ކޮވިޑް-19 އަށް ހަތަރު މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ހައްދުއްމަތީ ގަން އަދި ފޮނަދޫގައި އިއުލާންކޮށްފައި އޮތް މޮނިޓަރިންގް ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުވާލައިފި އެވެ.
ގަމާއި ފޮނަދޫގައި މިދިޔަ ހޮނިހިރު ދުވަހު މޮނިޓަރިންގް ހާލަތު އިއުލާން ކުރީ ގއ. ދެއްވަދޫއިން ފޮނަދުއަށް ދަތުރުކުރި ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުނު އިއުލާނުގައި ވަނީ ގަމާއި ފޮނަދޫގައި މޮނިޓަރިންގް ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ އެ ހާލަތު އުވާލާފައިވާ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.
ފޮނަދޫއިން ފެނުނު ހަތަރު ކޭސްވެސް އެއީ ދެއްވަަދޫ ކްލަސްޓާއާއި ގުޅިފައިވާ ކޭސްތަކެކެވެ. އެ ހަތަރު މީހުންވެސް ފޮނަދޫއަށް ދަތުރުކޮށްފައިވަނި މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
އެ ހަތަރު މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވީ މީހުންގެ ސާމްޕަލްތައް ނެގެޓިވްވެފައިވާ ކަމަށް ފޮނަދޫ ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ. އަދި އޭގެ ފަހުން ރެންޑޮމް ސާމްޕަލްވެސް ނެގެޓިވްވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ޕޮޒިޓިވްވި ހަތަރު މީހުންނާއި ޑައިރެކްޓް ކޮންޓެކްޓް ވީ މީހުން ތިބީ 14 ދުވަހުގެ ކަރަންޓީނުގަ އެވެ
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ދެއްވަދޫ ކްލަސްޓާއާއި ގުޅިގެން ޖުމްލަ 52 ކޭސް މިހާތަނަށް ފެނިފައިވާކަމަށް ހާމަކޮށްފަ އެވެ. އޭގެ ތެރެއިން 43 ކޭސް ދެއްވަދުއިން ފެނުނުއިރު ފޮނަދޫގެ އިތުރުން ގއ. ދާންދުއިން ދެ ކޭސް، ގއ. ވިލިނގިލިން އެއް ކޭސް އަދި ހުޅުމާލެއިންވެސް ވަނި ދެ ކޭސް ފެނިފައެވެ.
ދެއްވަދޫއިން އެންމެ ފުރަތަމަ ކޭސްއެއް ފެނުނީ ޑިސެމްބަރު މަހުގެ 24 ގައެވެ. އެދުވަހު ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ދެ މީހެކެވެ. އެހެންނަމަވެސް އެޗްއީއޯސީއިން ވަނީ އެރަށުގައި އޭގެ ކުރިންވެސް ބަލި ފެތުރިފައިވާކަމަށް ލަފާކޮށްފަ އެވެ. ދެއްވަދޫ އަދިވެސް އޮތީ މޮނިޓަރިންގް ހާލަތުގަ އެވެ. ދެއްވަދޫގެ އިތުރުން ދެން މޮނިޓަރިންގް ހާލަތުގައި އޮތީ ގއ. ދާންދޫއާއި އެ އަތޮޅު ވިލިނގިއްޔެވެ.
ދެއްވަދޫ ކްލަސްޓާގެ ކޮންޓެކްޓް ޓްރޭސިން ހެދިއިރު 255 ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ހައި ރިސްކު 101 ފަރާތެއް ފާހަގަވެފައިވާކަމަށް އެޗްއީއޯސީއިން ވަނީ ރޭ ހާމަކޮށްފަ އެވެ. ފޮނަދޫއާއި ގަމުގެ މޮނިޓަރިންގް ހާލަތު އުވާލުމަށް އެޗްޕީއޭއިން މިއަދު ނިންމާފައިވީނަމަވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ފޮނަދޫއާއި ގަން ހިމެނޭ ގޮތަށް ތިން ރަށަކުން ޖެނުއަރީ 1ން ފެށިިގެން އައްޑޫ ސިޓީއަށް މިހާތަނަށް ދަތުރުކުރި އެންމެން ރިޕޯޓުކުރުމަށް މިއަދު އެދިފަ އެވެ.