުންނަށް ހިއްވަރުދިނުމުގެ އަމަލުތަކެއްގެ ގޮތުގައެވެ. މިކަން ހުއްޓާލުމަށް ގުޓަރެޝްގެ ބަޔާނުގައި އެމެރިކާ ސަރުކާރަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރުކަށި ސަރުކާރުން އައިސީސީ އާ ދެކޮޅަށް މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. ޓްރަމްޕްގެ ހަރުކަށި ސަރުކާރުން އެ ކޯޓާ ދެކޮޅަށް ތެދުވާން ފެށީ ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ޖަރީމާތަކާއި ގަތުލުއާންމުތައް ބަލައި ތަހުގީގުކޮށް އެ މައްސަލާގައި އިސްރާއީލުގެ ބޮޑުވަޒީރާއި ޔަހޫދީ ހަރުކަށި ޖައްބާރު ވެރިން ހައްޔަރު ކުރުމުގެ އަމުރު 2024 ވަނަ އަހަރު އެ ކޯޓުން ނެރުމުންނެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް މި އަމުރު ނެރުއްވި އެ ކޯޓުގެ ޕްރޮސެކިއުޓާ ކަރީމް ޚާންއަށް ވެސް އެމެރިކާއާއި އިސްރާއީލުން ވަނީ ބިރުދައްކައި ބުލީކުރުމުގެ ގިނަ އަމަލުތަކެއް ހިންގައިފައެވެ. އެއަށްފަހު އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ވެސް ކުރިއެވެ. ކަރީމް ޚާންގެ މައްޗަށް އެކަން ސާބިތު ނުވުމުން ކަރީމް ޚާންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހު އޭނާ ވަނީ އެ ކޯޓުން ބޭރުކޮށްލައިފައެވެ.
ކަރީމް ޚާންގެ މައްޗަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބު ކުރުމަށްޓަކައި އައިސީސީގެ މެންބަރު ގައުމުތަކުގެ އިސްވެރިންނަށް އެމެރިކާއިން ރިޝްވަތު ދިން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ކަރީމް ޚާން ބޭރުކޮށްލުމުގެ ކުރިން ވެސް އެމެރިކާ ވަނީ އައިސީސީގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި އެބޭފުޅުން އެމެރިކާއަށް ވަނުން މަނާކުރުމާއި އެމެރިކާ ކޮންޓްރޯލްކުރާ މާލީ ނިޒާމުކަމަށްވާ ސްވިފްޓް ނިޒާމުން އެބޭފުޅުން ބޭރުކޮށް އެނިޒާމުގެ ތެރެއިން މާލީ މުއާމަލާތްތައް ނުހިންގޭނެ ގޮތް ހެދުން ހިމެނެއެވެ.
އެއަށްފަހު އިއްޔެ އަނެއްކާވެސް އެމެރިކާގެ ހަރުކަށި ސަރުކާރުންވަނީ އައިސީސީ (ބައިނަލްއަގްވާމީ ޖިނާއީ ކޯޓް) އާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅައިފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ކޯޓާއެކު ކުރާ ހުރިހާ މުއާމަލާތްތައް ހުއްޓާލުމާއި އެ ކޯޓުގެ ވަސީލަތްތަކަށް ހުރަސްއެޅުމާއި ކޯޓު ހިންގުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުން ހިމެނެއެވެ. މީގެތެރޭގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް އެކި ޚިދުމަތްތައް ދޭ ކުންފުނިތަކާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ --މި ފިޔަވަޅުތައް އިއުލާން ކުރައްވަމުން އެމެރިކާގެ ހަރުކަށި ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ބުނެފައިވަނީ އެމެރިކާގެ ލަނޑުދަނޑިއަކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓު ހިންގުން ހުއްޓުވުން ކަމުގައެވެ. އެމެރިކާގެ ރައްޔިތުންގެ މައްސަލަތައް ބަލަން ފެށުމަކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓު އޭގެ އިމުން ބޭރުވުންކަމަށާ އެމެރިކާ މީހުންގެ މައްސަލަތައް ބެލުމުގެ އެއްވެސް ފުރުސަތެއް އެ ކޯޓަށް ނުދޭނެކަމަށް ރޫބިއޯ އިންޒާރު ދިނެވެ.
އެމެރިކާ ސިފައިންނާއި އެމެރިކާގެ ކުރީގެ އިސްވެރިން އިރާގާއި އަފްޣާނިސްތާނުގެ އާންމުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނީ ހައްގުތަކާ ޚިލާފު ލާއިންސާނީ ޖަރީމާތަކުގެ މައްސަލަތަކާ ބެހޭ އެތަށް ދައުވާއެއް އިންސާނީ ހައްގުތަކަށް ވަކަލާތުކުރާ ގާނޫނީ ވަކީލުން ވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހަޅައިފައެވެ.
އެމެރިކާއަކީ ކުރިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ވަރަށް ބޮޑަށް ތާއީދުކުރި ގައުމެކެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރިކާ އެ ކޯޓަށް ތާއީދުކުރީ އެމެރިކާއާ އިދިކޮޅު ގައުމުތަކުގެ ލީޑަރުންގެ މައްސަލަތައް އެ ކޯޓަށް ވައްދައިގެން އެ ކޯޓު މެދުވެރިކޮށް އެ ފަރާތްތަކަށް އަދަބު ލިބޭނެކަމުގެ އުންމީދުގައެވެ. އެކަން ކޮންމެވެސް ވަރަކަށް އެމެރިކާ ކާމިޔާބު ވެސް ކުރި އެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ދުވަސް ދުއްވާލުމަށް ފާޅުގައި އެމެރިކާ ނުކުތީ އެ ކޯޓުން އެމެރިކާއާއި އިސްރާއީލުގެ ވެރިންގެ މައްސަލަތައް ބަލަން ފެށުމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރުން އަތްދަށުލައި އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި އެމެރިކާ އެދޭ ގޮތަށް ހުކުމް ކުރާނެ ފަނޑިޔާރުން ބޭތިއްބުމަށް އެމެރިކާ ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ބުނިގޮތުގައި ބައިނަލްއަގްވާމީ ކޯޓުން އެމެރިކާ އެދޭ ގޮތަށް ކަންކަން ކޮށްފިނަމަ އެމެރިކާ އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭން އެމެރިކާ އޮތީ ތައްޔާރަށެވެ. ނަމަވެސް އެމެރިކާއަށް ބޯނުލަނބާނަމަ ބައިނަލްއަގްވާމީ ކޯޓު ޖެހޭނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ވޭންތައް ތަހައްމަލް ކުރާށެވެ.
އދ. ގެ ސެކްޜެޓަރީ ޖެނެރަލް ގެ ބަޔާނުގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ މުސްތަގިއްލު ކޯޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ކަނޑައަޅާފައިވާ ކޯޓެކެވެ. އެހެންކަމުން ވަކި ގައުމެއް އެދޭގޮތަށް އެކޯޓުން ހުކުމްތައް ކުރުން މަޖުބޫރު ކުރުމަކީ އެ ކޯޓު އުފެއްދުމުގެ އަސާސީ ނިޒާމްއާ ޚިލާފު އަމަލެކެވެ.