ދަންވަރު ނުނިދި ދެކޮޅަށް ފުރޮޅެން ނޯވެ މި ކިޔާލާ!

ދަންވަރު ނުނިދި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލާ ނޯވެ މި ކިޔާލާ! ފޮޓޯ:އައިސްޓޮކް

އަހަރެމެންގެ ތެރެއިން 20 ޕަސެންޓް މީހުންނަކީ ރޭގަނޑުގެ ވަކި ހިސާބަކުން ނިދިން ހޭލެވި ދެން އިތުރަށް ނިދުމަށް ބޮޑު ހަނގުރާމައެއް ކުރަންޖެހޭ ބައެކެވެ. އެމެރިކާގެ ސިއްޚީ ވެބްސައިޓެއްކަމުގައިވާ ވެބްއެމްޑީ އިން ބުނާގޮތުން މި ބާވަތުގެ އިންސޯމްނިއާ އަކީ ވަރަށް "ސްޓްރެސްފުލް"، އަދި މީހާ ވަރަށް ބޮޑަށް ވަރުބަލިކޮށްލާ ކަމެކެވެ. އެހެންނަމަވެސް އެނބުރި ފަސޭހައިން ނިދަން ބޭނުންވާނަމަ މިކަންކަން ކޮށްލާށެވެ.

ގަޑީގެ މަތިން ހަނދާން ނައްތާލާ

ކުއްލިއަކަށް ހޭލެވި ދެން ނުނިދިގެން ތިހެން ފުރޮޅެން އޮންނައިރު އެންމެ ގިނައިން ކުރެވޭނެ ކަމަކީ ފޯނުން ވިޔަސް، ނުވަތަ ކޮޓަރީގެ ކޮންމެވެސް ދިމާލެއްގައި ހުރި ގަޑިއަކަށް ބަލައި ވީއިރެއް ބެލުމެވެ. ބޭއިޚްތިޔާރުގައި ނަމަވެސް ތިކުރެވޭ ކަމަކުން ވާނީ ހަމަ އިތުރަށް ހާހެވެ. ސަބަބަކީ ނުނިދި ލަސްވާ ވަރަކަށް އިތުރު އުނދަގޫތަކެއް ކުރިމަތިވެ، ރިލެކްސްވުމަށް ދަތިވުމެވެ. އެހެންކަމުން ދެންފަހަރަކުން ވީހާވެސް ގަޑިން ވީއިރެއް ނުބަލާ ވޭތޯ މަސައްކަތްކުރާށެވެ.

ނަމަނަމަ ފޯނު ނުނަގާތި

ކޮންމެހެން ފޯނު އެކަންޏެއް ނޫނެވެ. ޓެބްލެޓެއް ލެޕްޓޮޕެއް ވިޔަސް މެއެވެ، ކޮންމެ ކަހަލަ ސްކްރީނަކުން އަންނަ "ބްލޫ ލައިޓް" އަކުން ސިކުނޑިއަށް ދޭނެ ހަމައެކަނި މެސެޖަކީ މިއީ ހޭލަންވީ ވަގުތުކަމެވެ. މާގިނައިން ދަންވަރު މިގޮތަށް ހޭލެވޭނަމަ އެންމެ ރަނގަޅު ވާނީ ފޯނާއި މިފަދަ ތަކެތި އެނދާއި ވީހާ ވެސް ދުރުގައި ބޭއްވުމެވެ. އަދި ނިދުމުގެ ގަޑިއެއްހާއިރު ކުރިން ހުރިހާ ސްކްރީނެއް ނިއްވާލުމެވެ.

ނިދާފައި އޮތް ކޮޓަރިން ނުކުމެލާ!

ނިދިން ހޭލެވި އެނބުރި ނިދުމާއި ދެމެދު ވިހި މިނިޓަށް ވުރެ ގިނައިން ހޭދަވެއްޖެ ނަމަ ދެންވީ އެނދުން ތެދުވާށެވެ. އިތުރު އެއްވެސް ބޮއްކެއް ސްކްރީނެއް ޖެއްސުމުގެ ބަދަލުގައި އެހެން ކޮޓަރިއަކަށް ނުވަތަ ސިޓިންގްރޫމަށް ވިޔަސް ނުކުމެވޭ ނަމަ ނުކުމެ މަޑުމައިތިރިކަމާ އެކު މީހާ އަށް ހަމަޖެހުން ގެނެސްދޭނެ ކޮންމެވެސް ކަމެއް ކުރާށެވެ. މިސާލަކަށް ފޮތެއް ކިޔާލުމަކީ މިފަދަ ވަގުތެއްގައި ކުރެވޭނެ އެންމެ ރަނގަޅު އެއް ކަމެވެ. އަދި ފުންކޮށް ނޭވާލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ކޮންމެއަކަސް، ވަރަށް ބޮޑަށް ނިދި އަންނަންދެން މިފަދައިން ފޮތް ކިޔާލެވިއްޖެ ނަމަ ވަރަށް ފަސޭހަވާނެ އެވެ.

