ހައްދުފަހަނައަޅާފައިވާ ނުރައްކާތެރި މީހުންގެ ލިސްޓެއްގައި މަހާތިރު ހިމެނުމުން ރައްދު ދެއްވައިފި

އެމެރިކާގެ ކައުންޓާ އެކްސްޓްރީމިޒަމް ޕްރޮޖެކްޓް (ސީއީޕީ)ގެ ހައްދުފަހަނަ އަޅާފައިވާ މީހުންގެ ލިސްޓުގައި މަހާތިރު މުހައްމަދުގެ ނަން ވަނީ ހިމަނާފަ -- ފޮޓޯ: މެލޭމެއިލް

ނިއު ޔޯކް (ޖެނުއަރީ 13): އެމެރިކާގެ ކައުންޓާ އެކްސްޓްރީމިޒަމް ޕްރޮޖެކްޓް (ސީއީޕީ)ގެ "ހައްދުފަހަނައަޅާފައިވާ ފިކުރުގެ، ދުނިޔޭގެ އެންމެ ނުރައްކާތެރި 20 މީހުން"ގެ ލިސްޓުގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދުގެ ނަން ހިމަނައިފި އެވެ.

ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާ ދެކޮޅަށް މަސައްކަތް ކުރާ އެމެރިކާގެ ނަން-ގަވަމެންޓަލް އޯގަނައިޒޭޝަނެއް ކަމަށްވާ ސީއީޕީގެ އެންމެ ނުރައްކާތެރި ހައްދުފަހަނައަޅާފައިވާ މީހުންގެ ލިސްޓުގެ އެއް ވަނައިގައި އޮތީ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުﷲގެ ނަންފުޅެވެ. އަދި ދެވަނައިގައި އޮތީ އައިއެސްގެ މިހާރުގެ ލީޑަރު އަމީރު މުހައްމަދު ސާއިދު އަބްދުއްރަހްމާން އަލް މައުލާގެ ނަމެވެ.

ސީއީޕީން ބުނި ގޮތުގައި އެ ލިސްޓުގައި ހިމެނެނީ ތަފާތު ފިކުރުތަކާއި ގަބޫލު ކުރުންތައް ގެންގުޅޭ މީހުންގެ ތެރެއިން ހައްދުފަހަނައަޅާފައިވާ އަދި ގައުމީ ސަލާމަތަށް ނުރައްކާ ކަމަށް ބެލެވޭ މީހުންގެ ނަންތަކެވެ. އަދި ލިސްޓުގެ 14އިގައި ވަނީ މަހާތިރުގެ ނަން ހިމަނާފަ އެވެ.

ސީއީޕީގެ ލިސްޓުގައިވާ ގޮތުން މަހާތިރު އަކީ އާއްމު ގޮތެއްގައި ހުޅަނގަށާއި ޔަހޫދީންނަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ. އަދި މިދިޔަ އަހަރު ފްރާންސުގެ ނީސްގައި ދިން ޓެރަރިސްޓު ހަމަލާއަކާ ބެހޭ ގޮތުން މަހާތިރު ދެއްކެވި ވާހަކަފުޅެއްވެސް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ.

އެއީ ރަސޫލާއަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނުތަކެއް ފްރާންސުގެ ސްކޫލެއްގައި ދެއްކި ޓީޗަރަކު މިދިޔަ އޮކްޓޯބަރު މަހުގެ 16ގައި މަރާލުމާ ގުޅިގެން، އޭނާގެ ދިފާއުގައި ރައީސް އިމަނުއެލް މެކްރޮން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން މަހާތިރު ލިޔުއްވި ބްލޮގް ޕޯސްޓެއްގައިވާ ޖުމްލައެކެވެ.

އެއީ "މީގެ ކުރިން ހިންގާފައިވާ ގަތުލްއާއްމުތަކާ ހެދި މުސްލިމުންނަށް ރުޅި އައުމާއި ފްރާންސުގެ އެތައް މިލިއަން މީހުން މެރުމުގެ ހައްގު ލިބިގެންވާ" ކަމަށް މަހާތިރު ވިދާޅުވެފައިވާ ޖުމްލަ އެވެ.

މަހާތިރު ވިދާޅުވި ގޮތުގައި އެ ބްލޮގް ޕޯސްޓުގައި އޭނާ ދެއްކެވި ވާހަކަ ވަނީ އޮޅުވާލާފަ އެވެ. އަދި އެ ޖުމްލައާ ޖެހިގެން އަންނަ ޕެރެގްރާފްގައި އޭނާ ވަނީ "މުސްލިމުން އެގޮތަށް އަމަލު ނުކުރާ ކަމާއި ބަދަލު ނުހިފާކަން" ފާހަގަކޮށްފައި ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ސީއީޕީގެ ލިސްޓާ ގުޅިގެން މަހާތިރު ވަނީ އެމެރިކާގެ ކޮންގްރެސް އިމާރާތަށް ވަދެ، ހަމަނުޖެހުން ހިންގަން ހިތްވަރު ދެއްވި ރައީސް ޑޮނަލްޑް ޓްރަމްޕާއި އިރާގުގައި ނުރައްކާތެރި ހަތިޔާރު ހުރި ކަމަށް ބުނާ ސައްހަ ނޫން ރިޕޯޓުތަކަކާ ހެދި އިރާގު ސުންނާފަތި ކުރި އެމެރިކާ އާއި އިނގިރޭސި ކުރީގެ ލީޑަރުން ކަމަށްވާ ޖޯޖް ޑަބްލިޔު ބުޝް އާއި ޓޯނީ ބްލެޔާ އެ ލިސްޓުގައި ނުހިމެނޭކަން ފާހަގަ ކުރައްވާފަ އެވެ.

"އަނިޔާއާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ މަރާއި ގެއްލުމަށް މަގުފަހިވާ ފަދަ ހަމަނުޖެހުންތަކާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުން ސަލާމަތްވާން ދޫކޮށްލާ އިރު އަޅުގަނޑުގެ ހިޔާލުތަކާ ހެދި އަޅުގަނޑު ކުށްވެރި މިކުރަނީ،" މަހާތިރު ވިދާޅުވި އެވެ.

ސީއީޕީގެ ވެބްސައިޓުގައިވާ ގޮތުން 2014 ވަނަ އަހަރު އުފެއްދި އެޖަމިއްޔާ އަކީ "ކުރީގެ ޑިޕްލޮމެޓުންނާއި ދުނިޔޭގެ ލީޑަރުންތަކެއް" އިސްވެ ތިބޭ ޖަމިއްޔާއެކެވެ.

comment ކޮމެންޓް