ކޮވިޑް-19ގެ ހަގީގަތް ހޯދުމަށް ކުރާ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބޭ: ޑަބްލިޔޫއެޗްއޯ

ޑރ. މައިކަލް ޖޯސެފް ރަޔަން

ޖެނީވާ (ޖަނަވަރީ 23) : ދެހާސް ނަވާރަ ވަނަ އަހަރު ޗައިނާގެ ވޫހާން ސިޓީން ފެނުނު ނޮވެލް ކްރޯނާ ވައިރަސް (ކޮވިޑް-19)ގެ އުފެދުނުގޮތުގެ ހަގީގަތް ހޯދުމަށް ކުރާ މަސައްކަތުގައި އިލްމީ ގޮތުން މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފި އެވެ.

ޖެނީވާގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑަބްލިޔޫއެޗްއޯގެ އިމާޖެންސީ ޕްރޮގްރާމާބެހޭ އެގްޒެކެޓިވް ޑައިރެކްޓަރު ޑރ. މައިކަލް ޖޯސެފް ރިޔަން ވިދާޅުވީ ކޮވިޑް-19 ފެނުނީ ޗައިނާއިންކަން ނޫނީ ޗައިނާއިން ބޭރުގައިކަން ވެސް ނޭނގޭކަމުގަ އެވެ. އެ ވައިރަސް ކުރިން ޔޫރަޕްގެ އުތުރުން ފެނުނު ކަމުގެ ބައެއް ހެކިތަކާ ބެހޭ މައުލޫމާތު ލިބިފައިވާ ކަމުގަ އެވެ.

ކޮވިޑް-19ގެ ހަގީގަތް ހޯދުމަށް ކުރަމުންގެންދާ އިލްމީ ދިރާސާއަކީ ވަރަށް ކޮންޕްލިކޭޓެޑް އަދި ދިގު މުއްދަތެއް ހޭދަވާނެ ދިރާސާ އެއްކަމަށާއި އެކަމަށް ހޭދަވާނެ މުއްދަތު އަންދާޒާ ކުރަން އަދި ދަތި ކަމަށް ވެސް ރިޔަން ވިދާޅުވި އެވެ. ކޮވިޑް-19 އަކީ ކޮރޯނާ ވައިރަސްގެ އައު ވައްތަރެކެވެ. ޑަބްލިޔޫއެޗްއޯ އިން މިހާރު ހޯދަމުން ގެންދަނީ ކޮވިޑް-19 އުފެދުނު ގޮތާއި އޭގެ އޮރިޖިން އެވެ. މި ވައިރަސް ޗައިނާގެ ވޫހާން ސިޓީން ފެނުނީ 14 ޑިސެމްބަރު 2019 ވަނަ ދުވަހު އެވެ. އެއަށް ފަހު ދުނިޔެއަށް ފެތުރިގެންދިޔައީ ވޫހާން ސިޓީންނެވެ. ނަމަވެސް އޭގެކުރިން މި ވައިރަސް ޔޫރަޕްގައި އުޅުނު ކަމުގެ ހެކި އެބަހުރި ކަމަށް ބައެއް ރީސާޗަރުން ވިދާޅުވެފައިވެ އެވެ. ޗައިނާގައި މި ވައިރަސް ފެތުރުނީ ވާލުގެ ޒަރީއާއިން ކަމުގެ އަޑުތައްު ފެތުރިފައި ވީނަމަވެސް އެކަމުގެ އިލްމީ ހެއްކެތް މިހާތަނަށް ފެނިފައެއް ނުވެ އެވެ.

ކޮވިޑް-19 ނައްތާލުމަށް ކުރާ މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ އެވައިރަސް ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ވާސިލްވިގޮތް ދެނެގަތުންކަމަށް ރިޔަން ވިދާޅުވި އެވެ. ކޮވިޑް-19 އުފެދުނުގޮތުގެ ހަގީގަތް ހޯދުމަށް މަސައްކަތްކުރާ ޑަބްލިޔޫއެޗްއޯގެ ރީސާޗަރުންގެ ޓީމް މިހާރު ވަނީ ޗައިނާއަށް ގޮސް އެކަމާބެހޭ އިބްތިދާއީ ދިރާސާތައް ފަށައިފަ އެވެ.

ކޮވިޑް-19 ރޯގާ ޖައްސާ ވައިރަސްގެ އިލްމީ ނަމަކީ "ސިވިއާ އެކިއުޓް ރެސްޕިރޭޓްރީ ސިންޑްރޯމް ކޮރޯނާ ވައިރަސް "2 ނުވަތަ (ސާސްކޯފް 2) އެވެ. މިއީ ކޮރޯނާ ވައިރަސްގެ ވައްތަރެކެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)

comment ކޮމެންޓް