ރިސޯޓުތަކުގެ ކުނި މޫދަށް އަޅާ މައްސަލަ ހައްލު ކުރަން ގަވައިދަށް ބަދަލު ގެންނަނީ

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންކް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ޓޫރިޒަމް މިނިސްޓްރީގެ ގަވައިދަކުން ބާރު ލިބިގެން ބައެއް ރިސޯޓުތަކުގެ ކުނި މޫދަށް އަޅާ މައްސަލައަށް ހައްލެއް ހޯދަން އެ ގަވައިދަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީއިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީއިން 2006 ވަނަ އަހަރު ގެޒެޓު ކުރި "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވައިދު"ގެ 5.3.3 ގައިވާ ގޮތުން ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ ކަނޑަށް އުކާލެވޭނީ ކާބޯތަކެތީގެ ބާކީ ބަޔާއި އަމިއްލައަށް ނެތިފަނާވެދާ ފަދަ ތަކެތި ކަމަށެވެ. އަދި އެ ތަކެތި އުކާލަން ޖެހޭނީ އޮޔާއި ވަޔަށް ބަލައި، ރަށްރަށަށް ނުލައްގާ ގޮތަށް އަދި އަތޮޅުން ބޭރަށް ދާ ގޮތަށް ކަމަށް އެ ގަވައިދުގައިވެ އެވެ.

އެ ގަވައިދުން ބާރު ލިިބިގެން ބައެއް ރިސޯޓުތަކުގެ ކުނި މޫދަށް އަޅަ އެވެ. ގިނަ ރިސޯޓުތަކުން ކުނި އެގޮތަށް ނައްތާލަނީ އެހެން ބަޔަކާ ހަވާލުކޮށްގެންނެވެ. އެގޮތަށް އަޅާ ކުނީގެ ތެރޭގައި ނެތިފަނާވެދާ ފަދަ ކުނީގެ އިތުރުން ތިމާވެއްޓަށް ގެއްލުންދެނިވި ޕްލާސްޓިކް ކޮތަޅާއި ފުޅިތައްވެސް ބައެއް ފަހަރު ހިމެނެ އެވެ. އަދި ރިސޯޓުތަކުން އުކާލާ ކުނި ރަށްރަށަށް ލައްގައި އެކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް އެންވަޔަރަމެންޓް މިނިސްޓްރީ އާއި، އީޕީއޭ އާއި، ޓޫރިޒަމް މިނިސްޓްރީ އާއި، ވެމްކޯ އަދި މަޓީ ޖަމިއްޔާގެ ބޭފުޅުން ހާޒިރުކޮށްފައިވެ އެވެ.

ކުނި މެނޭޖް ކުރުމާ ބެހޭ ގަވައިދު ހެދީ 2013 ވަނަ އަހަރު އެވެ. އެ ގަވައިދުގައިވާ ގޮތުން ރިސޯޓުތަކުގައި އުފެދޭ ކުންޏާ މެދު އަމަލު ކުރަންވާނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ހަދާ ގަވައިދުތަކާ އެއްގޮތަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ގަވައިދަށް ބާރު ލިބެނީ އެހެންވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވީ، ކުނި މެނޭޖް ކުރުމާ ބެހޭ ގައިވައިދު އެކުލަވާލި އިރު އެހެން ގަވައިދުތަކާ ހުރި ފުށޫއެރުންތަކަށް ރަނގަޅަށް ބެލިފައި ނުވުމަކީ މައްސަލަ އުފެދުނު ސަބަބެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ނެތިފަނާވެނުދާ ބާވަތުގެ ކުނިވެސް ރިސޯޓުތަކުން އަޅާ ކަމުގެ ޝަކުވާތައްވެސް އެ މިނިސްޓްރީއަށް ލިބޭ ކަމަށެވެ. އެހެންކަމުން ގަވައިދަށް ބަދަލު ގެނައުމުގެ މަސައްކަތް 2019 ވަނަ އަހަރު ފެށި ކަމަށް އޭނާ ވިދާޅުވި އެވެ. އަދިވެސް އެ މަސައްކަތް ދަނީ ކުރިއަށެވެ.

