ކަންބޮޑުވުންތަކާއެކު، 7 ކެޓަގަރީއަށް ޝަކުވާ ހުށަހަޅަން އިތުރު ފުރުސަތެއް!

އާންމުންގެ ކަންބޮޑުވުންތަކާއެކު، ހިޔާ މަޝަރޫއުގެ ހަތް ކެޓަގަރީއަކަށް ޝަކުވާ ހުށަހެޅަން އިތުރު ފުރުސަތެއް ދީފި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓަށް ފްލެޓް ކޮމެޓީން ޕޮއިންޓް ދިނުމުގައި، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު އިއުލާން ކުރިއިރު H7 ފިޔަވައި އެހެން ހުރިހާ ބައެއްގެ ޝަކުވާ ހުށަހެޅުމުގެ ފަހު ތާރީހު ބަންދުވެ، ގިނަ ބަޔަކަށް އެ ފުރުސަތު ނުލިބުމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އޮތީ ހުށަހަޅާފައެވެ.

ފްލެޓް ކޮމިޓީން މިއަދު ނެރުނު އިއުލާންގައި ބުނީ، އެ ކޮމިޓީން ދިރާސާކޮށް ނެރެފައިވާ ވަގުތީ ލިސްޓަށް H4, H5, H6, H7, H8, H9 އަދި H10 ކެޓަގަރީއަށް އަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

ޕޮއިންޓް ދިނުމުގެ އުސޫލު އާންމު ކުރީ ބައެއް ކެޓަގަރީތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތު ހަމަވިފަހުން ކަމަށްވާތީ، އެކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ވަނީ ކޮމިޓީއާ ހިއްސާ ކޮށްފައެވެ.

އެހެންކަމުން ކޮމީޓީން ނިންމީ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތެއް ދިނުމުގެ ގޮތުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމަށެވެ.

އެގޮތުން ޝަކުވާ ހުށަޅުމުގެ ފުރުސަތު ދީފައިވަނީ، މިއަދުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ. ޝަކުވާ މި ލިންކް މެދުވެރިކޮށް ހުށަހެޅުމަށް ފްލެޓް ކޮމިޓީން ވަނީ އެދިފައެވެ.

ކޮމިޓީން ބުނީ، މިއީ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާއަށް ހުޅުވާލެވޭ ދެވަނަ ފަހަރު ކަމަށްވާތީ، އެ މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން އެ ކޮމިޓީން، މިފަހަރު ރިއާޔަތް ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނީ "ދިރިއުޅުމުގެ ހާލަތު" ބަޔަށް ޕޮއިންޓް ދެވިފައިވާގޮތާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކަށް އެކަނި ކަމަށެވެ. އެކަމާގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3010718 އަށް ގުޅުމަށް ފްލެޓް ކޮމިޓީން އެދެއެވެ.

މީގެ ކުރިން ޝަކުވާއަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ ކޮމިޓީއަށް ލިބިފައިވާ ކޮންމެ ޝަކުވާއެއް ވަކިވަކިން ބަލައި، އެ ޝަކުވާއެއްގައިވާ ކަންކަމަށް ލިޔުމުން ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އިއުލާންގައި ބުންޏެވެ.

ކޮމިޓީގެ މައިގަނޑު މެންޑޭޓަކީ، "ހިޔާ" މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތަކަށް، އޭރުގެ ހައުސިން މިނިސްޓްރީން ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުންކަމަށްވާތީ، "ހިޔާ" މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތަކުގެ "ދިރިއުޅުމުގެ ހާލަތު" ބައި ފިޔަވައި އެހެން ބައިތަކަށް ޕޮއިންޓް ދިނުމުގައި މި ކޮމިޓީއިން ރިޢާޔަތްކޮށްފައިވާނީ، ފޯމު ހުށަހެޅި ތާރީހާ ހަމައަށް ފޯމު ހުށަހެޅި ފަރާތުގެ ހާލަތަށާއި އެފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ކަމަށް އިއުލާންގައި ބުންޏެވެ.

އިއުލާންގައި ބުނީ، ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދީފައިވަނީ، އެކަމަށް ހާއްސަ މިންގަނޑެއް އެކުލަވާލުމަށްފަހު، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް، ހާލަތު ބެލުމަށްފަހު، ހަމަހަމަ އުސޫލަކުން ކަމަށެވެ.

"މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލަނީ، ކޮމިޓީގެ ފަރާތުން ޙާލަތު ބެއްލެވުމަށް ދުރުވި ޓީމަށް، ފޯމު ހުށަހެޅި ފަރާތުން ދެއްވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޙާލަތު ފޯމުގައި ހުރި ބައިތަކަށެވެ. އަދި ދިރިއުޅުމުގެ ހާލަތު ބެލުމަށް ފުރާފައިވާ ފޯމުގެ އިތުރު ބަޔާނުގައި ހިމަނާފައިވާ ބައިތަކަށް ޕޮއިންޓް ދިނުމުގައި ރިޢާޔަތް ކުރެވިފައި ވާނެއެވެ. ދިރިއުޅުމުގެ ހާލަތު ބަލާ ފޯމުގައި، ފޯމު ހުށަހެޅި ފަރާތާއި، ކޮމިޓީގެ ފަރާތުން ހާލަތު ބެލުމަށް ދުރުވާ ޓީމުގެ ދެ ބޭފުޅުން، ސޮއިކުރައްވާގޮތަށް ކަނޑައަޅާފައިވާނެއެވެ،" ފްލެޓް ކޮމިޓީން ނެރުނު އިއުލާންގައި ބުނެފައިވެއެވެ.

ފޯމު ހުށަހެޅި ފަރާތުން ދިރިއުޅުމުގެ ހާލަތާ ބެހޭ މައުލޫމާތު ދިނުމަށް އުޒުރުވެރިވާ ހާލަތްތަކުގައި، އެ ފަރާތުގެ ބަދަލުގައި މައުލޫމާތު ދޭނެ ފަރާތެއް ހަމަޖެއްސުމުން އެފަރާތަށް ގުޅައި، ދިރިއުޅުމުގެ ހާލަތު ކޮމިޓީން ބަލާފައިވާނެ ކަމަށްވެސް އިއުލާންގައި ބުނެއެވެ.

ދިރިއުޅުމުގެ ހާލަތު ބެލުމަށް މި ކޮމިޓީއިން އެކުލަވާލާފައިވާ މިންގަނޑު މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

https://sun.mv/147111

comment ކޮމެންޓް