ކޮންގްރެސް އިމާރާތުގައި ހިންގި ހަމަނުޖެހުންތައް ޓްރަމްޕް ކުށްވެރި ކުރައްވައިފި

އެމެރިކާގައި ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް އިންތިޒާމުތަކާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ޓްރަމްޕް ވިދާޅުވި -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ޖެނުއަރީ 8): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު މިދިޔަ ބުދަ ދުވަހު ކޮންގްރެސް އިމާރާތަށް ވަދެ ހިންގި ހަމަނުޖެހުންތައް ރައީސް ކުށްވެރި ކުރައްވައިފި އެވެ.

ޓްވިޓާ މެދުވެރިކޮށް އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ޓްރަމްޕް ވިދާޅުވީ ކޮންގްރެސް އިމާރާތަށް ވަތް މީހުންނަކީ އެމެރިކާ ތަމްސީލު ކޮށްދޭ ބައެއް ނޫން ކަމަށެވެ. އަދި ގާނޫނާ ހިލާފުވި މީހުންނަށް އޭގެ އަދަބު ލިބޭނެ ކަމަށެވެ.

"ކޮންގްރެސް އިމާރާތަށް ވަތް އެއްވުމުގެ ބައިވެރިން ވަނީ އެމެރިކާގެ ޑިމޮކްރަސީގެ ސީޓު ހަޑިކޮށްފަ. ހަމަނުޖެހުން ހިންގުމާއި ގެއްލުން ދިނުމުގައި ބައިވެރިވި މީހުން، ތިއީ ގައުމު ތަމްސީލުކޮށްދޭ ބައެއް ނޫން. އަދި ގާނޫނާ ހިލާފުވި މީހުންނަށް އަދަބު ލިބޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވި ގޮތުގައި އެގައުމުގެ ކޮންގްރެސް އިން ވަނީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ބަލައިގަނެފަ އެވެ. އަދި މި މަހުގެ 20ގައި އާ ރައީސަކު ވެރިކަމުގެ ހުވާ ކުރައްވާ އިރު ޓްރަމްޕްގެ ދައުރުގެ އެންމެ ފަހު ދުވަސްތަކުގައި އިސްކަން ދެއްވާނީ ސުލްހަވެރިކަމާ އެކު ވެރިކަން ހަވާލު ކުރުމުގެ މަސައްކަތަށެވެ.

މިދިޔަ ބުދަ ދުވަހު ކޮންގްރެސްގެ ހައުސް އާއި ސެނެޓުގެ ބައްދަލުވުމުގައި ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެންއަށް ލިބުނު އިލެކްޓޯރަލް ވޯޓުތައް ގުނަމުން ދަނިކޮށް، ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު ކޮންގްރެސްއަށް ވަނީ އޭނާގެ ރެލީއެއްގައި ބައިވެރިވުމަށް ފަހުގަ އެވެ. އެ ރެލީގައި ކޮންގްރެސް ކައިރިއަށް އެއްވުމަށާއި މުޒާހަރާގެ ބައިވެރިންނާ އެއްކޮށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް ކޮންގްރެސްއަށް އެ މީހުން ވަތް ފަހުން ޓްރަމްޕް ވަނީ "ސުލްހައަށްޓަކައި އެމީހުން އަނބުރާ ގެޔަށް ދިޔުމަށް" ޓުވިޓާ މެދުވެރިކޮށް އެދިލައްވާފަ އެވެ. އަދި އިންތިހާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުތައް އަނެއްކާވެސް ތަކުރާރު ކުރައްވާފަ އެވެ.

އޭގެ ފަހުން ޓުވިޓާއިން ޓްރަމްޕްގެ އެކައުންޓު 12 ގަޑި އިރަށް ބޭނުން ނުކުރެވޭ ގޮތަށް ސަސްޕެންޑު ކުރި އެވެ. އަދި އެ 12 ގަޑި އިރަށް ފަހު ޓުވިޓާއިން ޓްރަމްޕްގެ އެކައުންޓު ބޭނުން ކުރަން ހުއްދަ ދިން ނަމަވެސް ފޭސްބުކުން ވަނީ ވެރިކަން ބަދަލު ވަންދެން ޓްރަމްޕަށް އޭނާގެ ފޭސްބުކް އެކައުންޓު ބޭނުން ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އެ ކުންފުނިން އެންމެ ފުރަތަމަ ޓްރަމްޕްގެ އެކައުންޓު ސަސްޕެންޑު ކުރީ 24 ގަޑި އިރަށެވެ.

comment ކޮމެންޓް