ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރަތަށް ވަނުމުން އަނިޔާވި ފުލުހަކު މަރުވެއްޖެ

ކޮންގްރެސް އިމާރާތުގެ ކައިރީ ޖަހާފައިވާ ބެރިކޭޑުތައް ދެކޮޅުގައި ފުލުހުންނާއި ޓްރަމްޕްގެ ސަޕޯޓަރުން -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ޖެނުއަރީ 8): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު މިދިޔަ ބުދަ ދުވަހު ކޮންގްރެސް އިމާރާތަށް ވަދެ ހިންގި ހަމަނުޖެހުންތަކުގައި އަނިޔާވި ފުލުހަކު މަރުވެއްޖެ އެވެ.

ކޮންގްރެސް އިމާރާތުގެ ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ބުދަ ދުވަހު ޑިއުޓީގައި ހުއްޓާ އަނިޔާވަ އޮފިސަރު ބްރަޔަން ސިކްނިކް ވަނީ އެ އަނިޔާތަކުގެ ސަބަބުން އިއްޔެ މަރުވެފަ އެވެ. އަދި ޑީސީ މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމެންޓާއި އެހެން ފެޑެރަލް އިދާރާތަކުންވެސް ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

ސިކްނިކް އަކީ ކޮންގްރެސް އިމާރާތުގައި ހިންގި ހަމަނުޖެހުންތަކުގައި މަރުވި ފަސް ވަނަ މީހާ އެވެ. މީގެ ކުރިން ފުލުހުން ބަޑި ޖެހުމުން އެކަކު މަރުވެ، ތަފާތު ސިއްހީ ސަބަބުތަކާ ހެދި ތިން މީހަކު މަރުވެފައިވެ އެެވެ. އަދި އިތުރު 14 އޮފިސަރުންނަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ.

ވޮޝިންޓަން ޑީސީގެ ފުލުހުން ބުނި ގޮތުގައި އެ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 68 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުންގެ އަތުން ބަޑި އާއި ޕެޓްރޯލް ބޮން ފަދަ ތަކެތި ފެނިފައިވެ އެވެ.

ޓްރަމްޕަށް ތާއިދު ކުރާ މީހުން މިދިޔަ ބުދަ ދުވަހު ކޮންގްރެސް އިމާރާތަށް ވަނީ، އެ ދުވަހު ގައުމުގެ ވެރިރަށުގައި މުޒާހަރާ ކުރުމަށް އޭނާ ތަކުރާރުކޮށް ގޮވާލެއްވި ފަހުންނެވެ. އަދި އެ ދުވަހު ރެލީއެއް ބާއްވަވާ، ކޮންގްރެސް ކައިރިއަށް އެއްވުމަށް ހިތްވަރު ދެއްވި ފަހުންނެވެ.

އެ މީހުން ކޮންގްރެސް ކައިރިއަށް އެއްވީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެންއަށް ލިބުނު އިލެކްޓޯރަލް ވޯޓުތައް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އާއި ސެނެޓުގެ ބައްދަލުވުމެއްގައި ގުނަމުން ދަނިކޮށެވެ. އަދި މުޒާހަރާގެ ބައިވެރިން ކޮންގްރެސްއަށް ވަނުމުން އެ ބައްދަލުވުން މެދުކަނޑާލާ، މެމްބަރުން ރައްކާތެރި ކުރުމަށް ފިޔަވަޅު އަޅަން ޖެހުނެވެ.

އޭގެ ފަހުން ކޮންގްރެސް އިމާރާތް އާއްމު ހާލަތަށް ގެނެވިފައިވާކަން ޑީސީގެ އޮފިޝަލުން އިއުލާން ކުރީ ހަމަނުޖެހުންތައް ފެށިތާ ގާތްގަނޑަކަށް ހަތަރު ގަޑި އިރު ފަހުންނެވެ. އަދި ހައުސް އާއި ސެނެޓުގެ ބައްދަލުވުން އަލުން ކުރިއަށްގެންގޮސް، އާ ރައީސް އަކީ ބައިޑެން އަދި ނައިބު ރައީސް އަކީ ކަމަލާ ހެރިސްކަން ކޮންގްރެސްއިން އިއުލާން ކުރި އެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ޓްރަމްޕަށް ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް އިއްޔެ ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ޓްރަމްޕް ވަނީ ކޮންގްރެސްއަށް ދިން "ހަމަލާ" ކުށްވެރި ކުރައްވާފަ އެވެ. އަދި މިހާރު އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ "ވެރިކަން ބަދަލު ކުރުމުގެ މަސައްކަތްތަކަށް" ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް