އެމެރިކާގެ 46 ވަނަ ރައީސް އާއި ފުރަތަމަ އަންހެން ނައިބު ރައީސް ހުވާ ކުރައްވައިފި

އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން، އަނބިކަނބަލުން ޑރ. ޖިލް ބައިޑެން އަދި ނައިބު ރައީސް ކަމަލާ ހެރިސް އާއި ފިރިކަލުން ޑަގް އެމްހޮފް

ވޮޝިންޓަން (ޖެނުއަރީ 20): އެމެރިކާގެ 46 ވަނަ ރައީސްކަމުގެ ހުވާ ޖޯ ބައިޑެން ކުރައްވައިފި އެވެ. އަދި އެގައުމުގެ ފުރަތަމަ އަންހެން ނައިބު ރައީސްކަމުގެ ހުވާ ކަމަލާ ހެރިސް ކުރައްވައިފި އެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި މިއަދު އެގައުމުގެ ކުރީގެ ނައިބު ރައީސް ބައިޑެންއަށް ރައީސްކަމުގެ ހުވާ ލާ ދެއްވީ އެގައުމުގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް އެވެ. އަދި ހެރިސްއަށް ހުވާ ލާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސޯނިއާ ސޮޓޮމަޔާ އެވެ.

ހެރިސްއަކީ އެމެރިކާގެ ފުރަތަމަ އަންހެން، ފުރަތަމަ ކަޅު ނަސްލުގެ އަދި ފުރަތަމަ ދެކުނު އޭޝިއާ ދަރިކޮޅުގެ ނައިބު ރައީސެވެ. އަދި ސޮޓޮމަޔާ އަކީ އެމެރިކާގެ ފުރަތަމަ ހިސްޕޭނިކް ދަރިކޮޅުގެ ސުޕްރީމް ކޯޓު ފަނޑިޔާރެވެ.

ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސުން ކަމަށްވާ ބަރަކް އޮބާމާ އާއި ބިލް ކްލިންޓަން އާއި ޖޯޖް ޑަބްލިޔު ބުޝް ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ. އެއީ ފާއިތުވި 150 އަހަރު ތެރޭ، އެމެރިކާގެ ވެރިކަމުގައި ހުންނެވި ރައީސަކު އާ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންނެވި ފުރަތަމަ ފަހަރެވެ.

ޓްރަމްޕްގެ ބަދަލުގައި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ނައިބު ރައީސް މައިކް ޕެންސް އެވެ. އަދި އެ ރަސްމިއްޔާތުގެ ކުރިން ޓްރަމްޕް ވަނީ ވޮޝިންޓަން ދޫކުރައްވާ ވަޑައިގަންނަވާފަ އެވެ.

ބައިޑެންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަކީ މިހާތަނަށް އެންމެ މަދު އަދަދަކަށް އާއްމު ރައްޔިތުން ބައިވެރިވި އެއް ރިޔާސީ ހުވާ ކުރުމުގެ ރަސްމިއްޔާތެވެ. އެއީ ކޮވިޑް-19ގެ ސަބަބުން އެމެރިކާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނާއި މި މަހުގެ ހަޔެއްގައި ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު ކޮންގްރެސް އިމާރާތަށް ވަދެ ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ޑީސީގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކޮށްފައި އޮތުމުންނެވެ.

comment ކޮމެންޓް