ވަރުން ދަވަންގެ ކައިވެނި މި މަހު 24 ގައި

ވަރުން އާ އޭނާގެ ޒަމާންވީ ލޯބިވެރިޔާ ނަތާޝާ ދަލާލް---

ދާދިފަހުން އެންގޭޖްވިކަން އިއުލާންކޮށް މިއަހަރުގެ ކޮންމެ ވަގުތެއްގައިވެސް ކައިވެންޏަށް ތައްޔާރަށް ހުރިކަމަށް ބުނި ކުޅަދާނަ އެކްޓަރު ވަރުން ދަވަން 33، މި މަހުގެ 24 ވަނަ ދުވަހު ކައިވެނިކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދާދިފަހުން މީޑިއާތައް ރިޕޯޓްކުރި ގޮތުގައި ވަރުންގެ ކައިވެނި މިހު ކުރާނެއެވެ. އަދި ކައިވެނިކުރުމަށް ވަރުން އަލީބައުގް އަވަށުން ފަސް ތަރީގެ ބޮޑު ހޮޓަލެއްވެސް ބުކްކޮށްފައި ކަމަށް ޚަބަރުތައް ބުންޏެވެ.

ވަރުންގެ ބައްޕަ ޑޭވިޑް ދަވަންގެ ގާތް މީހަކު މީޑިއާތަކަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނީ އަލީބައުގް ގައި ވަރުން ކައިވެނިކުރާނެކަމަށެވެ.

"ފާއިތުވެދިޔަ ދުވަސްތަކު ވަރަށް ގިނަ ނޫސްވެރިން އަހަރެންނަށް ގުޅާފައި އެބަ އަހާ މިއީ ތެދު ޚަބަރެއްތޯ. ދެން ދޮގެއް ނުހެދޭނެތާ. މި މަހު 24 ގައި ވަރުން ކައިވެނިކުރޭ،"

އޭނާ ބުނީ ކުރިން ވެސް ވަރުން ނިންމީ އޭނާގެ ފިލްމު "ކޫލީ ނަންބަރު 1"ރިލީޒްވުމަށްފަހު ކައިވެނިކުރަން ކަމަށެވެ. ކައިވެނީގެ ހަފްލާގައި ބައިވެރިވާނީ އާއިލާ މީހުންނާއި ގާތް ރަހުމަތްތެރިން އެކަނި ކަމަށާއި ހަފްލާގައި ބައިވެރިވާނީ 50 ވަރަކަށް މީހުން ކަމަށް ޚަބަރުތައް ބުނެއެވެ.

މި މަހުގެ 22، 23 އަދި 24 ގެ މުއްދަތަކަށް ވަރުން އާ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ކައިވެނީގެ ރަސްމިއްޔާތުތައް ކުރިއަށްދާނީ ކޮވިޑް19 އަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް ވެސް އަޅައިގެންނެވެ.

މިއާއެކު ކުޅަދާނަ އެކްޓަރު ވަރުންގެ ކައިވެނިވެގެންދާނީ ބޮލީވުޑްގައި މިއަހަރު އެންމެ ފުރަތަމަ ބޭއްވޭ ބޮޑު ކައިވެނީގެ ހަފްލާއަށެވެ. 2018 ވަނަ އަހަރުން ފެށިގެން މި ކައިވެންޏަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. ވަރުންގެ ކައިވެނީގެ އިތުރުން މިއަހަރު އެ ކައިވެންޏަކަށް އެންމެ އިންތިޒާރުކުރެވޭ ކައިވެންޏަކީ އެކްޓަރު ރަންބީރު ކަޕޫރާ އާލިއާ ބަޓްގެ ކައިވެންޏެވެ.

comment ކޮމެންޓް