ވޯގްގެ ކަވާއާ ހެދި ކަމާލާގެ ފޭނުން ރުޅި ގަދަވެއްޖެ

ކަމާލާ ހެރިސް ގެ ވޯގް ކަވާއެއް --- ފޮޓޯ: ސީއެންއެން

މަޝްހޫރު ފެޝަން މެގަޒިން، ވޯގް ގެ ފެބްރުއަރީ މަހުގެ ކަވާގައި ހިމެނި އެމެރިކާގެ އިންތިހާބީ ނައިބު ރައީސް ކަމާލާ ހެރިސްގެ ފޮޓޯއަކާއި ހެދި އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ޖެނުއަރީ 20 އެއްގައި އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން އާއި ކަމާލާ މަގާމާއި ހަވާލުވާއިރު، މި ފޮޓޯއަށް އެހާ ބޮޑެތި ފާޑުކިޔުން އަމާޒުވަމުންދަނީ މާ އާދައިގެކޮށް ކަމާލާ ފެންނަން ހުރުމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކަމާލާގެ ޓީމުން އުންމީދުކުރީ ކަޅު ޖެކެޓާއި ސްނީކާސްގައި ކަމާލާ ފެންނަ މި ފޮޓޯއަކީ މެގަޒިންގެ ކަވާއަށް ވުމުގެ ބަދަލުގައި އެތެރެެއިން ފެންނާނެ ފޮޓޯއެއް ކަމަށެވެ. އަދި ކަވާއިން އިން ފެންނާނެ ކަމަށް އުންމީދުކުރީ ރަންކުލަައިގެ ބެކްރައުންޑެއްގައި މަޑު ނޫކުލައިގެ ސޫޓްއެއް ލައިގެން އޭނާ ހުންނަ ފޮޓޯ އެކެވެ.

އާދިއްތަ ދުވަހު ލީކުވެފައިވާ ވޯގް ކަވާގެ މި ފޮޓޯއާއިއެކު ސޯޝަލް މީޑިއާގައި ކަމާލާގެ ޓީމު ހޫނުފެނަށް ވެއްޓިފައިވާއިރު، ފެހި ކުލައާއި ފިޔާތޮށި ބެކްރައުންޑެއްގައި އޭނާ ފެންނަ މި ފޮޓޯއިން ނައިބު ރައީސަށް ލިބެންޖެހޭ އިހްތިރާމްވެސް ގެއްލޭ ކަމަށް އެއްބަޔަކު އަންނަނީ ބުނަމުންނެވެ.

ވޯގް އިން ފަހުން ޝާއިރުކުރި ކަމާލާގެ ކަވާއެއް-- ފޮޓޯ:ސީއެންއެން

ޓްވިޓާގައި އެއްބަޔަކު އައީ މިއީ ފޭކު ފޮޓޯއެއްތޯވެސް ސުވާލުކުރަމުންނެވެ. ނަމަވެސް ވޯގް ގެ އިންވަނީ މިއީ އަސްލު ފޮޓޯއެއްކަން ޔަގީންކޮށްދީ އިތުރު ކަވާއެއްވެސް ޝާއިރުކޮށްފަ އެވެ. ނަމަވެސް ވޯގްއިންވެސް އަސްލު ބޭނުންކުރަނީ ކޮން ފޮޓޯއެއްކަން މިހާތަނަށްވެސް ހާމަކޮށްފައެއް ނުވެ އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ކަމާލާގެ ޓީމުން ވަނީ ޑިސެމްބަރުގައި ނެގި މި ފޮޓޯ ޝޫޓް އަލުން ނެގުމަށްވެސް ވޯގްގައި އެދިފަ އެވެ.

ވޯގް އިން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައިވާގޮތުން "ކެޝުއަލް" ކޮށް ކަމާލާ ފެންނަންހުރި ފޮޓޯތަކުން ދައްކުވައިދެނީ ކަމާލާގެ އަސްލު މިޒާޖާއި، އޭނާއަކީ އާންމުންނާއި ގުޅޭ އަދި ފަސޭހައިން އެޕްރޯޗްކުރެވޭނެ މީހެއް ކަމެވެ.

މި ހާލަތުގެ ހައްސާސްކަމާއި، ތާރީީހީ ކަމަށް ދޭ އަހަންމިއްޔަތާއި އެކު މުސްތަގުބަލުގައި ކަމާލާ އަދާކުރަންޖެހޭ މުހިންމު ރޯލަށްޓަކައި މި ދެ ކަވާވެސް ޑިޖިޓަލީ ބޭނުންކުރާނެކަމަށް ވޯގްއިން ވަނީ ބުނެފަ އެވެ.

މި ދެ ފޮޓޯވެސް ނަގާފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މެގަޒިންއަށް ބިޔޯންސޭގެ ފޮޓޯވެސް ނަގާދިން އަދި އެމެރިކާގެ ވޯގްގެ ކަވާ ފޮޓޯއެއް ނެގި ފުރަތަމަ ކަޅު ނަސްލުގެ ފޮޓޯގްރާފަރު ކަމުގައިވާ ޓައިލާ މިޗެލް އެވެ.

ވޯގްއިން ބުނާގޮތުން އެޕަލް ގްރީން އާއި ޕިންކް ސެލްމަން ބެކްރައުންޑްއަކީ ހަވާޑް ޔުނިވާސިޓީގެ އަލްފާ ކަޕާ އަލްފާއިންނެވެ. މިއީ އެމެރިކާގެ ތާރީހުގައި އެންމެ ފުރަތަމަ އެފްރިކަން އެމެރިކަން އަންހެން ދަރިވަރުންގެ ޔޫނިއަން ނުވަތަ ސޮސައިޓީ އެވެ. އަދި ވޯގުގެ ލިޔުމުގައިވާގޮތުން މި ފޮޓޯތަކުން ފެންނަ ކަމާލާގެ ސްޓައިލްއަކީ އޭނާގެ އަމިއްލަ ޗޮއިސް ތަކެކެވެ.

comment ކޮމެންޓް