ގައުމީ ޔުނިވަރސިޓީ (އެމްއެމްޔޫ) އިން ޒަމާނީ ނެވިކަމަށް ބޭނުންކުރާ އެންމެ ފަހުގެ ސްމިއުލޭޓާ އިފްތިިތާހްކޮށްފި އެވެ.
މިއަދު ސެންޓާ ފޯ މެރިޓައިމް ސްޓަޑީސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިސްޓަމް އިފްތިތާހްކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
އެމްއެންޔޫއިން ބުނީ މިއަދު އިފްތިތާހްކުރި ސްމިއުލޭޓާއަކީ އައިއެމްއޯގެ ގެ މިންގަނޑުތަކަށް ނެވިގޭޝަން އޮފިސަރުންނާއި ޖީއެމްޑީއެސްއެސް އޮޕަރޭޓަރުން ތަމްރީނުކުރުމަށް ބޭނުން ކުރެވިގެންދާނެ ޒަމާނީ ވަސީލަތެއް ކަމށެވެ. ނެވިގޭޝަން ސިމިއުލޭޓަރަކީ ދަރިވަރުންގެ ނެވިގޭޝަން އަދި ޝިޕްހެންޑްލިން ގެ ހުނަރު ހުރިވަރު ބެލުމަށްޓަކައި ބޭނުން ކުރާ ވަސީލަތެކެވެ.
އެމްއެންޔޫއިން ބުނީ އެ ވަސީލަތުގެ ސަބަބުން ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް ގައި ދެވޭތަމްރީނު ތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށާއި އަދި މިއަހަރުތެރޭގައި އިތުރު ކޯސްތައް ފެށިގެންދާނެ ކަމަށެވެ.
އެގޮތުން މާސްޓަރ އެންޑެ ޗީފްމޭޓް ކޯސް، އިލެކްޓްރޯނިކް ޗާޓް ޑޭޓާ އެންޑް އިންފޮމޭޝަން ސިސްޓަމްސް (އީސީޑީއައިއެސް) އާއި ބްރިޖް ޓީމް މެނޭޖްމަންޓް (ބީޓީއެމް) ގެ އިތުރުން ގްލޯބަލް މެރިޓައިމް ޑިސްޓްރެސް ސޭފްޓީ ސިސްޓަމް (ޖީއެމްޑީއެސްއެސް) ފަދަ ކޯސްތައް ފެށުމަށް ހަމޖެހިފައިވާ ކަމަށް އެމްއެންޔޫއިން ބުންޏެވެ.
އޭގެ އިތުރުން ޑެކް އޮފިސަރުންނާއި ކެޕްޓަނުންގެ ރިފްރެޝާރ ކޯސް ތަކުގައި ސިމިއުލޭޓަރ ބޭނުން ކުރެވޭނެކަމަށްވެސް އެމްއެންޔޫއިން ބުންޏެވެ.
އެމްއެންޔޫއިން އިތުރަށް ބުނީ އެޑްވާންސްޑް ޑިޕްލޮމާ އިން ނޯޓިކަލް ސައިންސް ބެޗެލަރ އޮފް ސައިން އިން މެރިން އޮޕަރޭޝަންސް މެނޭޖްމެންޓް ފަދަ ކޯސްތައް ވެސް ފަރުމާކުރުމަށް މިހާރު މަސައްކަތްކުރަމުންދާ ކަމަށެވެ.