ވެއްޓުނު އިންޑޮނޭޝިއާ ބޯޓުގެ ބައިތަކާއި މީހުންގެ ގުނަވަންތަކެއް ފެނިއްޖެ

އިންޑޮނޭޝިއާއިން ގެއްލުން ސްރީވިޖަޔާ އެޔާގެ ބޯޓުގެ ބައިތައް ވަނީ ފެނިފަ -- ފޮޓޯ: އޭއެފްޕީ

ޖަކާޓާ (ޖެނުއަރީ 10): އިންޑޮނޭޝިއާގެ ޖަކާޓާއިން އިއްޔެ ނައްޓާލި ފަހުން ކަނޑަށް ވެއްޓުނު ސްރީވިޖަޔާ އެއާގެ މަތިންދާބޯޓުގެ ބައިތަކާއި އެ ބޯޓުން ދަތުރު ކުރި މީހުންގެ ކަމަށް ބެލެވޭ ގުނަވަންތައް ފެނިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އިންޑޮނޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރު ބުޑީ ކަރިޔާ ސުމަދީ ވިދާޅުވި ގޮތުގައި އެ ބޯޓު ވެއްޓުނު ކަމަށް ބެލެވެނީ ޖާވާ ކަނޑަށެވެ. އަދި އެ ސަރަހައްދުން ބޯޓުގެ ދަގަނޑު އެތިކޮޅުތައް ކަމަށް ބެލެވޭ ބައިތަކާއި މީހުންގެ ގުނަވަންތަކާއި އަންނައުނު ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑޮނޭޝިއާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ވެއްޓުނު ބޯޓާ އެންމެ ފަހުން ގުޅުނު ސަރަހައްދުން އެ ބޯޓުގެ ސިގްނަލެއް ވަނީ ޑިޓެކްޓު ކުރެވިފަ އެވެ.

"އެ ސިގްނަލް ލިބުނު ތަން ހޯދާ، ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމަށް އަޅުގަނޑުމެންގެ ކަނޑުގެ ސިފައިންގެ އެލީޓް ޔުނިޓުގެ ޑައިވަރުން ވަނީ ފޮނުވާފަ،" އަސްކަރިއްޔާގެ ވެރިޔާ ވިދާޅުވި އެވެ.

ފްލައިޓްރޭޑާ24ގައިވާ ގޮތުން ސްރިވިޖަޔާ އެއާގެ ފްލައިޓް އެސްޖޭ182 ޖަކާޓާއިން އެގައުމުގެ ބޯނިއޯގައި އޮންނަ ޕޮންޓިއަނަކްއަށް ދާން ދަތުރު ފަށަން ހަމަޖެހިފައި އޮތީ އެގައުމުގެ ގަޑިން 13:40ގަ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ފްލައިޓު ނައްޓާލީ 14:36ގަ އެވެ. އަދި 14:40ގައި އެ ބޯޓާ ގުޅުން ކެނޑި، ގެއްލުނެވެ.

ފްލައިޓްރޭޑާ24ގައިވާ ގޮތުން އެ ބޯޓު ގެއްލުމުގެ ކުރިން އެއް މިނިޓު ތެރޭ 10،000 ފޫޓު ތިރިއަށް ވެއްޓުނެވެ. އަދި ބޯޓު ގެއްލުނީ ޖަކާޓާގެ ސުކަރުނޯ ހަތާ އިންޓަނޭޝަނަލް އެއާޕޯޓުގެ އުތުރުން 11 ނޯޓިކަލް މޭލު ދުރުންނެވެ.

އެ ބޯޓު ވެއްޓުނު ކަމަށް ބެލެވޭ ގަޑީގައި އެއްޗެއް ގޮވާ މަންޒަރު ފެނި، އަޑު އިވުނު ކަމަށް އެ ސަރަހައްދާ ކައިރީގައި ތިބި ބައެއް މީހުން ބުންޏެވެ.

ބްލޫމްބާގް ނޫހުން ރިޕޯޓު ކުރި ގޮތުގައި އެ ބޯޓުގައި 62 މީހުން ތިއްބެވެ. އަދި އޭގެ ތެރޭގައި 10 ކުޑަކުދިން ހިމެނެ އެވެ.

ބީބީސީން ރިޕޯޓު ކުރި ގޮތުގައި އެ ބޯޓުގެ ރެޖިސްޓްރޭޝަން މައުލޫމާތުގައިވާ ގޮތުން އެއީ 27 އަހަރުވެފައިވާ، ބޯއިން 737-500 މަރުކާގެ ބޯޓެކެވެ. އަދި އެއީ 2018 އާއި 2019 ވަނަ އަހަރު ވެއްޓުނު ބޯއިން 737 މެކްސް މަރުކާގެ ބޯޓުތަކަށް ވުރެ ޒަމާންވީ މޮޑެލްއެކެވެ.

ބޯއިން 737 މެކްސް މަރުކާގެ ބޯޓުތަކުގެ ތެރެއިން 2018އިގައި ވެއްޓުނީ އިންޑޮނޭޝިއާގެ ލަޔަން އެއާގެ ބޯޓެކެވެ. އެބޯޓުގައި 189 މީހަކު ތިއްބެވެ. އަދި އޭގެ ފަސް މަސް ފަހުން ވެއްޓުނު އެ މަރުކާގެ ބޯޓަކީ އިތިއޯޕިއަން އެއާލައިންސްގެ، 157 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ބޯޓެކެވެ.

ސްރިވިޖަޔާ އެޔާގެ ބޯޓާ ބެހޭ ގޮތުން ސީއެންއެންއިން ބޯއިންއާ ސުވާލު ކުރުމުން އެ ކުންފުނިން ވަނީ ގެއްލިފައިވާ ބޯޓާ ބެހޭ ގޮތުން މީޑިއާއިން މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ހާދިސާ ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް