މާވަށު ކައުންސިލްގެ ރައީސަށް ހަމަލާދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި

މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ --- ފޮޓޯ/ ފޭސްބުކު

ލ. މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ އަށް ހަމަލާދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަހުމަދު މޫސާ "ސަން" އަށް މިރޭ ވިދާޅުވީ އޭނާއަށް ހަމަލާ ދިނީ ސިޔާސީ ކަމަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ ޕީޕީއެމްގެ މާވަށު ފޭސްބުކް ޕޭޖެއްގައި ޖަހާފައިވާ ލިޔުމަކާ ގުޅިގެން ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެ މައްސަލަ އަޅުގަނޑު ވާނީ ފުލުހުންނަށް ހުށަހަޅާފައި،" އަހްމަދު މޫސާ ވިދާޅުވި އެވެ.

ހަމަލާދިނުމުގެ ކުރިން އޭނާ އަށް އިންޒާރުދީފައިވާ ކަމަށްވެސް އަހްމަދު މޫސާ ވިދާޅުވި އެވެ.

"މިސްކިތް ކައިރީގައި މިކަން ހިނގީ. އަޅުގަނޑާ ދިމާލަށް ވަރަށް ހަޑިހުތުރުކޮށް މުޚާތަބުކުރުމަށްފަހު އަނގަމަތީގަ ޖެހީ. މިހާރު ކުޑަކޮށް ރަނގަޅު އެކަމަކުވެސް ވަރަށް ތަދުވޭ،" އަހްމަދު މޫސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމަލާދިން މީހާއަށް ބަދަލު ހިފުމުގެ ގޮތުން އެއްވެސް އަނިޔާއެއް ދޭން އޭނާ ބޭނުންނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ނުކުރުމަށް މާވަށު ޕީޕީއެމްގެ މެމްބަރުންގެ ކިބައިންވެސް އެދިފައިވާނެ ކަމަށް އަހްމަދު މޫސާ ވިދާޅުވި އެވެ.

"ކޮވިޑްގެ މި ބަލިމަޑުކަމުގައި މިއީ އަޅުގަނޑުމެން އެންމެން އެކަތިކަނޑަކަށް ވެގެން މިކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަންވީ ވަގުތު. ސިޔާސީ ފިކުރު ތަފާތުވެގެން އެކަކު އަނެކަކަށް ހަމަލާދީ ހެދުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑު ތާއީދު ކުރާ ކަމެއް ނޫން،" އަހްމަދު މޫސާ ވިދާޅުވި އެވެ.

comment ކޮމެންޓް