ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލް ކުރުމުން އެމްޑީޕީއަށް ގޮނޑި ލިބިއްޖެ

އިލެކްޝަން ކޮމިޝަންގެ ފަރާތުން ކައުންސިލް އިންތިހާބާއި ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ޝަރުތތު ހަމަނުވާ ކަމަށްބުނެ އެ ކެންޑިޑޭޓުގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބާތިލް ކޮށްފި އެވެ.

ކައުންސިލް އިންތިހާބުގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ހަސަން މޫސާގެ ކެންޑިޑެންސީ ބާތިލްކޮށް އޭނާ އަށް އީސީއިން ފޮނުވި ސިޓީގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނާ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބާގައި ހުންނަންޖެހޭ ޝަތުރު ހަސަން މޫސާގެ ކިބާގައި ފުރިހަމަ ނުވަކަމަށް ފ.ބިލެތްދޫ މެޖިސްޓްރޭޓު ކޯޓުން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަނަށް ލިބިފައިވާ ލިޔުންތަކުންވެސް، ހަސަން މޫސާގެ ކިބައިގައި އެ ޝަތުރުތައް ހަމަނުވާކަމަށް ސާބިތުވާ ކަމަށާއި، އެހެންކަމުން ލޯކަލް ކައުންސިލްތަކުގެެ އިންތިހާބުގެ ގަވައިދުގެ 65 ވަނަ މާއްދާއިން އިލެކްޝަންސް އަށް ލިބޭ ގާނޫނީ ބާރުގެ ދަށުން ހަސަން މޫސާގެ ކެންޑިޑެންސީ ބާތިލްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

"..ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވައިދުގެ 65 ވަނަ މާއްދާއިން އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ދަށުން، ތ.ކަނޑޫދޫ/އުސްގެ ހަސަން މޫސާ އަކީ ލޯކަލް ކައުންސިލްތަކުގެެ އިންތިހާބު 2020 ގައި ވާދަ ކުރުމަސް އެދި ކުރިމަތިލި މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ހަމަވާ ފަރާތެއް ނޫންކަމުގައި 2021 ޖެނުއަރީ 13 ގައި މި ކޮމިޝަނުން ކަނޑައަޅާފައިވާތީ، ތިޔަ ފަރާތުގެ ކެންދިޑެސީ ބާތިލްކޮށްފައިވާކަން ދެންނެވީމެވެ،" އީސީގެ ރައީސް ސޮއިކުރައްވާ ފޮނުއްވި ސީޓިގައި ވެއެވެ.

ހަސަން މޫސާ އިންތިހާބަށް ކުރިމަތިލާފައިވަނީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގަ އެވެ. އެނާގެ ކެންޑިޑެސީ ބާތިލްކުރުމާއެކު ކަނޑޫދޫ ކައުންސިލްގެ ރައީސްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރީހާން އަށް ވަނީ އޮޓަމެޓިކުން ލިބިފަ އެވެ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް އެހެން ކެންޑިޑޭޓަކު ވާދައެއް ނުކުރެ އެވެ.

comment ކޮމެންޓް