"ހައްލެއް ގެނައުމުގެ ގޮތުން 2019ގައި ޓޫރިޒަމް މިނިސްޓްރީއިން ގަވައިދު އިސްލާހު ކުރުމުގެ މަރުހަލާއެއް އެބަ ހިނގާ،" އައްސަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދޭއް ނުވަތަ ތިން މަސް ތެރޭގައި ގަވައިދު ތައްޔާރުކޮށް ގެޒެޓު ކުރެވޭވަރު ވާނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ހެދިފައި އޮތް ގަވައިދު ޑްރާފްޓެއް އަޅުގަނޑުމެން ވާނީ ތައްޔާރުކޮށްފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 2-3 މަސް ތެރޭ އަޅުގަނޑުމެން މި ބަލަނީ ގެޒެޓު ކުރެވޭތޯ. އޭރުން މިހެން ހުރި ވަރަށް ގިނަ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން،" އައްސަދު ވިދާޅުވި އެވެ.

ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ވަގުތީ ހައްލެއްގެ ގޮތުން މޫދަށް ކުނި ނޭޅުމަށް މިނިސްޓްރީއިން ނެރުނު ސާކިއުލާއެއްގައި ރިސޯޓުތަކަށް އަންގާފައިވާނެ ކަމަށް އައްސަދު ވިދާޅުވި އެވެ.

ޓޫރިޒަމް ކުރިއަރުވަން ތިމާވެށި ހިމާޔަތް ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް އެކަމަށް މިނިސްޓްރީއިން އިސްކަމެއްދޭ ކަމަށްވެސް އައްސަދު ވިދާޅުވި އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް އެ ބައްްދަލުވުމުގައި ވިދާޅުވީ، ކުނި ނާޅަން ޓޫރިޒަމް މިނިސްޓްރީއިން އެންގިޔަސް، އަދިވެސް އެކަން ކުރަމުންދާ ކަމަށެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެކަމުގެ ޝަކުވާ ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ، މައްސަލަ ހައްލުވާނީ ގަވައިދުގައި ހުރި ފުށޫއެރުންތައް ހައްލުކޮށް، ގަވައިދު ތަންފީޒު ކުރެވޭނެ ގޮތް ހެދިގެން ކަމަށެވެ. ޓޫރިޒަމްގެ ގަވައިދަށް އިސްލާހު ގެނައުމުން އެކަން ހައްލުވާނެ ކަމަށް އެ މިނިސްޓްރީއިން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ބުނެފައިވާ ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ ގަވައިދުގެ 5.3.3 ވަނަ މާއްދާ މި ވަގުތުން ވަގުތަށް އުވާލުމަކީވެސް މައްސަލައަށް ވަގުތީ ހައްލެއް ގެނެވިދާނެ ކަމެއް ކަމަށެވެ.

ރިސޯޓުތަކުގެ ކުނި ނައްތާލުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމާ ގުޅޭ ގޮތުން މަޓީގެ އެންވަޔަރަމެންޓް ކޮންސަލްޓެންޓް އަބްދުލްއަޒީޒް އަބްދުލްހަކީމް ވިދާޅުވީ، ރ. ވަންދޫގެ ކުނި މެނޭޖްމަންޓް ފެސިލިޓީ ވީހާވެސް އަވަހަށް އޮޕަރޭޓު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ފެންވަރުގެ ފެސިލިޓީތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްވެފައި ހުންނަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ކުނި ނައްތާލާ ފަރާތުން ކުނި ކަލެކްޝަންއަށް ހާއްސަ އުޅަނދުތައް ގެންގުޅެން ޖެހޭ ގޮތަށް ހަދަން ލަފާ ދެއްވި އެވެ. އޭގެ އިތުރުން ހާއްސަ ބައޯޑިގްރޭޑެބަލް ކޮތަޅު ބޭނުން ކުރާ ގޮތަށް ހަމަޖެއްސުމަށްވެސް ލަފާދެއްވި އެވެ.

އޭގެ އިތުރުން، އެއްވެސް ޓޫރިސްޓު ފެސިލިޓީއަކުން މީހުން ދިރިއުޅޭ ރަށްރަށަށް ކުނި ގެންގޮސްގެން ނުވާނެ ކަމަށާއި އެއީ ބަލިމަޑުކަމެއް ފެތުރިދާނެ ކަމެއް ކަމަށެވެ.

comment ކޮމެންޓް