ގުދުރަތީ ވަސީލަތްތައް ވަޒަން ކުރުމުގެ މަޝްރޫއު މުޅި ރާއްޖޭގައި ފަށަނީ

އެންވަޔަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް: ވިދާޅުވީ ގުދުރަތީ ރީތިކަން ދެމެހެއްޓުމުގެ މަސައްކަތް މުޅި ރާއްޖޭގައި ފަށާނެ ކަމަށް -- ފޮޓޯ/ މިނިސްޓްރީ

ލާމު އަތޮޅުގެ ޤުދުރަތީ ވަސީލަތްތައް ވަޒަން ކުރުމުގެ ގޮތުން ފަށާފައިވާ އެންދެރި މަޝްރޫއު ނިމުމުން، މުޅި ރާއްޖޭގައި ވެސް ޤުދުރަތީ ރައުސްމާލު ވަޒަންކުރުމުގެ މަސައްކަތް ފައްޓަވާނޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެންދެރި ސްމޯލް ގްރާންޓްސް 2024 ހަވާލުކުރުމަށް ލ. ފޮނަދޫގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވަނީ ލ. އަތޮޅުގެ ތިން ޖަމިއްޔާއަކަށް 1.5 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ. އަދި ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ތަންތަން ރަނގަޅަށް ބެލެހެއްޓުމަށް ވަނީ ކައުންސިލަށް ހަ މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ.

އެންދެރި ސްމޯލް ގްރާންޓްސް 2024 ހަވާލުކުރުމަށް ލ. ފޮނަދޫގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ މިނިސްޓްރީ

ޤުދުރަތީ މުއްސަނދިކަން ވަޒަން ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބޭރުގެ ގިނަ ޤައުމުތަކުގައި އެ ބައެއްގެ މުހިންމު ޤުދުރަތީ ވަސީލަތްތަކުގެ އަގު ވަޒަން ކުރެވިފައިވާކަމަށެވެ.

އެހެން ނަމަވެސް އަޅުގަނޑުމެންގެ އެންމެ މުހިންމު ވަސީލަތްތައްކަމުގައިވާ ފަރުތަކާއި، ކުޅިފާޗަސްބިންތަކާއި، މޫދުވިނައިގެ މާހައުލީ ނިޒާމުތައް އޮތީ ވަޒަން ނުކުރެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންދެރި މަޝްރޫއުގެ ދަށުން ހިންގާ ޤުދުރަތީ ވަޞީލަތްތައް ވަޒަން ކުރުމުގެ މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވަނީ އޮސްޓްރޭލިއާގެ އުނިވާސިޓީ އޮފް ނިއު ސައުތް ވޭލްސް (ޔޫއެންއެސްޑަބްލިއު)އާއެވެ. މި ގޮތުން ލާމު އަތޮޅުގެ މުރަކަ ފަރުތަކާއި، މޫދު ވިނައާއި، ކުޅިފާޗަސްބިންތަކުގެ މިންވަރާ ފެންވަރު ބެލުމުގެ ދިރާސާތަކެއް މި އަހަރު ތެރޭގައި ވަނީ ކޮށްފައިވެއެވެ.

މި މަސައްކަތުގައި ކޮށްފައިވާ ދިރާސާތަކުގެ ނަތީޖާ އާންމު ކުރުމަށާއި މި ކަމާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކަށް ދޭން ޖެހޭ ތަމްރީން ދިނުމަށްޓަކައި ޔޫއެންއެސްޑަބްލިއުގެ ޓީމެއް މި އަންނަ ނޮވެމްބަރު މަހުތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އެންވަޔަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

comment ކޮމެންޓް