އައިޖީއެމްއެޗްގެ ޑިޕާޓްމަންޓެއް ހަދަން ކުރި ހަރަދުތަކުގައި ބޮޑެތި ގޯސްތަކެއް

އައިޖީއެމްއެޗް ހޮސްޕިޓަލް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ރެސްޕިރޭޓަރީ ޑިޕާޓްމެންޓު ހެދުމާއި އެތަނަށް ބޭނުންވާ އިކުިއޕްމެންޓު ހޯދުމުގައި އަމަލުކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމަށް އައިޖީއެމްއެޗުގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ އައިޖީއެމްއެޗުގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި އެ ހޮސްޕިޓަލުގައި ރެސްޕިރޭޓަރީ ޑިޕާޓްމެންޓު ހެދުމާއި އެތަނަށް ބޭނުންވާ ސާމާނު ގަތުމަށް ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކް އަށް ހަވާލުކޮށް ކުރިއަށް ގެންގޮސްފައިވަނީ އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުށަހަޅާފައިވާ ކޮޓޭޝަނާ ހިލާފަށެވެ.

އެގޮތުން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ފިނޭންސް މިނިސްޓްރީ އިން ހުއްދަ ދީފައިވާ ކޮޓޭޝަނުގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އިތުރަށް އެހެން މަސައްކަތްތައް ހިމެނޭގޮތަށް ހުއްދަ ހޯދި ކޮޓޭޝަނުގެ ބަދަލުގައި އާ ކޮޓޭޝަނެއް ހޯދައި، ފިނޭންސް އިން ހުއްދަ ދިން އަގަށްވުރެ 1.2 މިލިއަން ރުފިޔާ ބޮޑުކޮށް މަސައްކަތް ކުރުވާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ އައިޖީއެމްއެޗުގެ ރެސްޕިރޭޓަރީ ޑިޕާޓްމެންޓު ހެދުމަށާއި، އެތަނަށް ބޭންވާ ސާމާނު ހޯޯދުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދާ 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރެސްޕިރޭޓަރީ ޑިޕާޓްމެންޓު ހަދައި، އެތަނަށް ބޭނުންވާ ސާމާނު ހޯދުމަށް އައިޖީއެމްއެޗާއި ސިވެކް އާ ދެމެދު ހެދި އެއްބަސްވުމުގައި އިކުއިޕްމެންޓާއި މެޝިނަރީ އަދި ފަރުނީޗަރުގެ ތަފްސީލު ބަޔާން ކޮށްފައި ނުވާ ކަމަށާއި އެއްބަސްވުމުގެ ދަށުން ލިބިފައިވާ ސާމާނާއި ފަރުނީޗަރަކީ އަދި މެޝިނަރީ އަކީ އައިޖީއެމްއެޗުން ދޭ ހިދުމަތަށް އެކަށީގެެންވާ ފެންވަރުގެ ތަކެތިކަން އޮޑިޓަށް ޔަގީން ކުރެވިފައި ނުވާ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ރެސްޕިރޭޓަރީ ޑިޕާޓްމެންޓުގެ އިކުއިޕްމެންޓާއި މެޝިނަރީ އަދި ފަރުނީޗަރު ގަތުމަށް 25.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިތަކެތި އޮޕަރޭޓް ކުރުމަށް ބޭނުންވާ ބައެއް ސާމާނު ހޯދާފައި ނުވުމުގެ ސަބަބުން ހަތަރު މިލިއަން ރުފިޔާގެ ތަކެތި ބޭނުން ނުކުރެވި ގިނަ ދުވަސް ވެފައިވަކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ޑިޕާޓްމެންޓަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓު ގަތުމަށް ސިވެކް އާ ހަވާލުކޮށްފައިވަނީ ވެސް އުސޫލުން ބޭރުންކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން މެޝިނަރީ އާއި އިކުއިޕްމެންޓު ފަދަ އަގުބޮޑު ތަކެތި ހޯދަންވާނީ އެބާވަތުގެ މުދާ އެތެރެކޮށް ވިއްކާ ތަނަކުން ކަމަށް މާލިއްޔަތު ގަވައިދު ބުނި ނަމަވެސް، އައިޖީއެމްއެޗުން އެ ގަވައިދަށް އަމަލު ކޮށްފައި ނުވާ ކަމަށް އޮޑިޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އެގޮތުން ރެސްޕިރޭޓަރީ ޑިޕާޓްމެންޓަށް ބޭނުންވާ މެޑިކަލް މެޝިނަރީ އާއި އިކުއިޕްމެންޓު ގަތުމަށް ސިވެކް އާ ހަވާލު ކުރިއިރު، އެ ކުންފުންޏަކީ އެ ބާވަތުގެ މުދާ އެތެރެކޮށް އަދި ވެރޮންޓީ ނުވަތަ ގެރެންޓީ ދޭ ފަރާތެއް ނޫންކަން ވަނީ ފާހަގަ ކޮށްފަ އެވެ.

ސިވެކް އިން މި އިކުއިޕްމެންޓު ހޯދާފައިވަނީ އިންޑިއާގެ އެންޔޫ ހޮސްޕިޓަލަށް އައުޓްސޯސް ކޮށްގެންކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެ ހޮސްޕިޓަލަކީ އައިޖީއެމްއެޗުގެ ޔޫރޮލޮޖީ ޑިޕާޓްމެންޓު ހިންގާ ފަރާތަށް ވާއިރު، ސިވެކް މެދުވެރިނުކޮށް، އައިޖީއެމްއެޗުން އެންޔޫ ހޮސްޕިޓަލާ ގުޅިގެން އެ ސާމާނު ހޯދިނަމަ، ތަކެތި ހޯދުމަށް ހިނގި ހަރަދުން 2.6 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް އޮޑިޓްގައި ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން ރެސްޕިރޭޓަރީ ޑިޕާޓްމެންޓަށް ބޭނުންވާ ތަކެތި ހޯދުމަށާއި އެތަނުގެ މަސައްކަތް ކުރުމުގެ ކޮންޓްރެކްޓު އަގަށްވާ 38 މިލިއަން ރުފިޔާ އައިޖީއެމްއެޗުން ސިވެކަށް ދައްކާފައިވާއިރު، އޭގެ ތެރެއިް 2.3 މިލިއަން ރުފިޔާގެ ތަކެތި އައިޖީއެމްއެޗަށް ލިބުނުކަން އެނގޭ ލިޔުންތައް އޮޑިޓަށް ފޯރުކޮށްނުދޭތީ، އެ އަދަދަށްވާ މުދާ އައިޖީއެމްއެޗަށް ބަލައިގެންފައިވާކަން ޔަގީން ނުވާ ކަމަށް ބުނެފައިވެ އެވެ.

ރެސްޕިރޭޓަރީ ޑިޕާޓްމެންޓަށް ގެނައި މުދަލުގެ ތެރެއިން 1.9 މިލިއަން ރުފިޔާގެ ތަކެއްޗަށް ފައިސާ ދައްކާފައިވަނީ، މުދާހުރީ ރަނގަޅަށްތޯ އަދި މުދާ ހަމައަށް ހުރިތޯ ނުބަލާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. މިއީވެސް މާލިއްޔަތު ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމެއްކަން އޮޑިޓް އޮފީހުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް