ރިޝްވަތުގެ މައްސަލައިގައި ސެމްސަންގްގެ ވެރިޔާ ޖަލަށް ލާން ހުކުމްކޮށްފި

ސެމްސަންގްގެ ވައިސް ޗެއާމަން ލީ ޖޭ ޔޮންގްގެ މައްޗަށް ވަނީ ރިޝްވަތުގެ ދައުވާ ސާބިތުވެ، ދެ އަހަރާއި ހަ މަހަށް މަހަށް ޖަލަށް ލާން ހުކުމްކޮށްފަ -- ފޮޓޯ: ގެޓީ

ސޯލް (ޖެނުއަރީ 18): ސެމްސަންގްގައި މިހާރު އެންމެ އިސްކޮށް ހުންނަވާ ލީ ޖޭ ޔޮންގް ރިޝްވަތުގެ މައްސަލައަކާ ހެދި ދެ އަހަރާއި ހަ މަހަށް ޖަލަށް ލާން އެގައުމުގެ ހައި ކޯޓަކުން ހުކުމްކޮށްފި އެވެ.

ސެމްސަންގްގެ ވައިސް ޗެއާމަންގެ ގޮތުގައި މިހާރު ހުންނެވި ލީގެ ކޮރަޕްޝަނުގެ މައްސަލަ ގުޅިފައި ވަނީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުން ހޭގެ ކޮރަޕްޝަނުގެ މައްސަލައާ އެވެ.

ޕާކްގެ މައްޗަށް ސާބިތުވެފައި ވަނީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޗޮއި ސޫން ސިލްގެ ފައުންޑޭޝަންތަކަށް ފައިސާ ހޯދުމަށް އެ ދެ ބޭފުޅުން ބޮޑެތި ކުންފުނިތަކަށް ޕްރެޝަރުކޮށް، އެތައް މިލިއަން ޑޮލަރު ހޯއްދެވި ކަމުގެ ދައުވާ އެވެ. އަދި އެ މައްސަލައިގައި އޭނާ 20 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.

ލީގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ފައިދާތައް ހޯދުމަށްޓަކައި ޗޮއި ސޫން ސިލްގެ ދެ ފައުންޑޭޝަނަކަށް 43 ބިލިއަން ވޮން (37.7 މިލިއަން ޑޮލަރު)ގެ ރިޝްވަތު ދިން ކަމުގެ ދައުވާ އެވެ.

އެ މައްސަލައިގައި 2017 ވަނަ އަހަރު ލީގެ މައްޗަށް ރިޝްވަތުގެ ދައުވާ ސާބިތުވެ އޭނާ ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި އެވެ. އަދި އޭގެ އެއް އަހަރު ފަހުން ސޯލް ހައި ކޯޓުން އެ ހުކުމް ކުރުކޮށް، ސަސްޕެންޑު ކުރި އެވެ. ނަމަވެސް އެގައުމުގެ ސުޕްރީމް ކޯޓުން އެ މައްސަލަ އަނެއްކާވެސް ސޯލް ހައި ކޯޓަށް ފޮނުވުމުން އެ ކޯޓުން ވަނީ އޭނާ ދެ އަހަރާއި ހަ މަހަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފަ އެވެ.

އެ މައްސަލައިގައި ލީ ވަނީ އެއް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކޮށްފައި ކަމުން އޭނާ ދެން ޖަލުގައި ހުންނަވަން ޖެހޭނީ 18 މަހަށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި ހުކުމް ކުރެއްވި ފަނޑިޔާރު ވަނީ އެ ހުކުމް ހަތް ދުވަސް ތެރޭ އިސްތިއުނާފަށް ހުށަހެޅޭނެ ކަމަށް ވިދާޅުވެފަ އެވެ.

ލީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދޮގު ކުރައްވާފަ އެވެ. އަދި އޭނާ ޗޮއިގެ ފައުންޑޭޝަންތަކަށް ފައިސާ ހަދިޔާ ކުރެއްވި ނަމަވެސް އެއީ ސެމްސަންގަށް ފައިދާ ހޯދުމަށްޓަކައި ހަދިޔާ ކުރި ފައިސާއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ލީގެ ބައްޕާފުޅު އަދި ސެމްސަންގް ގްރޫޕުގެ ޗެއާމަން ލީ ކަން-ހީ ވަނީ މިދިޔަ އޮކްޓޯބަރު މަހު އަވަހާރަވެފަ އެވެ. އަދި އެ މަގާމު ދެން ފުރުއްވާނީ ލީ ޖޭ ޔޮންގް ކަމަށްވީ ނަމަވެސް އޭނާ އަދި ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންފައި ނުވެ އެވެ.

comment ކޮމެންޓް