މިއީ ނުކުރެވި ހުރި މަސައްކަތްތައް ނިންމަން ލިބޭ ވަގުތަކަށް ނުހަދާތި

ނުނިދި މާ ގިނައިރު ވާނަމަ ތެދުވެ ގޭތެރޭގެ މަސައްކަތްތައް ނޫނީ އޮފީހުގެ ދެތިން ކަމެއްވެސް ނިންމާލާ ހިތްވާނެ އެވެ. އެހެންނަމަވެސް މިއީ އެއްވެސް ހާލެއްގައި މިފަދަ ޓާސްކަކަށް އޮތް ވަގުތެއް ނޫނެވެ. ތެދުވެ މިފަދަ މަސައްކަތެއްކޮށްފި ނަމަ ސިކުނޑިއަށް ތިދެވެނީ ނިކަން ނުބައި މެސެޖެކެވެ. އަދި ދެވަނަ ފަހަރަށް ވެސް އެކަން ތަކުރާރުވުމަށް ހިތްވަރު ލިބެއެވެ.

ފަހަތަށް ގުނަން ފަށާ

ނުނިދިގެން ތިއުޅެނީ ސިކުނޑި މާބޮޑަށް "ބިޒީ" ވެގެން ކަމުގައިވާ ނަމަ ތިކަމުގެ ހައްލުވެސް އެބައޮތެވެ. ސިކުނޑި ނިއްވާލަންވީ އެވެ. މިކަން ކުރެވޭނެ އެންމެ ފަސޭހަ އެއްގޮތަކީ ފަހަތަށް ގުނަން ފެށުމެވެ. ސަތޭކައިން ފަށާށެވެ. ވެނިމިފައިވާ އެކި ކަންކަމާ މެދު ތިވިސްނާ އެކި ވިސްނުންތަކާއި ކުރިއަށް ވެދާނެ ކަމަށް ހީކޮށް ތި ވިސްނާ ކަންކަމުން މީހާގެ ސިކުނޑި ދުރުވެ މީހާއަށް ހަމަޖެހުމެއް ލިބި ނިދަން އިސާހިތަކު ފަސޭހަ ވެދާނެ އެވެ.

ކެފެއިންއާއި ދުރުވެ، ނިދުމުގެ ކުރިން ރިލެކްޒޭޝަން އަށް ސަމާލުކަންދީ

ކެފެއިން އޭ ބުނުމުން މި ބުނަނީ ހަމައެކަނި ކޮފީގެ ވާހަކައެއް ނޫނެވެ. ސައި، ސޯޑާ، އެކިކަހަލަ އެނާޖީ ޑްރިންކްސް، ނުވަތަ ޗޮކްލެޓްއަކީވެސް ކެފެއިން އެކުލެވޭ ބާވަތްތަކެކެވެ. އަދި ކެފެއިން އެހީވަނީ ގިނަ އިރު ސިކުނޑި ހޭލައްވާފައި ބެހެއްޓުމަށެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރު ތެރޭ މިތަކެތިން އަސަރުކުރަން ފަށާއިރު، ތިހީކުރާ ވަރަށް ވުރެ ގިނައިރު މި އަސަރުތަށް ދެމިވެސް ހުރެއެވެ. އެހެންކަމުން ނިއުޓްރިޝަނުންގެ ވެސް ނަސޭހަތަކީ މެންދުރުފަހު އެއްވެސް ވަރަކަށް ކެފެއިން އެކުލެވޭ ބާވަތްތައް ބޭނުން ނުކުރުމެވެ. ހާޢްސަކޮށް ނިދުމުގައި އެކި މައްސަލަތައް ހުންނަނަމަ މިކަމަށް ސަމާލުކަންދޭންޖެހޭ މިންވަރު އިތުރެވެ. އެއާއެކު ނިދުމުގެ ކުރިން މަސައްކަތާއި ދުރުވެ ހަށިގަނޑު 'ރިލެކްސް' ވާނެ ފަދަ ޔޯގާއެއް، ޕޮޑްކާސްޓެއް އަޑުއަހާލުން ފަދަ ކަމެއް ކުރެވިދާނެ އެވެ.

މިކަންކަމުގެ އިތުރަށް ވެސް ވަކި ގަވާއިދަކަށް ދިރިއުޅުމުގެ އެކި ކަންކަން އަތުރާލުމަކީ ވެސް ނިދުންފަދަ ސިއްޚަތަށް މުހިންމު ކަންކަމަށް ފަރުވާތެރިވުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ. އަދި ރޭގަނޑު ނުނިދުމުގެ މި މައްސަލައަކީ މާ ގިނަދުވަހަށް ދިގުދެމިގެންދާ ކަމެއްނަމަ ސިއްޚީ އެހީތެރިކަން ހޯދުމަކީވެސް މުހިންމު ކަމެކެވެ.

comment ކޮމެންޓް