ހިޔާ ފްލެޓާ ގުޅޭގޮތުން ހުށަހެޅި މައްސަލަ އޭސީސީން ތަހުގީގު ނުކުރަން ނިންމައިފި

އޮކްޓޯބަރ 15، 2019: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

ހިޔާ ފްލެޓާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ ތަހުގީގު ނުކުރަން އެ ކޮމިޝަނުން ނިންމައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "ސަން" އަށް މިއަދު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓަށް ފްލެޓް ކޮމެޓީން ޕޮއިންޓް ދިނުމުގައި، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު އިއުލާން ކުރިއިރު H7 ފިޔަވައި އެހެން ހުރިހާ ބައެއްގެ ޝަކުވާ ހުށަހެޅުމުގެ ފަހު ތާރީހު ބަންދުވެ، ގިނަ ބަޔަކަށް އެ ފުރުސަތު ނުލިބުމުން އެ ކަން ބަލައިދިނުމަށް އެދި އޭސީސީ އަށް 100 ވަރަކަށް މައްސަލަ ހުށަހެޅި ކަމަށެވެ.

"ފްލެޓު ކޮމެޓީ އަށް އަޅުގަނޑުމެން ރިކޮމެންޑޭޝަނެއް ދިނިން. އެންމެ އިންސާފުވެރި ގޮތަކީ ޝަކުވާ ހުށަހަޅަން ފުރުސަތު ދިނުމޭ. އެގޮތަށް ރިކޮމެންޑު ކުރީ 29 ޑިސެމްބަރުގައި،" ހަސަން މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ނުކުރަން ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ އެ ކަމުގައި އެއްވެސް ފަރާތަކަށް ނާޖައިޒު ފައިދާއެއް ލިބޭގޮތަށް، ކޮރަޕްޝަނުގެ އަމަލެއް ހިމެނޭ ކަމަށް ފާހަގަވާން ނެތުމުން ކަމަށެވެ.

އެކަމުގައި އޮތީ އުސޫލީ މައްސަލައެއް ކަމަށާއި، އެކަން ހައްލުކޮށް ޝަކުވާ ހުށަހަޅަން އިތުރު ފުރުސަތު ދީފައިވަކަން ހަސަން މަނިކު ފާހަގަ ކުރެއްވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތައް ލިބޭ މީހުންގެ ފައިނަލް ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށް ފްލެޓުތަކުގެ މައްސަލަ ބެލުމަށް އެލުލަވާލާފައިވާ ކޮމެޓީ އިން ވަނީ ބުނެފަ އެވެ.

ފްލެޓު ކޮމެޓީގެ މެމްބަރު ތޯހާ މުހައްމަދު "ސަން" އަށް ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު މީހުންގެެ ވަގުތީ ލިސްޓަށް ހުށަހެޅިފައިވާ ޝަކުވާ ތަކަށް ޖަވާބު ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ފައިނަލް ލިސްޓު ނެރޭނީ ހުރިހާ ޝަކުވާ ތަކަކަށް ޖަވާބުދީ ނިމުމުން ކަމަށް ތޯހާ ވިދާޅުވި އެވެ.

މީގެ ކުރިން ފްލެޓު ކޮމެޓީ އިން ބުނީ ހިޔާ ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މިދިޔަ ޑިސެމްބަރުގެ ކުރިން އާންމު ކުރާނެ ކަމަށެވެ. ނަމަވެސް ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތު ނެތް ކަމަށް ބުނެ ފްލެޓަށް ކުރިމަތިލީ ގިނަ ބަޔެއްގެ އެދުމުގެ މަތިންނާއި ޝަކުވާތަކުގެ ސަބަބުން ލިސްޓު ފައިނަލް ކޮށް އާންމު ކުރުުން ފަސްކުރީ އެވެ.

comment ކޮމެންޓް